އެސްއީޒެޑްގެ ޤާނުނުގެ ދަށުން ހުއްދަދިން ފުރަތަމަ މަޝްރޫޢުކަމުގައިވާ 150 މެގަވޮޓްގެ އަވިން ހަކަރަ އުފައްދާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވަޒީރު ޞައީދު ވިދާޅުވީ މިމަޝްރޫޢުގެ ލައިސެންސް އޮކްޓޯބަރު މަހު ދޫކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
މި މަޝްރޫޢުގައި ތަރައްޤީކުރަނީ 150 މެގަވޮޓްގެ ފްލޯޓިން ފޮޓޯ ވޯލްޓައިކް(ޕީވީ) ނިޒާމެކެވެ. އެއީ މޫދުގައި ނުވަތަ ކަނޑުގެ ސަތަހައިގައި، ފެނުންމަތީގައި ބަހަޓާ އަވިން ހަކަތަ އުފައްދާ ނިޒާމެކެވެ. މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދަނީ ގްރޭޓަރ މާލެ ސަރަޙައްދަށް ކަރަންޓު ފޯރުކޮށްދިނުމަށްކަމަށެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެދަށުން އުފްދާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓް، ސްޕެޝަލް އިކޮނޮމިކް ޒޯންއިން މިއަހަރުގެ މޭ މަހުގެ ތެރޭގައި ހުއްދަދިން މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ކެނެޑާގެ އެބްރަޒަސް ޕަވާ ކޯޕް ކުންފުންޏާއެވެ. އަދި އެކުންފުންޏާއި ގުޅިގެން މަސައްކަތްކުރާނީ ސަން-ގްރޯ ޕަވަރ ސަޕްލައި ކޯ ލިމިޓެޑް ކިޔާ ކުންފުންޏެކެވެ.
ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ރާއްޖެމިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވަމުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖެއިން ބޭރު ފައިސާ އެންމެ ގިނައިން ހޭދަކުރަނީ ތެޔޮގަތުމަށްކަމަށެވެ.
އެގޮތުން ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން 500 މިލިޔަން ޑޮލަރާއި 600 މިލިއަން ޑޮލަރާއި ދެމެދުގެ ޢަދަދަކަށް ތެޔޮ ގަތުމަށް ޚަރަދުކުރާކަމަށެވެ. ވަޒީރު ސަޢީދު ވިދާޅުވީ އެސްއީޒެޑްގެ ފުރަތަމަ މަޝްރޫޢައެކު ތެޔޮގަތުމަށް ކުރާ ހޭދައިގެ ބޮޑުބައެއް ސަލާމަތްކުރެވޭނެކަމަށެވެ.
"ޕްރޮޖެކްޓްގެ ހުރިހާ މަސައްކަތެއް، އެއީ ކޮމާޝަލް ކޮންޓްރެކްޓްކަމަށްވިޔަސް، ޓެކްނިކަލް ކޮންޓްރެކްޓްވިޔަސް، އަދި އެކަމާ ގުޅިގެން ހަދަންޖެހޭ އީއައިއޭ އާއި އެންވަރަޔަރަމަންޓަލް މަސައްކަތްތައް އެދަނީ ނިމެމުން. އަޅުގަނޑުމެން އުއްމީދަކީ، އޮކްޓޫބަރު މަހު ފުލް ލައިސެންސް ސީފައި، ނޮވެމްބަރު މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުން. އަދި 3 އަހަރުގެ ތެރޭގައި 100 މެގަވޮޓްގެ ކަރަންޓު އުފެއްދުން" ވަޒީރު ވިދާޅުވިއެވެ.
މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާއިރު އެންމެ ފުރަތަމަ މިމަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވަނީ މަޝްރޫޢަށް ބޭނުންވާ ދިރާސާތައް ހެދުމާއި ތަފްސީލީ ކުރެހުންތަކާއި ސްކޯޕް ތައްޔާރުކުރުމުގެ މަސައްކަތްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން އަވިން ހަކަތަ އުފައްދާ ނިޒާމު ބެލެހެއްޓުމާއި ބެޓެރި ސިސްޓަމްތަކާއި އަދި މިނިޒާމު ރަށްރަށާއި ގުޅާލުމަށް ބޭނުންވާ އިންޓަރކަނެކްޝަން ވިއުގަވެސް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.