ޚަބަރު

ކުޅިވަރު މަޝްރޫޢުތައް ނުނިމި ހުރީ ބަޖެޓަށްވުރެ ޕްރޮޖެކްޓްތައް ގިނަވުމުން: ވަޒީރު ރާފިޢު


  • ނުނިމި 3 އަހަރުވެފައިވާ މަޝްރޫޢުތައް ހުރިކަމަށް ވަޒީރު ވިދާޅުވި

  • ބަޖެޓު ކުޑަވުމުން މަޝްރޫޢުތައް އަހަރުގެ ފަހު ކުއާޓާއަށް ލަސްކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވި

ކުޅިވަރުގެ ދައިރާގެ މިހާރު ފެށިފައިހުރި މަޝްރޫޢުތައް ލަސްވަނީ ބަޖެޓައް ވުރެ މަޝްރޫޢުތައް ގިނަވުމުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މެންބަރުން މަޝްރޫޢުތައް ލަސްވުމާއި ގުޅިގެން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ، ލަސްވެ މަސައްކަތް ކުރިއަށް ނުގޮސް ހުރި މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ކަމަށެވެ. އެގޮތުން މިހާރު އެ ވުޒާރާއިން މިކަހަލަ ގިނަ މަޝްރޫޢުތައް ލަސްވީ ކީއްވެެތޯ ބަލަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ބައެއް ފަހަރަށް ބަޖެޓުގައި މަޝްރޫއު ނިންމޭ ވަރަށް ފައިސާއެއް ނުހުންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބަޖެޓުގައި ނުހުރޭ ޕްރޮޖެކްޓް ނިންމޭ ވަރަކަށް ފައިސާ. އެހެންނަމަވެސް ޕްރޮޖެކްޓްތައް އެބަހުރޭ ރަށެއްގައި 4 ވަރަކަށް 5 ވަރަކަށް ޕްރޮޖެކްޓު. ބަޖެޓް ކުރެވިފައި ހުންނަ އަދަދަކީ ގިނަ ފަހަރަށް އެޑްވާންސް ދީގެން ފެށޭވަރުގެ އަދަދަކަށް ގިނަ ފަހަރަށް ވެފަ ހުންނަނީ. ސަރުކާރު ޕްރޮޖެކްޓެއް ވީމަ ގިނަ ބަޔަކު ޓެންޑާކޮށްގެން ކުރިއަށްދާނެ. އެހެންނަމަވެސް ވަކި ހިސާބަކަށްގޮސް ދެވަނަ ޕޭމެންޓް ލިބޭގޮތެއް ނުވޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިގޮތަށް ވުމުން ގިނަ ފަހަރަށް މަޝްރޫޢުތައް ހުއްޓޭ ކަމަށާއި، އެހެންވުމުން ދެން ޖެހެނީ އަންނަ އަހަރުގެ ބަޖެޓަށް ލައިގެން މަޝްރޫޢުތައް ކުރިއަށް ގެންދަން ކަމަށެވެ. މިކަމުގެ ސަބަބުން އެންމެ ދަނޑެއް އޮންނަ ރަށްރަށުގައި ކުޅިވަރު ހަރަކާތް އެެއްވެސް ވަރަކަށް ކުރިއަށް ނުގެންދެވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިހާރުވެސް 2 އަހަރު ނުވަތަ 3 އަހަރު ލަސްވެފައިވާ މަޝްރޫޢުތައް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ބަޖެޓަށް ވުރެ މަޝްރޫޢުތައް ގިނަވުންކަމަށް ވަޒީރު ރާފިއު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޖުމްލަ ކޮންޓްރެކްޓެޑް ވެލިއުއަކީ ދެ އަހަރުގެ ބަޖެޓަށް ވުރެ ބޮޑު އަދަދެއް. މިއަހަރު ބަޖެޓަކީ 284 މިލިއަން ރުފިޔާ. އޭގެ ދެގުނަ ނުވަތަ ދެ އަހަރުގެ ބަޖެޓަށް ވުރެ ބޮޑު އަދަދެއް ކޮންޓްރެކްޓް ކުރެވިފައި އޮތީ. އެެހެން ވުމުން ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުން ނާދިރު ކަމަކަށް ވެފައި އޮންނަނީ. ގިނަ ފަހަރަށް ގިނަ ޕްރޮޖެކްޓުތަކަށް އަޅުގަނޑުމެންނަށް ފައިސާ ދެވޭނެ ގޮތެއް ނެތިފަ ތިބެން ޖެހެނީ." ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރު މަޝްރޫޢުތައް ފެށުމަށް އެކަށީގެންވާ ބެޖެޓެއް ނެތުމުގެ މައްސަލައަށް އިޝާރާތް ކުރައްވާ ވަޒީރު ވިދާޅުވީ، ބެޖެޓު ކުޑަ ކުރާއިރު، މަޝްރޫޢުތައް މަދު ނުކުރާ ކަމަށެވެ. އަދި މަޝްރޫޢަށް ކަނޑައެޅިފައިވާ ފައިސާ މަދުކުރުމުން މަޝްރޫޢުތައް ފަށަން ބޭނުންވާ ވަރަށްވެސް ފައިސާ ނުހުންނަ ކަމަށެވެ. އޭގެ ބަދަލުގައި މަޝްރޫޢުއެއްގެ ފައިސާ މަދު ކުރިނަމަވެސް، މަދުވެގެން ދެބައިކުޅަ އެއްބައި ހިމަނައި ދިނުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ބައެއް މަޝްރޫޢުތައް އަހަރުގެ ފަހު ކުއާޓާގައި ފަށަން ލަސްކުރަންވެސް ޖެހޭކަން ކުޅިވަރާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން މަޝްރޫޢު ފެށުމަށްފަހު އަނެއް އަހަރު ބަޖެޓުގައި މަޝްރޫޢުގެ ބާކީ ފައިސާ ހިމެނައިގެން ކުރިއަށް ގެންދެވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.