ޚަބަރު

"ފައިދާހުރި ކާނާ ބޭނުންކުރުމާއެކު، އިސްރާފު ކުޑަކުރުން މުހިންމު"


  • މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ފައިދާހުރި ކާނާގެ މުހިންމުކަން ފާހަގަކުރެއްވި

  • ކެއިންބުއިމުގެ ދުޅަހެޔޮ އާދަތަކަށް ގޮވާލެއްވި

ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތީގެ އުސޫލުތައް ހިންގުމާއި، އިސްރާފު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އނަބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާ ކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތީގެ އުސޫލުތައް ގެންގުޅުމަށާއި ޒިންމާދާރު ގޮތެއްގައި ކާބޯތަކެތީގެ އިޚްތިޔާރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އނަބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ވަކިވަކި ފަރުދުންނާއި މުޖުތަމައުތަކަށް ގޮވާލައްވާފައެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ފޮނުއްވި މެސެޖެއްގައި ފަސްޓް ލޭޑީ އަލިއަޅުވާލެއްވީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ކާބޯތަކެތި އުފެއްދުމެއް ނޫން ކަމަށާއި ކޮންމެ އާއިލާއަކަށް ވެސް ހަށިގަނޑަށް ފައިދާހުރި ބާވަތްތައް އެކުލެވޭ ކާނާ ލިބޭނެ ގޮތް ހެދުން ކަމަށެވެ.

ގޭގައި އަދި މުޖުތަމައުތަކުގެ ތެރޭގައި ކެއިންބުއިމަށް ގެންގުޅޭ ކުދިކުދި އާދަތަކުން މާނަހުރި ތަފާތެއް އަންނާނެކަން ފާހަގަކުރައްވައި، ދިވެހި އުފެއްދުންތަކަށް އެހީތެރިވުމާއި، ފައިދާހުރި ކާނާއަށް އިސްކަންދިނުމާއި، ކާބޯތަކެތި އިސްރާފުކުރުން މަދުކުރުމަށް އެކަމަނާ އެދިލެއްވިއެވެ.


އަދި އެންމެންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޖަމާޢަތުގައި ކުރާ މަސައްކަތްތަކަށް ވަނީ ހިތްވަރުދެއްވާފައެވެ. މިއީ ފަރުދީގޮތުންވެސް ކުރެވޭނެކަމެއްކަމަށާއި، ޒަމަނީ ޓެކްނޮލޮޖީ ނެތަސް، ފަރުދީގޮތުންވެސް މިކަމަށް އިސްކަންދިނުން މުހިންމުކަމުގައި ވިދާޅުވިއެވެ.