ޚަބަރު

ހާދިސާތަކުން އަރައިގަތުމަށް މާލެ ސިޓީ ވިލުންތެރިކުރުމާ ގުޅޭގޮތުން ތަމްރީން ޕްރޮގުރާމެއް ފަށައިފި


  • އަރބަން ހިރާސްތައް ކުޑަކުރުމާ ބެހޭގޮތުން މަޢުލޫމާތު ދޭނެ

  • ތަމްރީން ހިންގަނީ މޭކިން ސިޓީސް ރެސިލިއެންސް ކެންޕެއިންގެ ދަށުން

  • ތަމްރީން ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލާއި އެންޑީއެމްއޭ ގުޅިގެން

ހާދިސާތަކާއި ކާރިސާތަކުން އަރައިގަތުމަށް މާލެ ސިޓީ ވިލުންތެރިކުރުމާ ގުޅޭގޮތުން ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މި ތަމްރީން ޕްރޮގްރާމަކީ މޭކިން ސިޓީސް ރެސިލިއެންޓް، އެމްސީއާރު 2030ގެ ދަށުން ކާރިސާތަކާއި ހާދިސާތަކުން ލިބޭ ގެއްލުންތަކަށް އިޖާބަ ދިނުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދާ މިފަދަ ކާރިސާތަކަށް ވިލުންތެރިން ތަނަކަށް މާލެ ސިޓީ ހެދުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ތަމްރީން ޕްރޮގްރާމެކެވެ.

"މޭކިން ސިޓީސް ރެސިލިއެންސް" އެމްސީއާރު 2030 ގެ ނަމުގައި ހިންގާ ކެމްޕޭނަކީ ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން، ޔޫއެންޑީއާރްއާރްއިން އިސްނަގައިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ ބޮޑެތި ސިޓީތަކުގައި ކުރިއަށްގެންދާ ކެމްޕޭނެކެވެ.

މި ކެމްޕޭނުގެ ބޭނުމަކީ ސިޓީ ކައުންސިލްތަކުން އިސްނަގައިގެން ކާރިސާތަކަށް އިޖާބަދިނުމުގެ ޤާބިލުކަމާއި ތައްޔާރުކަން އިތުރުކޮށް މުޖުތަމުގެ ބައިވެރިވުމާއެކު އެކަމުން އަރައިގަތުމަށްކުރާ މަސައްކަތް މުއައްސަސާތަކުން ގުޅިލާމެހިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމުވެ.

މި ކެމްޕޭނުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް ރެސިލިއެންސް މަގުޗަރޓެއް ފަރުމާކޮށް، ކާރިސާތަކަށް އިޖާބަދިނުމާއި އަރައިގަތުމާ ގުޅޭގޮތުން މުއައްސަސާތައް ހޭލުންތެރިކުރުމާއި ސިޓީތަކަށާއި ކާރިސާތަކަށް ވިލުންތެރި ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަރުހަލާތައް އެކަށައެޅުމެވެ. މިގޮތުން ރާއްޖޭގައި މި ކެމްޕޭނުގެ ދަށުން ހަރަކާތްތައް ހިންގަނީ މާލެ ސިޓީ ކައުންސިލާއި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއާ ގުޅިގެންނެވެ.

އަރބަން ހިރާސްތައް ކުޑަކުރުމާއި އެމްސީއާރު 2030 ކެމްޕޭނުގެ އޮނިގަނޑާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގުރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ، މާލެ ސިޓީއަކީ ކާރިސާތަކަށް ވިލުންތެރިތަނަކަށް ހެދޭނެ މުއައްސަސާތަކާއި އެންމެން ގުޅިގެން ކުރެވޭ މަސައްކަތަކުން ކަމަށެވެ.

މި ތަމްރީން ޕްރޮގްރާމުގެ ތެރެއިން ކާރިސާތަކުން އަރައިގަނެވޭނެ ގޮތްތަކާއި ދުރާލާ ކާރިސާތަކުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޢުލޫމާތު ދެވޭނެކަމަށް ޙިސާން ޙަސަން ވިދާޅުވިއެވެ.

"އެމްސީއާރު 2030 އަކީ ކާރިސާތަކުން ރައްޔިތުން ރައްކާތެރިކުރުމަށާއި ދުރާލާ ކާރިސާތަކަށް ރައްކާވެތިބުމަށް މާލެ ސިޓީ ކައުންސިލާއެކު ކުރިއަށް ނެގޭ ވަރަށް މުހިންމު ފިޔަވަޅެއް." ޙިސާން ޙަސަން ވިދާޅުވިއެވެ.

ތަމްރީން ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މި ދުވަސްވަރަކީ ރާއްޖެއަށް ޤުދުރަތީ ކާރިސާތައް ގިނަ ދުވަސްވަރެއްކަމަށާއި އެގޮތުން ފެންބޮޑުވުމާއި އުދަ އެރުންފަދަ ހާދިސާތައް ހިނގާކަން މޭޔަރ ފާހަގަކުރެއްވިއެވެ. އަދި މިކާރިސާތަކުން ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް މޭޔަރ ވިދާޅުވިއެވެ.

ޢާޒިމް ވިދާޅުވީ މި ކެމްޕޭނުގެ ދަށުން މާލެ ސިޓީއަކީ ކާރިސާތަކަށް ވިލުންތެރި ތަނަކަށްހެދުމަށް މަގުޗަރޓަކާއި ސްޓްރެޓީޖިކް ޕްލޭނެއް ހެދޭނެ ކަމަށެވެ.

"މި ތަމްރީން ޕްރޮގުރާމު ނިމުމާއެކު ކާރިސާތަކުން އަރައިގަތުމަށް މާލެ ސިޓީއަށް ބޭނުންވާ ޕްރިލިމިނަރީ ރެސިލިއެންޓް އެސެސްމެންޓެއް ހެދޭނެކަމަށް އުންމީދުކުރަން." މޭޔަރ ވިދާޅުވިއެވެ.

އާބަން ހިރާސްތައް ކުޑަކުރުމާއި އެމްސީއާރު 2030 ކެމްޕޭނުގެ އޮނިގަނޑާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ހިންގާ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިމަހުގެ 21 އިން 22 އަށެވެ. މި ޕްރޮގްރާމްގައި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ކާރިސާތަކުން އަރައިގަތުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މި ޕްރޮގްރާމުގެ އިތުރުން މާލޭ ސިޓީގެ ރެސިލިއެންސްގެ ޕްރިލިމިނަރީ އެސެސްމަންޓެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި އެސެސްމަންޓަކީ ކާރިސާތަކަށް ތައްޔާރުވުން އިތުރުކުރުމަށް އަމާޒުކޮށްގެން ހަދާ އެކްޝަން ޕްލޭންތައް އެކުލަވާލުމުގެ އަސާސެއްކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.