ޚަބަރު

މޫދުވިނަ އާލާކުރުމުގެ ހުއްދަ އިތުރު 3 ފަރާތަކަށް ދެނީ


  • މިހާތަނަށް 5 ފަރާތަކަށް ހުއްދަދީފައިވޭ

  • ރާއްޖޭގައި މިހާރު ދަނީ މޫދުވިނަ އާލާކޮށް އެކްސްޕޯޓްކުރަމުން

  • މެރިކަލްޗަރ ސިނާއަތް ތަރައްޤީ ކުރުމަށް 6 އަތޮޅަކުން 13 ޒޯނެއް

މެރިކަލްޗަރ ސިނާއަތް ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެމަސައްކަތް ކުރުމަށް ވަކި ޚާއްސަ ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގެ %99 އަކީ ކަނޑުގެ ސަރަހައްދުކަމަށް ވާއިރު، މި ސަރަހައްދުތަކުން އާންމުންނަށް ލިބޭ މަންފާ އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އަމާޒެކެވެ.

ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތް ފުޅާކޮށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ. ސަރުކާރުން އެކުލަވާލައިފައިވާ މެނިފެސްޓޯގައި މި ސިނާޢަތް ކުރިއެރުވުމަށްޓަކައި ހަރުދަނާ ރޭވުންތަކެއް ހިމަނާފައިވެއެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޢަމަލީ ގޮތުން ގިނަ މަސައްކަތްތަކެއް ވަނީ ފަށައިފައެވެ.

މެރިކަލްޗަރ ސިނާއަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ތަރައްޤީ ކުރުމަށްޓަކައި 6 އަތޮޅަކުން 13 ޒޯނެއް ވަނީ ކަނޑައަޅާފައެވެ. މެރިކަލްޗަރއަށް ޚާއްސަކޮށްފައިވާ ސަރަހައްދުތަކުގެ ބޮޑުމިން 3849 ހެކްޓަރަށް އަރައެވެ.

މެރިކަލްޗަރގެ މަސައްކަތްތަކުގެ ދަށުން 2025ވަނަ އަހަރު މޫދުވިނަ އާލާކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކުން ވަނީ ފަށާފައެވެ. އަދި ފުރަތަމަ ފަހަރަށް މިިދިޔަ އަހަރު ސިނާޢީ ފެންވަރުގައި މޫދުވިނަ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރިއެވެ. މިއާއެކު މޫދުވިނަ އާލާކުރުމުގެ މި ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ވަނީ ވެގެންގޮސްފައެވެ.

މެރިކަލްޗަރ ސިނާއަތަށް ޚާއްސަކޮށް މޫދު ވިނަ އާލާކުރުމުގެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުގެ އަދަދުތައް މިހާރު ދަނީ އިތުރުވަމުންނެވެ. މިވަގުތުވެސް މޫދު ވިނަ އާލާކުރުމުގެ ހުއްދަ 5 ފަރާތަކަށް ވަނީ ދީފައެވެ. އަދި އޭގެތެރެއިން 2 ރަށެއްގައި މިހާރުވެސް މި މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މޫދުވިނަ އާލާކުރުމުގެ ހުއްދަ ދީފައިވާ ސަރަޙައްދުތައް:

• ބ. ގޮއިދޫ
• ގއ. ކޮނޑޭ
• މ. ކޮޅުފުށި
• ގއ. ކޮލަމާފުށި (ކަޅުހުއްޓާ ފަޅު)
• ބ. ގޮއިދޫ

މޫދު ވިނަ އާލާކުރުމުގެ މަޝްރޫއަށް މިހާރުވެސް ގިނަ ފަރާތްތަކެއްގެ ޝައުގުވެރިކަން ހުރިކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އިތުރު 3 ރަށެއްގައި މޫދު ވިނަ އާލާކުރުމުގެ މަޝްރޫއަށް ކައުންސިލުން ހުއްދަދީ މިހާރު ކުރިއަށްދަނީ އެ ސަރަހައްދުތަކަށް ޕާރމިޓް ދޫކުރުމުގެ މަރުހަލާއެވެ. އެ ސަރަޙައްދުތަަކަކީ ގއ. ގެމަނަފުށި، މ. ވޭވަށް އަދި ލ. ހިތަދޫ އެވެ.

ފްލޯޓިންގ އޭކާސްއިން މޫދުވިނަ އާލާކުރުމާ ގުޅޭގޮތުން ދިރާސާކުރުމަށްފަހު އެކަމުގެ ހުއްދަ އެދުމުން މީގެކުރީން އޮތީ އެ ހުއްދަ ނުދީއެވެ. ވިޔަފާރި އުސޫލުން މޫދު ވިނަ އާލާކުރުމުގެ ހުއްދަ ދިނީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ކަނޑައަޅާފައިވާ މެރިކަލްޗަރ ފަހި ސިޔާސަތުގެ ދަށުންނެވެ.

މި ބާވަތުގެ މޫދުވިނަ ރާއްޖޭގައި އާލާކުރެވިދާނެތޯ ބެލުމަށް އަޖުމަ ބެލުމުގެ މަޝްރޫޢެއް މީގެ ކުރިން ވަނީ ހިންގާފައެވެ. އެ މަޝްރޫޢު ނިމުމުން ޝާއިޢުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ މޫދުވިނަ އާލާކުރުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގައި ކުރެވިދާނެ މަސައްކަތެއް ކަމަށެވެ.

އޭޝިއާގެ ޤައުމުތަކުގައި މޫދުވިނައިގެ ވިޔަފާރި މީގެ 50 އަހަރު ކުރިން ފަށާފައިވާއިރު، މިއަދު ދުނިޔޭގައި ކަލްޗަރކުރާ މޫދުވިނައިގެ %98 ކަލްޗަރކުރަނީ މައިގަނޑުގޮތެއްގައި އޭޝިއާގެ ޤައުމުތައް ކަމުގައިވާ ޗައިނާ، އިންޑޮނޭޝިއާ، ސައުތު ކޮރެއާ އަދި ފިލިޕީންސްގައެވެ. އެގޮތުން 2023 ވަނަ އަހަރު ދުނިޔޭގެ މޫދުވިނައިގެ މާރކެޓް ވެލިއު 17.14 ބިލިޔަން ޑޮލަރުގައި ހުރިއިރު 2032 ވަނަ އަހަރަށް އަންނައިރު މި އަދަދު 2 ގުނަ ވާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ދިވެހިރާއްޖެއަކީ %99 ކަނޑު ހިއްސާކުރާ ޤައުމަކަށްވީއިރު، މެރިކަލްޗަރއާ ގުޅުންހުރި މިފަދަ މަޝްރޫޢުތަކުން އައު ވަޒީފާގެ ފުރުޞަތުތައް ހުޅުވި، ޤައުމުގެ އެކްސްޕޯޓް އާމްދަނީ އިތުރުވެ، މަސްވެރިކަމާއި ގުޅުންހުރި ދާއިރާތަކަށްވެސް ކުރިއެރުން ލިބިގެންދާނެކަމަށެވެ.