ޚަބަރު

ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަށް އައްޑުއަށް ސީދާ ފްލައިޓުތައް އަންނަން ޖެހޭ: ވަޒީރު ފައިޞަލް


  • ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަށް 25 މިލިއަން ޑޮލަރު ބޭނުންވޭ

  • ޝަންގްރިއްލާ ކުންފުނީގެ ވެރިންނާ ބައްދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައި

ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަށް އައްޑުއަށް ސީދާ ފްލައިޓުތައް ގެންނަން ޖެހޭކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާއިބެހޭ ވަޒީރު މިހެން ވިދާޅުވީ، ޑެސްޓިނޭޝަން އައްޑޫ ނަމުގައި އައްޑޫގައި ބޭއްވި ސަމިޓް ފެށުމުގެ ރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ވަނީ އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަކުރައްވާ ވަޒީރު ފައިޞަލް ވިދާޅުވީ، މިހާތަނަށް އެކަމުގައި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އައްޑޫއަށް ނިސްބަތްވާ މަޖިލިސް މެންބަރުންތަކަކާއެކު ޝަންގްރިއްލާގެ ފަރާތްތަކާ ބައްދަލުކުރައްވާ އެކަމުގެ މަޝްވަރާތައް ކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުން ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމާއި، ތަން މަރާމާތުކުރުމަށް ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހިފައިވާކަން ފާހަގަކުރެވިފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އެބައްދަލުވުމުގައި އަޅުގަނޑުމެން ވާހަކަ ދެއްކީ ކިހިނެތްތޯ ޝަންގްރީއްލާ އޮޕަރޭޝަނަށް ގެނެވޭނީ. ބެލިއިރު އަޅުގަނޑަށް ޤަބޫލުކުރެވުނީ ވަރަށް ބޮޑަށް ރެނޮވޭޝަން މަސައްކަތްތަކެއް ކުރެވިގެންނޭ. އެއީ ވަރަށް ބޮޑަށް ވަގުތު ނަގާނެވެސް ކަމެއް. 25 މިލިއަން ޑޮލަރު އެކަމަށް ހޭދަވާނެ ކަމެއް އެއީ." ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަށް މިހާރުވެސް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށެވެ. އެގޮތުން ހަމައެކަނި ރިސޯޓު ހުޅުވުމަކުން އޭގެ ފައިދާ ނުލިބޭނެކަން ފާހަގަކުރައްވާ، އެކަމުގެ މަންފާ ހޯދުމަށް އައްޑޫއަށް ސީދާ ފްލައިޓު ގެނައުމަށް ބައެއް އެއަލައިންތަކާއެކު މަޝްވަރާތައް ކުރިއަށްދާކަން ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރެއެވެ.

"އަޅުގަނޑަށް މިހާރު މިވީ 9 މަސް ދުވަހުން ޤަބޫލު ކުރެވުނީ. ފުރަތަމަ ކަމަކަށް ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަށްވެސް އައްޑޫއަށް އެބަޖެހޭ ޑައިރެކްޓް ފްލައިޓު ގެނެވެން. އެ އުއްމީދު އައްޑޫގައި އިންވެސްޓް ކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް، އައްޑޫގައި އެނދުތަރައްޤީކޮށް އެތަންތަން ބަނދުކޮށްފައި ތިބި ވިޔަފާރިވެރިންނަށް އެ އުއްމީދު ނުފެނިއެއް އެކަމެއް ނުކުރާނެ. " ވަޒީރު ވިދާޅުވިއެވެ.

ޝަންގްރިއްލާ ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދަފުޅުކަށްވާއިރު، ޝަންގްރިއްލާގެ މެނޭޖްމެންޓާއެކު މީގެ ކުރިން ފަތުރުވެރިކަމާބެހޭ ވަޒީރު ވަނީ ދެ ބައްދަލުވުމެއް ބާއްވާފައެވެ. އަދި މިކަން ކުރެވޭނެ ގޮތްތައް ސަރުކާރުން ބަލަމުން އަންނައިރު ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމުގެ ސަބަބުން ރިސޯޓު އަލުން ހުޅުވުމަށް ބޮޑެތި މަރާމާތުތަކެއް ވަނީ ކުރަން ޖެހިފައިވެއެވެ.