ޚަބަރު

ހުއްޓިފައި އޮތް، މަގޫދޫ އެއަރޕޯޓުގެ މަސައްކަތް އަލުން ފަށައިފި


  • އެއަރޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ދަނީ ކުރަމުން

  • މިއަހަރުތެރޭ އެއަރޕޯޓުގެ މަސައްކަތް ނިންމައި ހުޅުވާނެ

  • މިއީ ފ.އަތޮޅުގައި ތަރައްޤީކުރެވިގެންދާ ފުރަތަމަ އެއަރޕޯޓް

ފ.މަގޫދޫގައި ތަރައްގީ ކުރަމުން އަންނަ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން ފަށައިފިއެވެ.

ފ.މަގޫދޫގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 19 ވަނަ ދުވަހުއެވެ. މިއީ ފ.އަތޮޅުގައި ތަރައްޤީކުރެވިގެންދާ ފުރަތަމަ އެއަރޕޯޓެވެ. މި މަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރާގޮތަށެވެ. މިއީ މިދިޔަ ސަރުކާރުން ފަށާފައިވާ މަޝްރޫއެކެވެ.

މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި ސިނާޢީ މަސައްކަތްތަކަށާއި އިޖްތިމާޢީ ބޭނުންތަކަށް ރަށަށް އިތުރުކުރެވޭ ޖާގަޔާއެކު ޖުމްލަ 48 ހެކްޓަރުގެ ބިން އެމްޓީސީސީން ހިއްކާ، 3300 އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިމާޔަތްކުރާނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފ.މަގޫދޫ ކައުންސިލް ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން ފަށާފައިވާކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އެއަރޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ކަމަށާއި އަދި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމަންޓުތައްވެސް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޓާރމިނަލްގެ މަސައްކަތާއި ފަޔަރ ސްޓޭޝަންގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އަބްދުﷲ ވަހީދު ވިދާޅުވިއެވެ. މަސައްކަތް މިހާރުދާ ސްޕީޑުން މިއަހަރުތެރޭ އެއަރޕޯޓުގެ މަސައްކަތް ނިންމައި ހުޅުވާނެކަމަށް މަގޫދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

" މިހާރު މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އެއަރޕޯޓު ޓާމިނަލްގެ ބޮޑުބައެއް ނިމިފައި. ދެން ހުރީ އެތެރޭގެ މަސައްކަތްތައް ކުރަން. ފަޔަރ ބިލްޑިން ވެސް މިހާރު ނިމެނީ ފިނިޝިންގެ މަސައްކަތްތައް އެކުރަނީ. މިބަލަނީ މިއަހަރު ތެރޭގައި ޚިދުމަތް ދެވޭނެކަމަށް" މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވިއެވެ.

މިސަރުކާރުން ފ. ނިލަންދޫގައި އެއަރޕޯޓު އަޅާނެކަން އިޢުލާންކޮށް އެކަމަށް ވާންޖެހޭ ތައްޔާރީތައް ފެށުމާ ގުޅިގެން އެއަތޮޅު މަގޫދޫގައި ކުރީ ސަރުކާރުން ތަރައްޤީކުރަންފެށި އެއަރޕޯޓުގެ މަޝްރޫޢު ހުއްޓާލީކަމަށްބުނެ އިދިކޮޅުގެ އިސް ބައެއް ފަރާތްތަކުންވަނީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

މިއާއެކު މަގޫދޫގައިވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިޙްތިޖާޖުކޮށްފައިވެއެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިލަންދެ އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި މަގޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ މަގޫދޫ އެއަރޕޯޓްގެ މަޝްރޫޢު ހުއްޓާނުލައި ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މަގޫދޫ އެއަރޕޯޓުގައި ފުރަތަމަ ތަރައްޤީކުރަން ނިންމީ 1200 މީޓަރުގެ ރަންވޭއެކެވެ. އެހެންނަމަވެސް މިހާރުވަނީ އެއަރޕޯޓުގައި 1800 މީޓަރުގެ ރަންވޭއެއް އެޅުމަށް ނިންމާފައެވެ. މަގޫދޫ އެއަރޕޯޓް މަޝްރޫއަކީ ސަރުކާރުން 231 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ފ.މަގޫދޫގައި ތަރައްގީ ކުރަމުން އަންނަ އެއަރޕޯޓުގެ ހިންގުން ހަވާލުކޮށްފައިވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއާއެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 17 އެއަރޕޯޓް އެބައޮތެވެ. މީގެ ތެރޭގައި 4 އިންޓަރނޭޝަނަލް އެއަރޕޯޓް ހިމެނެއެވެ. އަދި ރީޖަނަލް އެއަރޕޯޓްސްއިން 7 އެއަރޕޯޓެއް އޮޕަރޭޓް ކުރަމުން ގެންދެއެވެ.