ޚަބަރު

"އަންވެއިލިންގ ވިޜަންސް 2024" މަައުރަޒު ރައީސް ބައްލަވައިލައްވައިފި


  • މިއީ އަންވެއިލިންގ ވިޜަންސްގެ 7 ވަނަ އެޑިޝަން

  • 100 އަށްވުރެ ގިނަ އާޓިސްޓުންގެ ކުރެހުންތައް ބައިވެރިކޮށްފައިވޭ

  • އެގްޒިބިޝަންގެ ކުރެހުންތަކާގުޅޭ ކެޓެލޮގެއް ރައީސަށްވަނީ ހަދިޔާކޮށްފައި

  • މި އެގްޒިބިޝަން ކުރިއަށްދާނީ މިމަހު 9 އިން 20 އަށް

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ "އަންވެއިލިންގ ވިޜަންސް 2024" މައުރަޒު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވައިލައްވައިފިއެވެ.

މިއީ އާޓިސްޓުންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން ދައްކާލުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެގްޒިބިޝަން ނުވަތަ މައުރަޒެވެ. ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ "އަންވެއިލިންގ ވިޜަންސް 2024" މައުރަޒު ފަށާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. މިއީ މި މައުރަޒުގެ 7 ވަނަ އެޑިޝަނެވެ. މިފަހަރުގެ މައުރަޒުވެސް ކުރިއަށްގެންދަނީ ނޭޝެނަލް އާޓް ގެލެރީއާ ގުޅިގެންނެވެ.

މި މައުރަޒު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޒިޔާރަތުގައި މައުރަޒުގައި ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވުމުގެ އިތުރުން ބައެއް ކުރެހުންތެރިންނާ ބައްދަލުކުރައްވައި ކުރެހުންތަކާބެހޭ ގޮތުން މައުލޫމާތު ހޯއްދަވާފައިވެއެވެ. އެމަނިކުފާނުގެ އަރިހުގައި ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ޗެއަރޕަރސަން އަޒްމީ ޙަލީމްވެސް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޒިޔާރަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ މައުރަޒަށް ޒިޔާރަތްކުރައްވާ ބޭފުޅުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ މެންބަރުންނާއި ބައްދަލުކުރައްވާ، މެންބަރުންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

ހަމައެހެންމެ މިއަހަރުގެ އަންވެއިލިންގ ވިޜަންސް މައުރަޒުގައި ބައިވެރިކޮށްފައިވާ ހުރިހާ ކުރެހުންތަކާއި، ކުރެހުންތެރިންގެ މަޢުލޫމާތު ހިމެނޭހެން ތައްޔާރުކޮށްފައިވާ ޚާއްސަ ކެޓެލޮގެއް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހަދިޔާކޮށްފައެވެ. މި ކެޓެލޮގް ރައީސަށް ހަދިޔާކޮށްދެއްވީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ޗެއަރޕަރސަން އަޒްމީ ޙަލީމެވެ.

މި އަހަރުގެ މައުރަޒަށް 200 އަށްވުރެ ސަބްމިޝަން ލިބިފައިވާއިރު، 105 ކުރެހުންތެރިއެއްގެ "އާޓް ޕީސް" ނުވަތަ ކުރެހުންތައް ދައްކާލުމަށްޓަކާ މި މައުރަޒުގައި ވަނީ ބަހައްޓާފައެވެ.

އެގޮތުން މި މައުރަޒުގައި ޑިސްޕްލޭކޮށްފައިވާ ކުރެހުންތަކުގެ ތެރޭގައި ފަންސޫރާއި ފެން ކުލައިގެ ކުރެހުންތަކާއި، ޑިޖިޓަލް މީޑިއާއާއި، މިކްސްޑް މީޑިއާއާއި، ސްކަލްޕްޗާއާއި އިންސްޓޯލްމަންޓްތަކާއި ކެލިގްރަފީ ހިމެނެއެވެ.

މިފަހަރުގެ އެޑިޝަންގައިވެސް ރާއްޖޭގެ ތާރީޚާއި، ސަޤާފަތާއި، ގުދުރަތީ ހިތްގައިމުކަމާއި، އެކި ކަހަލަ އިޖްތިމާޢީ މެސެޖުތައް ދައްކުވައިދޭ ކުރެހުންތައް ޑިސްޕްލޭކޮށްފައިވެއެވެ.

ހަމައެހެންމެ މި އެގްޒިބިޝަންގައި ގެސްޓް އާޓިސްޓުންގެ ގޮތުގައި ރާއްޖޭގެ މި ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ އެންމެ ފުންނާބު އުސް އާޓިސްޓުންގެ ތެރެއިން 4 އާޓިސްޓެއްގެ ކުރެހުމެއްވެސް ވަނީ ޑިސްޕްލޭކޮށްފައެވެ. ގެސްޓް އާޓިސްޓުންގެ ގޮތުގައި ދައްކާލާފައިވަނީ އަފްޒަލް ޝާފިއު، ޢަބްދުލް މުޙައިމިން، އިސްމާޢީލް ޝުޖާއު އަދި އަދީލް އިސްމާޢީލްގެ 4 ކުރެހުމެކެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން އިސްނަގައިގެން "އަންވެއިލިންގ ވިޜަންސް" ގެ ނަމުގައި ކުރިއަށްގެންދާ މި ކޮންޓެމްޕަރަރީ އާޓް އެގްޒެބިޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ދިވެހި ކުރެހުންތެރިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން އެއް ޕްލެޓްފޯމަކުން ދައްކާލުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ މައުރަޒެކެވެ. މި މައުރަޒަކީ އާންމުންގެވެސް ބޮޑު ތަރުޚީބެއް ލިބިގެންދާ މައުރަޒެއްކަން ފާހަގަކޮށްލެވެއެވެ.

ކުރެހުމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކާއި، ޕްރޮފެޝަނަލް އާޓިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް މި މައުރަޒުގައި ބައިވެރިވެ، އެފަރާތްތަކުގެ ކުރެހުންތައް ޑިސްޕްލޭކުރުމުގެ ފުރުޞަތު އޮވެއެވެ.

މިއީ ކުރެހުންތެރިންނަށް އެމީހުންގެ ހުނަރުވެރިކަން ދައްކާލުމުގެ އިތުރުން، އާޓިސްޓް ކޮމިއުނިޓީގެ މެދުގައިއާއި އާޓިސްޓުންނާއި އާންމުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އާޓިސްޓުންނަށް އިތުރު އެކްސްޕޯޝަރއެއް ލިބި، އާމްދަނީ ހޯދޭނެ އިތުރު ފުރުޞަތުތައްވެސް ފަހިކޮށްދޭ ޕްލެޓްފޯމެއްގެ ގޮތުގައި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން ފާހަގަކުރެއެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއަކީ ދިވެހި ކުރެހުންތެރިންގެ ހެވާއި ލާބައަށް މަސައްކަތްކުރުމަށްޓަކާ 12 ޖެނުއަރީ 2016 ގައި އުފެއްދި އަމިއްލަ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހި ކުރެހުންތެރިންނަށް އެމީހުންގެ އުފެއްދުންތެރިކަން ދައްކާލުމަށް ބޭނުންވާ އެކި ޕްލެޓްފޯމްތައް ފަހިކޮށްދިނުމާއި، ތަޢުލީމާއި ތަމްރީންގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރުން ހިމެނެއެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ މެންބަރުންގެ ގޮތުގައި މިވަގުތުވެސް 200 އަށްވުރެ ގިނަ އާޓިސްޓުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.