ޚަބަރު

ރައްކާތެރިކޮށް ކުނި މެނޭޖްކުރުމުގައި ކުޅުދުއްފުށިން ނަމޫނާ ދައްކާނެކަމަށް އުއްމީދުކުރަން: ވަޒީރު ޠާރިޤު


  • ކުޅުދުއްފުށީގައި ވެމްކޯއިން ރަސްމީކޮށް ޚިދުމަތްދޭން ފެށީ

  • މީގެކުރިން ވެމްކޯއިންވަނީ ކުޅުދުއްފުށީގައި ހުރި ބޮޑު ކުނިފުނި ސާފުކޮށްފައި

ކުޅުދުއްފުށި ސިޓީގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފެށިގެން ދިޔުމާއެކު، ކުނި މެނޭޖްކުރުމުގައި ނަމޫނާ ސިޓީއަކަށް އެ ސިޓީ ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މޫސުމީ ބަދަލުތަކާއި ތިމަވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއެވެ.

ވަޒީރު ވިދާޅުވީ، ރައްކާތެރި ގޮތުގައި ކުނި މެނޭޖްނުކުރުމުގެ ޚިދުމަތް ފެށުމުގެ ކުރިންވެސް އާބާދީ ބޮޑު ސިޓީއަކަށް ބަލާއިރު ކުނީގެ މައްސަލަ ސާފުތާހިރުކަން ގެއްލިގެންދާފަދަ ގޮތަކަށް އެސީޓީގައި ބައްޓަންވެފައި ނެތްކަމަށެވެ.

ކުޅުދުއްފުށީގައި ވެމްކޯގެ ޚިދުމަތް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމަވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ކުނީގެ މައްސަލައަކީ މުޅި ރާއްޖެއާއި ދުނިޔެއަށް ބަލާއިރުވެސް ބޮޑުވަމުން އަންނަ މައްސަލައެއްކަމަށެވެ. ކުނި އުފައްދާ މިންވަރު އިތުރުވަމުންދާއިރު އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖްކުރެވޭނެ އިންތިޒާމުތައް ޤާއިމުކުރުމުގައިވެސް ގޮންޖެހުންތައް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ކުޅުދުއްފުށި ފަދަ ބޮޑު ސިޓީއެއްގައި ކުނީގެ މައްސަލައަށް ޒަމާނީ ޙައްލެއް ހޯދުމަށް ވެމްކޯއާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންޖެހޭނެކަމަށެވެ. އަދި ޒަމާނުއްސުރެ އެ ސިޓީއަކީ ސާފުތާހިރުކަމަށް ލޯބިކުރާ ރައްޔިތަކު ތިބި ސިޓީއެއްކަން ފެނިގެންދަނީ އެ ޚިދުމަތް ނުލިބޭއިރުވެސް އާބާދީ ބޮޑު ކުޅުދުއްފުށީގެ މަގުތަކުން ކުނި ނުފެނުމާއި ކުނި ގެންދިޔުމުގައި މަގުތަކަށް އެޅުން ފަދަ ކަންކަން ފެންނަން ނުހުންނާތީކަމަށެވެ.


