ޚަބަރު

މުލީ އެއަރޕޯޓް ވީހާވެސް އަވަހަށް ނިންމާ ޚިދުމަށް ފެށުމަށް ދަނީ ތައްޔާރުވަމުން: އެމްޓީސީސީ


  • ރަންވޭ، ޓެކްސީ ވޭ އަދި ޓަރމިނަލްގެ %90 ވަނީ ނިމިފައި

  • ހިއްކާ ނުނިމެނީ ރަންވޭ ވަށައިގެން ހިއްކަންޖެހޭ ސަރަޙައްދު

  • 14 ހެކްޓަރުގެ ބިން ހިއްކަންޖެހޭ

މުލީ އެއަރޕޯޓުގެ މަސައްކަތް އަވަސްކޮށް، ވީހާވެސް އަވަހަށް ޚިދުމަތްދޭން ފެށުމަށް މަސައްކަތްކުރަމުންދާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ބުނެފިއެވެ. މި މަސައްކަތް މުޅިން ނުނިމި ލަސްވަނީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ބައެއް މަސައްކަތްތައް ނުނިމޭތީކަމަށް އެކުންފުނިން ބުނެއެވެ.

މ. އަތޮޅުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެއެވެ. މުޅި މަޝްރޫޢު ނިންމާ ޚިދުމަތް ދޭން ފުރަތަމަ ޕްލޭންކުރީ 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ. ނަމަވެސް މަސައްކަތްތައް ލަސްވުމާ ގުޅިގެން އެންމެ ފަހުން ތާވަލު ކުރީ މިއަހަރުގެ މެދުތެރޭގައި ޚިދުމަތް ފެށޭވަރަށް ނިންމުމަށެވެ.

މުލީ އެއަރޕޯޓް ޕްރޮޖެކްޓް ނިންމުމާ ގުޅޭގޮތުން ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފައިވަނީ ޕްރޮޖެކްޓްގެ ރަންވޭއާއި ޓެކްސީވޭއާއި ޓަރމިނަލްގެ ގިނަ މަސައްކަތްތައް މުޅިން ނިމިފައިވާކަމަށެވެ. މުޅި މަޝްރޫޢުގެ އިމާރާތްކުރުމާ ގުޅޭ %90 މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.

އެމް.ޓީ.ސީ.ސީން ބުނީ އެއަރޕޯޓް ޕްރޮޖެކްޓް ނުނިމި ލަސްވެފައިވަނީ، ރަންވޭ އަޅާފައިވާ ސަރަޙައްދުގެ ވަށައިގެން ހިއްކަންޖެހޭ ސަރަޙައްދު ހިއްކުމުގެ މަސައްކަތް ނުނިމޭތީކަމަށެވެ. އެ ސަރަޙައްދުން 14 ހެކްޓަރުގެ ބިން އިތުރަށް ހިއްކަން ޖެހެއެވެ.

ބިން ހިއްކުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ވަނީ ބެނެފައެވެ. ބިން ހިއްކުން ލަސްވީ، ގައު ހުދުވުމުގެ މައްސަލައާއި ގުޅިގެން ބިން ހިއްކުމުގެ މަސައްކަތް ވަގުތީ ގޮތުން ހުޓާލުމަށް އެންގުމާ އަދި ޕްރޮޖެކްޓްގެ ސްކޯޕަށްވެސް ބައެއް ބަދަލު އައުމުންކަމަށް އެމް.ޓީ.ސީ.ސީން ވަނީ ބުނެފައެވެ.

ނަމަވެސް އަލުން ހުއްދަ ލިބުމާ ގުޅިގެން، ބިން ހިއްކުމާ ގުޅޭ މަސައްކަތްތައް އަވަސްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެމްޓީސީސީން ބުނީ ޕްރޮޖެކްޓް ޓައިމްލައިނަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން، އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއާއިއެކުވެސް މަޝްވަރާކުރަމުންދާކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ޕްރޮޖެކްޓްގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާ ޚިދުމަތް ފެށުމަށް ކަމަށެވެ.

މުލީ އެއަރޕޯޓްގެ މަސައްކަތާ ގުޅޭގޮތުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވީ، އެއަރޕޯޓް ހުޅުވުމުގެ މަސައްކަތަށް ތައްޔާރުވުމަށް، އެއަރޕޯޓަށް ބޭނުންވާ މުވައްޒަފުން ނެގުމާ ގުޅޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ.

އެގޮތުން ޚިދުމަތަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ވަރަށް އަވަހަށް ފަށާނެކަމަށާއި، އެމީހުންނަށް ބޭނުންވާ 3 މަހުގެ ތަމްރީންތައް ދޭނެކަމަށް މުބީން ބިދާޅުވިއެވެ.

"އެއަރޕޯޓް މުވައްޒަފުންނަށް ދޭންޖެހޭ ޚާއްސަ ޓްރެއިނިންތައް އެބަހުރި. މިހާރު މުވައްޒަފުން ނެގުމަށް އިޢުލާނުކުރުމަށް ދަނީ ތައްޔާރުވަމުން. ހުޅުވުމުގެ 3-4 މަސް ކުރިން ޓްރެނިންތައް ދޭން ފަށަންޖެހޭ. އެހެންނޫނީ އެހެން އެއަރޕޯޓްތަކުން މުވައްޒަފުން ގެންނަންޖެހޭނީ." ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވިއެވެ.

މުލީ އެއަރޕޯޓްގައި ތަރައްޤީކޮށްފައިވަނީ 1200 މީޓަރު ދިގު، 30 މީޓާރު ފުޅާ ރަންވޭއެކެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. ބިން ހިއްކާ ނިމުމުން ހިއްކާ ސަރަޙައްދު ޙިމާޔާތްކުރުމަށް 1812 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ.

މުލީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ސަރުކާރުން 221 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ.

މުލަކަތޮޅަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅެކެވެ. އެ އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު، އަތޮޅުގެ އާބާދީ އުޅެނީ 8000 އިން ދަށުގައެވެ.