މޯލްޑިވްސް އިސްލާމިކް ބޭންކުގެ ގެސްޓްހައުސް ސިންޕޯސިއަމް ފަށައިފިއެވެ. މިއީ އެ ބޭންކުން ގެސްޓްހައުސް ސިންޕޯސިއަމް ބާއްވާ 3 ވަނަ އަހަރެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގެސްޓްހައުސް ސިންޕޯސިއަމް 2026 ކުރިއަށްދާނީ 1 ދުވަހުގެ ނިޔަލަށް ބާސެލޯ ނަސަންދުރާގައެވެ.
އިސްލާމިކް ބޭންކުން ބުނީ މި ސިމްޕޯޒިއަމްގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ ގެސްޓްހައުސް ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި މި ދާއިރާގެ ތަޖުރިބާކާރުން އެއްތަނަކަށް ގެނެސް ގެސްޓްހައުސް ސިނާއަތާއި ގުޅޭގޮތުން މަޝްވަރާކުރުންކަމަށެވެ.
ގެސްޓްހައުސް ސިންޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ މުފައްދަލް އިދްރީސް ކުމްރީ ވަނީ ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ގެސްޓްހައުސްތަކަކީ މިހާރު 2ވަނަ ތަނބުކަމަށެވެ. ގެސްޓްހައުސް ސިނާއަތުގެ ސަބަބުން ރަށްރަށުގެ އާންމުންނާއި އަދި ވިޔަފާރިތަކަށް މިކަމުގެ މަންފާ ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ގެސްޓްހައުސް ސިނާއަތުގެ ސަބަބުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ހުޅުވިގެން ދިޔަކަން ވަނީ ފާހަގަކޮށްފައެވެ.
މިއަހަރުގެ އެމްއައިބީ ގެސްޓްހައުސް ސިންޕޯސިއަމްގެ ތީމްއަކީ "ބިއޯންޑް ދަ ސްޓޭ: ބިލްޑިންގ ދަ ގެސްޓްހައުސް އޮފް ޓުމޯރޯ" އެވެ. އެމްއައިބީގެ ސީއީއޯ ވިދާޅުވީ، ގެސްޓްހައުސް ސިނާއަތް ކުރިއެރުވުމަށްޓަކައި އެ ބޭންކުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން އެމްއައިބީން ދަނީ ގެސްޓްހައުސް އޮޕަރޭޓަރުންނަށް މި ދާއިރާއަށް އިންވެސްޓްކުރުމަށް އިސްލާމިކް ފައިނޭންސިންގެ ފުރުސަތުތައް ފަހިކޮށްދެމުންކަން ފާހަގަކުރެއްވިއެވެ.
މިއަހަރުގެ އެމްއައިބީ ގެސްޓްހައުސް ސިންޕޯސިއަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 200 ފަރާތުން ބައިވެރިވެއެވެ. އަދި މި ސިންފޯސިއަމްގެ ތެރެއިން މިއަހަރު މުޅިން އަލަށް ގެސްޓްހައުސް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ތިން ދާއިރާއަކުން ޖުމްލަ 12 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގެސްޓްހައުސް ސިނާއަތަކީ މިވަގުތު ރާއްޖޭގައި ކުރިއަރަމުން އަންނަ ދާއިރާއެކެވެ. މިވަގުތައް ބަލާލާއިރުވެސް ރާއްޖޭގައި 931 ގެސްޓްހައުސްއެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 16،000 އިން މައްޗަށް އަރައެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން %21.8 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.