ޚަބަރު

ޕްލާސްޓިކް ކޮތަޅު ފީ: 317 ފަރާތުން ނުދައްކާ، އެއީ 1.54 މިލިއަން ރުފިޔާ


  • 7 މަސްތެރޭ ލިބުނީ 8.65 މިލިއަން ރުފިޔާ

  • އަންދާޒާ ކުރި އާމްދަނީއަށްވުރެ %70 ދަށް

  • ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހު

ޕްލާސްޓިކް ކޮތަޅަށް ދައްކަން ޖެހޭ ފީ މިދިޔަ އަހަރުތެރޭ 317 ފަރާތަކުން ދައްކާފައި ނުވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.

މީރާއިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ މާލީ ރިޕޯޓުގައިވާގޮތުން އެ އަހަރުތެރޭ ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ލިބެންޖެހޭ އާމްދަނީވަނީ އަންދާޒާ ކުރިވަރަށް ވުރެއް ދަށްވެފައެވެ.

ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ވާ ގެއްލުން ކުޑަކުރުމަށްޓަކައި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުއެވެ. މިއާއެކު މީރާގެ އާމްދަނީ ރިޕޯޓުގައި މިދިޔަ އަހަރުގެ މެއިމަހުން ފެށިގެން ޕްލާސްޓިކް ކޮތަޅު ފީއިން ލިބޭ އާމްދަނީ ވަނީ ހިމަނަން ފަށާފައެވެ.

މީރާއިން ނެރެފައިވާ އަހަރީ ރިޕޯޓުގައި މިދިޔަ އަހަރުތެރޭ އެ އިދާރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތަފްޞީލްތައްވަނީ ހިމަނާފައެވެ. އެގޮތުން މިދިޔަ އަހަރުތެރޭ އަލަށް ނަގަން ފެށި ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި، މެއިމަހުން ފެށިގެން ނޮވެމްބަރުމަހާ ހަމައަށް ދައުލަތަށް ލިބިފައިވަނީ 8.65 މިލިއަން ރުފިޔާއެވެ.

މީރާއިން ބުނީ ޕްލާސްޓިކް ކޮތަޅު ފީ ދައްކަންޖެހޭ ކަމަށް ރިޕޯޓުކޮށްފައިވާ 317 ފަރާތަކުން 1.54 މިލިއަން ރުފިޔާ ދައްކައިފައިނުވާކަމަށެވެ. މިއާއެކު އެ އަހަރުތެރޭ ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީވަނީ %70 ދަށްވެފައެވެ.

ޤާނޫނަށް ގެނައި އިސްލާހާއެކު ޕްލާސްޓިކް ކޮތަޅު ބޮނޑިއެއް ވިއްކާއިރު ނުވަތަ ހިލޭ ދިން ނަމަވެސް، އެ ކޮތަޅު ބޮނޑީގައި ހިމެނޭ ކޮންމެ ކޮތަޅަކަށް -/2 ރުފިޔާގެ ރޭޓުން ފީއެއް ނަގަންޖެހެއެވެ. އަދި ޕްލާސްޓިކް ކޮތަޅު ބޮނޑި ވިއްކާ ފަރާތަކީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ، އޭގެ އަގުން ޖީ.އެސް.ޓީވެސް ނަގަންޖެހެއެވެ.

ބައެއް ހާލަތްތަކުގައި ޕްލާސްޓިކް ކޮތަޅުން ފީ ނަގާކަށް ނުޖެހޭނެކަމަށް މީރާއިން ހާމަކުރެއެވެ.

ފީ ނެގުން އިސްތިސްނާވާ ޕްލާސްޓިކް ކޮތަޅު

• ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
• ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
• ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ".

ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ އަދަދަކީ ދައުލަތަށް ނެގޭ ޓެކުހެކެވެ. އަދި އެ ފަރާތްތަކުން ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީގެ ޖުމްލަ އަދަދު ޓެކްސްގެ ގޮތުގައި މީރާއަށް ހަމައަށް ދައްކަންޖެހެއެވެ.