ޚަބަރު

ތަރައްޤީގެ މަގުން ބާރަށް ކުރިއަށް ދެވޭނީ އާބާދީ އެއްފަސްކޮށްގެން: ޢަބްދުއްރަޙީމް


  • ބޮޑެތި އާބާދީ ތަރައްޤީކޮށް އާބަން ސެންޓަރުތައް ޤާއިމް ކުރުމަށް ސަރުކާރުން އިސްކަމެއް ދެއްވާ

  • އަދި އާބާދީއާއި ތަރައްޤީ އެއްފަސްކޮށްގެން ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެ

ތަރައްޤީއާއި އާބާދީ އެއްފަސް ކުރުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި ވެމްކޯ ޚިދުމަތް އިފްތިތާޙްކުރުމުގެ ރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަންނެވުމަށްފަހު މިހާރު ފެނިވަޑައިގަންނަވަނީ، ވަރަށް ބާރު ސްޕީޑުގައި ވަޢުދުތައް ފުއްދަވަމުންދާ މަންޒަރު ކަމަށެވެ. ޚާއްޞަކޮށް ސިޓީތަކަށް ވަރަށް ބޮޑު އިސްކަމެއް ރައީސް ދެއްވާކަން ފާހަގަކުރައްވާ ޢަބްދުއްރަޙީމް ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރބަން ސެންޓަރުތަކެއް ތަރައްޤީކުރުން ހިމެނޭ ކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ، ރާއްޖެ ތަރައްޤީކުރުމަށް ވަރަށް ބޮޑު މަސައްކަތެއް ކުރަން ޖެހޭއިރު، ކޮންމެ ރަށެއްގައި އަސާސީ ޚިދުމަތް ޤާއިމްކޮށް ހުރިހާ ޚިދުމަތެއް ލިބޭގޮތަށް ހަދަން ޖެހޭ ކަމަށެވެ. ނަމަވެސް ރައީސުލްޖުމުހޫރިއްޔާގެ އަމާޒަކަށްވެފައި އޮތީ ތަރައްޤީއާއާއި އާބާދީ އެއްފަސް ކުރުމުގެ ސިޔާސާތެއް ގެންގުޅުންކަން ފާހަގަކުރައްވާ މަޖިލީހުގެ ރައީސް ވިދާޅުވީ، އާބާދީ ބޮޑެތި ރަށްރަށް ތަރައްޤީކޮށްގެން ނޫނީ ދެމެހެއްޓިނި ގޮތެއްގައި ތަރައްޤީގެ ކަންކަން ކުރިއަށް ނުދާނެކަމަށެވެ.

"ތަރައްޤީގެ މަގުން އެންމެ ބާރަށް ކުރިއަށް ހިނގާފައި ދެވޭނީ ތަރައްޤީއާއި އާބާދީ އެއްފަސްކޮށްގެން ކަމަށް ރައީސުލްޖުމުހީރީއްޔާ ޤަބޫލުފުޅު ކުރައްވަނީ. އެއްގޮތަކަށްވެސް މި ދަންނަވަނީ ކުދިކުދި ރައްރަށުން މީހުން ބާލާ ވާހަކެއް ނޫން. ތަރައްޤީއާއި އާބާދީ އެއްފަސްކުރީމަ އެމީހުން އަމިއްލައަށް އެތަންތަނަށް އަންނާނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ޗެއަރޕާސަންކަންވެސް ކުރައްވަމުން ގެންދަވާ ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅު ވަނީ އަރބަން ސެންޓަރުތަކެއް ޤާއިމްކޮށް މާލެއާއި އެއް ފެންވަރެއްގައި އެތަންތަނުން ޚިދުމަތް ލިބޭނެ ނިޒާމެއް ޤާއިމް ކުރުން ކަމަށެވެ. އޭރުން މާލެ ތޮއްޖެހެމުންދާ ދިއުމަށް ނިމުމެއް ގެނެވޭނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޤައުމު މިއަދު އޮތް ޙާލަތުން އަރައިގަތުމަށް ވަރަށް ގިނަ މަސައްކަތް ކުރައްވަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެގޮތުން ކޮންމެ ސަރުކާރެއް އޮތަސް 500 ނުވަތަ 700 އާބާދީ އޮންނަ ރަށްތަކުގައި ހުރިހާ ޚިދުމަތެއް ޤާޢިމް ކުރުން ވެގެންދާނީ އުނދަގޫ ކަމަކަށްކަމަށް ވިދާޅުވިއެވެ.

އާބާދީއާއި ތަރައްޤީ އެއްފަސްކޮށްގެން ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެކަން ފާހަގަކުރައްވާ ޢަބްދުއްރަޙީމް ވަނީ މިހެން ފެށިގެންދާ ކޮންމެ ޚިދުމަތަކާއެކު ރައްޔިތުންނަށް ފަސޭހަކަމާއި ކުރިއެރުން ލިބިގެންދާ ކަމަށް ވިދާޅުވެފައެވެ.