ކުޅިވަރު

ޗެކް ރިޕަބްލިކް ނުކުންނާނީ ޝިކް ނުލައި


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ތާރީހުގައި މިރޭ ޗެކްރިޕަބްލިކާއި ތުރުކިޔޭ ބައްދަލުކުރާ މެޗަކީ ވަރަށް ވާދަވެރިވާނެ މެޗެކެވެ. މި މެޗަށް ނުކުންނައިރު ގްރޫޕުގެ ކުރީގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާ ޕޯޗުގަލް އެވެ. ތުރުކިޔޭ އޮތީ ތިން ޕޮއިންޓާއެކު ގްރޫޕުގެ ދެ ވަނާގަ އެވެ. ޗެކް ރިޕަބްލިކަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެމީހުންގެ ފަހަތުން ގްރޫޕުގެ ފުލުގައި އޮތީ ޖޯޖިއާ އެވެ. އެންމެ މޮޅު ކަމަކީ މިހަތަރު ޓީމަށް ވެސް މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތުމެވެ.

މިކަމަށްޓަކައި މިރޭ ޗެކް ރިޕަބްލިކަށް ޖެހޭނީ ތުރުކީ ބަލިކުރާށެވެ. މެޗު އެއްވަރުކޮށްގެން ތުރުކީ އަށް ހިންދެމިލެވޭނީ މި ގްރޫޕުގެ އަނެއް މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
ތުރުކިޔޭއާ ދެކޮޅަށް ޗެކްރިޕަބްލިކް މިރޭ ނުކުންނާނީ ޓީމުގެ އެންމެ މުހިންމު ފޯވަޑް ޕެޓްރިކް ޝިކް ނުލަ އެވެ. އޭނާއަށް އަނިޔާވީ އެންމެ ފަހުން ކުޅުނު މެޗުގަ އެވެ. އެ މެޗުގެ ފަހުހާފުގައި އޭނާ ބޭލީ ކީއްވެތޯ އެހުމުން ކޯޗު ބުނީ ކުޅުންތެރިޔާ އަށް އަނިޔާވެ ދަނޑުން ފޭބުމަށް އަމިއްލަ އަށް އެދުނީ ކަމަށެވެ.

ޝިކް އަކި ހުސްވި ސީޒަނުގައި ޖަރުމަނުގެ ޗެމްޕިއަންކަން ހޯދި ބަޔާ ލެވަކޫސްގައި މޮޅަށް ކުޅެ ގިނަ ގޯލުތަކެއް ޖަހައިދިން ފޯވަޑެކެވެ. އަދި ޗެކް ރިޕަބްލިކްގެ މިހާރުގެ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެންމެ ގޯލާ ރައްޓެހި ފޯވަޑްވެސްމެ އެވެ. ނަމަވެސް އެންމެ ފަހުގެ ޔޫރޯގައި އޭނާ ދެއްކި ތޫނިފިލި ކުޅުން މި މުބާރާތުގައި އަދި ތަކުކާރުކުރެވިފައިނެތުމަކީ ޓީމުގެ ސަޕޯޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ތުރުކީގެ ފުޓްބޯޅަ އޮނިގަނޑު އެކުލަވާލާފައިވަނީ އަށް ކެޓަގަރީއަކަށެވެ. އެންމެ މަތީ ލީގަކީ ތުރުކީ ޕްރެމިއާ ލީގެވެ މި ފަހަރުގެ ޔޫރޯގައި ކުޅޭ ގިނަ ކުޅުންތެރިން ނިސްބަތްވަނީ ވެސް ތުރުކީ ލީގަށެވެ. ނަމަވެސް މިއީ ޔޫރަޕުގެ ލީގުތަކުގެ ތެރެއިން އެންމެ މައްސަލަ ބޮޑު، އެންމެ ގިނައިން މެޗުތައް ހުއްޓާލަން ޖެހޭ ލީގް ރެފްރީއާ މެދު ހިތްހަމަނުޖެހިން ސަޕޯޓަރުން ދަނޑަށް އެރުމާއި ކުލަބުތަކުގެ މެނޭޖްމަންޓްގެ އިސްވެރިން ދަނޑަށް އަރައި ހެދުމަކީ ތުރުކީގައި ވަރަށް އާއްމު ކަމެކެވެ. ނަމަވެސް މިރޭ އެފަދަ ފުރުސަތެއް ނުލިބޭނެ އެވެ. ޖެހޭނީ ރެފްރީގެ ނިޔާ އަށް ތަބާވެ ތިބޭށެވެ.

މި މެޗަށް ނުކުންނައިރު ތުރުކީ ހިތްހަމަޖެހުން ހޯދަނީ މާޒީގެ ނަތީޖާތަކުންނެވެ. 2008 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލަށް ތުރުކީ ދަތުރުކުރީ ޗެކް ރިޕަބްލިކް ބަލިކޮށްގެންނެވެ. އެއީ ދެ ލަނޑުން ޗެކް ރިޕަބްލިކް ކުރީގައި އޮއްވައި ފަހަތުން އަރައި ދެ ގޯލު ޖަހައިގެންނެވެ. ޑިފެންޑަރު ކާން އަހްޔާން ބުނީ މިރޭ ވެސް އެފަދަ ނަތީޖާއެއް ތުރުކިޔޭ އަށް ނެރެވިދާނެ ކަމަށާއި ޓީމު އޮތީ އެފަދަ ރޫހެއްގައި ކަމަށެވެ. އޭނާ އުއްމީދު ކުރަނީ 2008ގައި ޗެކް ރިޕަބްލިކްގެ މައްޗަށް ހޯދި ފަދަ ނަތީޖާ އެއް ނުވަތަ އެއަށްވުރެ ބޮޑު މޮޅެއް މިރޭ ހޯދުމަށެވެ.

ބައިނަލް އަގްވާމީ ފުޓްބޯޅައިގައި މި ދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. އެ މެޗު ތުރުކީ ކާމިޔާބު ކުރީ އީނަސް އޫނަލް އާއި ހަކާން ޗަޅަނޮގްލޫ ޖަހައިދިން ގޯލުތަކުންނެވެ.