"ކުނި މެނޭޖްކުރުމަށް މީގެކުރިން ގެންގުޅެވިފައިވާ އުސޫލުތަކުން އެކަމަށް އަސްލު ޙައްލެއް ނާދެ. ރަށްރަށުގައި ކުނި މެނޭޖްކުރުމަށް އެއްރަށަށް ކުނިކޮއްޓެއް ޤާއިމުކުރެވުނިއްޔާ އަނެއް ރަށަށް ވެހިކަލްއެއް ނުވަތަ ކޮމްޕެކްޓަރެއް އޭރު ފޯރުކޮށް ދެވެމުންދިޔައީ. އެހެންނަމަވެސް މިހާރު އަޅުގަނޑުމެން ކުނި މެނޭޖްކުރުމަށް ބޭނުންވާ ހުރިހާ ވަޞީލަތެއް ޤާއިމުކޮށް އެބަދެން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކުނި މެނޭޖްކުރުން އެންމެ ރަނގަޅުގޮތުގައި ހަރުދަނާކޮށް ކުރިއަށްގެންދިޔުމަށްޓަކައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގުޅިގެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިކަމަށް ބޭނުންވާ ތަމްރީންތަކާއި މަޢުލޫމާތާއި އަދި ވަޞީލަތްތައް ފޯރުކޮށް ދިނުމަށްޓަކައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވީ، ކުނީގެ މައްސައަކީ އެސިޓީއަށް ބޮޑުވެފައިވާ މައްސަލައެއްކަމަށެވެ. އެގޮތުން މިކަމަށް ހައްލު ގެނެސްދިނުމަށް ނިމިދިޔަ ސަރުކާރުން ކޮށްދެއްވި މަސައްކަތްތަކަށާއި އަދި މިމަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދަވާތީ މިސަރުކާރުގެ އިސްވެރިންނަށާއި ވެމްކޯގެ މެނޭޖްމަންޓަށް މޭޔަރވަނީ ޝުކުރު އަދާކުރައްވާފައެވެ.

"ކުޅުދުއްފުށީގައި ކުނި މެނޭޖްކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ މީގެކުރިން. ކުނީގެ މައްސަލަ ޙައްލުކުރުމަށް ކުނި ކޮށީގެ ވަށައިގެން ފާރެއް ރާނާފައިވާނެ ސިޓީ ކައުންސިލްގެ ފަރާތުން. ބައެއް ދުވަސްތަކުގައި ކުނި ގިނަވެގެން ގޮސް ސްޓޭޑިއަމްއާއި ހިސާބަށް ކުނިތައްދޭ. ބައެއް ދުވަސްތަކުގައި ސްކޫލްގައި ކިޔެވުން ކުރިއަށް ނުގެންދެވޭވަރަށްދޭ ކުނިގޮނޑު ރޯވެގެން." މޭޔަރ ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ހުރި ކުނި ކޮށި ސާފުކޮށް ކުނި މެނޭޖްކުރުމަށް އެސިޓީގައި ވެމްކޯއިން އަންނަނީ މިދިޔަ 2023 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުންނެވެ. ރަސްމީކޮށް ގޭބިސީތަކުން ކުނި ނަގައިގެން މެނޭޖްކުރުމަށް ވެމްކޯއިން މިހާރު ތައްޔާރުވެފައިވާއިރު މިކަމަށް ބޭނުންވާ ވަޞީލަތްތައް އެސިޓީގައިވަނީ ޤާއިމުކޮށްފައެވެ.


ކުޅުދުއްފުށީގައި ވެމްކޯއިން ކުނި ނަގާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން 10 ޖެހުމާއި ހަމައަށެވެ. އަދި ހުކުރު ދުވަހު ކުނި ނަގާނީ މެންދުރުފަހު 1 ޖަހާއިރުކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން އެސިޓީގައި ކުނި ނަގަމުންދާނީ ގޭބިސީތަކުން 150 ރުފިޔާއެވެ. އަދި ވިޔަފާރިތަކުން ކޮންމެ ލީޓަރަކަށް 16 ލާރިއެވެ. އަދި ސަރުކާރު އޮފީސްތަކުން ކޮންމެ ލީޓަރަކަށް 1.27 ލާރިއެވެ. އަދި އަމިއްލަ ގޮތުން ކުނި އުކަން ބޭނުންވާ އާއްމުން ބޭނުންކުރާ އުޅަނދުގެ ރަޖިސްޓްރީއަށް ބިނާކޮށްޓަނަކަށް 108 ރުފިޔާގެ ގޭޓްފީއެއްކަމަށް ވެމްކޯއިން ބުނެއެވެ.

ވިޔަފާރި އުސޫލުން ކުނި އުކަންދާނަމަ ގޭޓް ފީގެ ގޮތުގައި 2660 ރުފިޔާގެ ރޭޓުން ޚިދުމަތް އަގުކުރުމަށް ހަމަޖެހިފައިވާކަމަށް ވެމްކޯއިން ބުނެއެވެ.