ކުޅިވަރު

ވިނީޝިއުސް 4 މެޗަށް ސަސްޕެންޑްކޮށްފި


  • ސަސްޕެންޝަނާ ގުޅިގެން ވިނީޝިއުސްއަށް ބާސެލޯނާ މެޗުގައި ނުކުޅެވޭނެ

  • ސަސްޕެންޑުކުރީ ވިނީޝިއުސް ދެއްވި ރަތްކާޑު މައާފް ކޮށްދޭން އެދިފައިވަނިކޮށް

ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

ސްޕެނިޝް ލީގުގައި ވިޔަރެއާލްގެ ނަތަން ސަލީބާގެ ބޮލުގެ އިސްތަށިގަނޑަށް ދަމަގައިގަތް މައްސަލަ ބެލުމަށްފަހު ސްޕެނިޝް ޑިސިޕްލިނަރީ ކޮމިޓީން މި ނިންމުމާއެކު އިތުބާރު ފޯވަޑަށް ގެއްލޭ އެންމެ މުހިންމު މެޗަކީ ވާދަވެރި ބާސެލޯނާ މެޗެވެ.

ސްޕޭނުގެ މީޑިއާތަކުން ބުނަނީ ހަތަރު މެޗުގެ ސަސްޕެންޝަނެއް ބްރެޒިލްގެ ފޯވަޑަށް އައީ ދެ ކުށަކަށް ކަމަށެވެ. އެއީ ކުޅުންތެރިޔާގެ ބޮލުގެ އިސްތަށިގަނޑަށް ދަމައިގަތުމުން މެޗުގައި އޭނާ ޖެހި ގޯލު ބަލައިނުގަތުމުން ރެފްރީއާ ދިމާކޮށް ވިނީޝިއުސް އުޅުނު ގޮތުން ކަމަށެވެ.

މި އަދަބު އައީ މި މެޗުގައި އޭނާ އަށް ދެއްކި ރަތްކާޑު މައާފް ކޮށްދޭން ރެއާލް މެޑްރިޑުން އެދިފައިވަނިކޮށެވެ. ސަސްޕެންޝަނާއެކި ބާސެލޯނާ މެޗުގެ އިތުރުން ސެވިއްޔާ މެޗާއި ވެލެންސިއާ މެޗާއި ރޭސިން ސަންޑެންޓާ މެޗު ވެސް އޭނާ އަށް ގެއްލޭނެއެވެ.

ވިޔަރެއާލް މެޗުގައި ރަތްކާޑު ދެއްކުމުން ވިނީޝިއުސް ވަނީ މެޗަށް ފަހު ރެއާލް މެޑްރިޑްގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކިބައިން މައާފަށް ވެސް އެދިފައެވެ.

ރެފްރީ ޑިއާޒް ޑި މޭރާ އޭނާގެ މެޗު ރިޕޯޓުގައި ބުނެފައިވަނީ ވިނީޝިއުސްއަށް ރަތްކާޑު ދެއްކީ އޭނާގެ ނިންމުމާ ދެކޮޅަށް އަޑުގަދަ ކުރުމާއި އޭނާއާ ދިމާލަށް ނުރައްކާތެރިކޮށް އައުމާއި ވިނީޝިއުސްގެ ދިފާއުގައި ރެއާލްގެ ކުޅުންތެރިން އޭނާ ވަށާލައި ކުރިއަށް ދިޔަނުދިނުމުން،" ކަމަށެވެ.

ސްޕޭނުގެ ފުޓުބޯޅަ ފެޑަރޭޝަނުގެ ގަވާއިދު ބުނާ ގޮތުން ކުޅުންތެރިއެއްގެ ބޮލުގެ އިސްތަށިގަނޑަށް ފަހަތުން ދަމައިގަތުމަކީ ކުށެކެވެ. އަދި އެ ގަވާއިދު ބުނާ ގޮތުން މިކުށުގެ އަދަބެއްގެ ގޮތުން އެކެއް ނޫނީ ތިން މެޗަށް ސަސްޕެންޑް ކުރެވިދާނެ ކަމަށެވެ.

"ވަރަށް ބޮޑަށް މައާފަށް އެދެން ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކިބައިން،" 26 އަހަރުގެ ބްރެޒިލް ފޯވަޑް ވިނީޝިއުސް ބުނެފައިވެއެވެ.

ވިޔަރެއާލް މެޗުގެ ފަހު ހާފުގައި ކުޅެން ނުކުމެ ވިނީޝިއުސް ޖެހި ގޯލުން އޭނާ ހީކުރީ ރެއާލްގެ 1-0ގެ ލީޑު ފުޅާވީ ކަމަށެވެ. އަދި ގޯލުގެ އުފާފާޅު ކުރަން ކުޅުންތެރިންނާއެކު ކޯޗު ހޯސޭ މޮރީނިއޯ ވެސް ބައިވެރިވިއެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީން ނިންމީ ވިނީޝިއުސް ލަނޑު ޖެހުމުގެ ކުރިން އިދިކޮޅު ޑިފެންޑަރު ނަތަން ސަލީބާގެ އިސްތަށިގަނޑަށް ދަމައިގަތް ކަމަށެވެ. އެކަމަކު މިކަމާ ހޮތްހަމަނުޖެހި އޭނާ ވަނީ ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައެވެ. އަދި ރެފްރީ ވަށާލައި އޭނާ އުޅުނު ގޮތުން ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުން އޭނާ އަށް ދަނޑުމަތީގައި ހުރެވޭގޮތްވީ އެންމެ 20 މިނިޓަށެވެ.

ރެފްރީގެ މި ނިންމުމާ ކޯޗު މޮރީނިއޯ ވެސް ހިތްހަމަ ނުޖެހުނެވެ. އަދި އޭނާގެ އަމަލުތައް ހުރި ގޮތުން މޮރީނިއޯ އަށް ވެސް ރީނދޫ ކާޑު ދެއްކިއެވެ. ވިޔަރެއާލްގެ ޑިފެންޑަރު ހުއާން ފޮއިތު ބުނީ ވިނީޝިއުސް ކުރީ ކުށެއް ކަމަށާއި ނަމަވެސް އޭނާގެ ގަސްތަކީ ކުޅުންތެރިޔާ އަށް އަނިޔާ ކުރުން ނޫން ކަމަށެވެ.

"އަހަރެންކަށް ހިޔެއް ނުވޭ އޭނާގެ ނިޔަތަކީ އަނިޔާ ކުރުންހެން. އެކަމަކު އެއީ ރަތް ކާޑެއް،" ފޮއިތް ބުންޏެވެ.