ޚަބަރު

އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށް ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެންނަނީ


  • 496 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވޭ

  • ތަންފީޒުކުރުމަށް ހުށަހަޅާފައިވަނީ 1 ޖެނުއަރީ 2027އިން ފެށިގެން

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއަދުގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވަވާފައެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދެވެ.

މި ބިލުގެ ބޭނުމަކީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި ޓެކްސް ދައްކާ ފަރާތުން ދައްކަން ޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖަޢާކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ.

ބިލުގައި ބުނެފައިވަނީ އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ، ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތުގެ ޓެކްް-އެބިޓްޑާގެ %25 ކަމަށެވެ. މިހާރު އަމަލުކުރަމުންދާ އާމްދަނީން ޓެކްސް ނެގުމާބެހޭ ޤާނޫނުގައި ހިމެނޭ ބައެއް ބައިތައް އުނިކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

މި ބިލު ތަންފީޒުކުރަން ފެށުމުން ދައުލަތުގެ އާމްދަނީ އިތުރުވާނެކަމަށް ލަފާކޮށްފައިވާއިރު، ބިލު ތަންފީޒުކުރުމަށް ހުށަހަޅާފައިވަނީ 1 ޖެނުއަރީ 2027އިން ފެށިގެންނެވެ. މި ބަދަލާއެކު އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 496،300،302 ރުފިޔާ ލިބޭނެ ކަމަށް ބިލުގައި އަންދާޒާކޮށްފައިވެއެވެ.