އާސެނަލްގެ ޒުވާން މިޑްފީލްޑަރ އުމުރުން 16 އަހަރުގެ މެކްސް ޑައުމަން އަށް 3 ގިނެސް ވޯލްޑް ރެކޯޑް އެފަރާތުން ހަވާލުކޮށްފިއެވެ.
ޑައުމަން އާއި ގިނެސް ވޯލްޑް ރެކޯޑްގެ ފިލާތައް ހަވާލުކޮށްފައިވަނީ އިއްޔެ ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި 22 އަހަރަށްފަހު އާސެނަލް އިން ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު ޑައުމަން ދެއްކި މޮޅު ކުޅުމާއިއެކުގައެވެ.
އެގޮތުން ޑައުމަން އަށް ލިބުނު ފުރަތަމަ ރެކޯޑަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑެވެ. އެއީ ނިމިގެންދިޔަ ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސްލާވިއާ ޕްރާގް އާޢި ދެކޮޅަށް 2025 ވަނަ އަހަރުގެ ނޮވެމްބަރ މަހު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޑައުންމަން ކުޅުނު މެޗުންނެވެ. އެ މެޗަށް އޭނާ ނިކުތްއިރު އުމުރަކީ 15 އަހަރާއި 308 ދުވަހެވެ.
ދެވަނަ ރެކޯޑަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ލަނޑެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑެވެ. އޭނާ ޕްރިމިއާ ލީގުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ މި އަހަރުގެ މާޗު މަހުގެ 14 ވަނަ ދުވަހު އެވަޓަން އަތުން 2-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވި މެޗުގައެވެ. އެ ލަނޑު އޭނާ ޖެހިއިރު އުމުރަކީ 16 އަހަރާއި 73 ދުވަހެވެ. ޑައުމަން އެ މެޗުގައި ޖެހި ލަނޑަކީ މިދިޔަ ސީޒަނުގައި އާސެނަލް އިން ޖެހި އެންމެ މޮޅު ލަނޑުގެ ގޮތުގައި ސަޕޯޓަރުންވަނީ ހޮވާފައެވެ.
ތިންވަނަ ރެކޯޑަކީ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑެވެ. އާސެނަލް އިން ނިމިގެންދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު މެންޗެސްޓަރ ސިޓީ އާއި ބޯންމަތު ކުޅުނު މެޗު އެއްވަރުވުމާއި ގުޅިގެންނެވެ. ޑައުމަންގެ އުމުރަކީ އޭރު 16 އަހަރާއި 144 ދުވަހެވެ.