ޚަބަރު

ސިންގަޕޫރުގެ ދެ ބޯޓަކަށް ހަމަލާ، ހުރްމުޒް ކަނޑުއޮޅިއަށް އެއް ބޯޓު ފެތިއްޖެ


ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުން ދިޔަ ސިންގަޕޫރުގައި ރަޖިސްޓަރީކޮށްފައިވާ ދެ ބޯޓަކަށް ހަމަލާތަކެއް ދީފިއެވެ. މި ކަން ހާމަކޮށްފައި ވަނީ ސިންގަޕޫރުގެ މެރިޓައިމް އެންޑް ޕޯޓް އޮތޯރިޓީއިން (އެމްޕީއޭ) ނެވެ. މީގެ ތެރެއިން އެއް ބޯޓުގައި އަލިފާން ރޯވެ ފެތިފައިވާއިރު، އަނެއް ބޯޓުގެ ބޭރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި އެ އިދާރާއިން ހާމަކުރިއެވެ.

މި ހާދިސާގައި އޮކްޓޫބަރު 13 ވަނަ ދުވަހު ހަމަލާ އަމާޒުވެފައިވަނީ 'ޖީއެފްއެސް ޕްރައިޑް' ގެ ނަން ދީފައިވާ އުޅަނދަކަށެވެ. އެމްޕީއޭން ބުނީ މި ހަމަލާގައި ބޯޓަށް ގެއްލުންވެ، އަލިފާން ރޯވުމަށްފަހު ބޯޓު އަޑިއަށް ގޮސްފައިވާ ކަމުގައެވެ. ނަމަވެސް، ބޯޓުގައި ތިބި 21 ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ލިބިފައިނުވާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.

އޮކްޓޫބަރު 14 ވަނަ ދުވަހު 'ޖީއެފްއެސް ޖިޒެލް' އަށް ދިން ހަމަލާގައި ބޯޓުގެ ބޭރަށް ގެއްލުން ލިބުނު ނަމަވެސް، އަމިއްލަ ބާރުގައި އެ ބޯޓު ވަނީ ރައްކާތެރި ސަރަޙައްދަކަށް ބަނދަރުކޮށްފައެވެ. އެ ބޯޓުގެ 22 ފަޅުވެރިން ވެސް ސަލާމަތުން ތިބިއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމުގައި އެމްޕީއޭން ހާމަކުރިއެވެ. އެ އިދާރާއިން ބުނީ، މި ދެ ބޯޓުގައި ވެސް ސިންގަޕޫރުގެ އެއްވެސް ރައްޔިތަކު ނެތް ކަމަށާއި، ބޯޓުތައް ހިންގާ ކުންފުންޏާ ގުޅިގެން މި ހާދިސާ ގާތުން ބަލަމުންދާ ކަމަށެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނީ، މި އުޅަނދުތަކަށް ހަމަލާދީފައި ވަނީ އީރާނުގެ ހުއްދައާ ނުލައި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމަށް މަސައްކަތް ކުރުމުން ކަމަށް ބެލެވޭ ކަމުގައެވެ.