ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްލޮވީނިއާ އާއި ޑެންމާކް ވާދަކުރާއިރު މި ދެ ބައި މީހުންނަކީ ވެސް ކޮލިފައިންގައި އެއް ގްރޫޕެއްގައި ހިމެނުނު ދެ ޓީމެވެ. ސްލޮވީނިއާ އަށް ކޮލިފައިންގެ އެއްވަނަ ގެއްލުނީ ޑެންމާކް އަތުން ބަލިވުމުންނެވެ. ޑެންމާކާ ހިލާފަށް ސްލޮވީނިއާ އަކީ ޔޫރަޕުގެ ކުޑަކުޑަ ގައުމެކެވެ. ނަމަވެސް އެމީހުންގެ ހަށީގައި ޖަހަނީ ފުޓްބޯޅައިގެ ވިންދެވެ. މައި ފުށަކީ އިހުގައި ފުޓްބޯޅަ އަށް މަޝްހޫރު ޔޫގޯސްލާވިޔާ އެވެ. މަޝްހޫރު ލަޓްކޯ ޒަހޮވިޗްގެ ޒަމާނަށް ފަހު ސްލޮވީނިއާ އަށް އައި ހަރީފު މޫސުމަށް ނިމުން ގެނެސް މި ފަހަރުގެ ޔޫރޯ އަށް ސްލޮވީނިއާ ކުރިމަތިލަނީ އެތެރެއާއި ބޭރުގެ ކުށްހީތަކަށް ނިމުން ގެނައުމަށް ނިޔަތްގަނެގެންނެވެ.
މިއާ ހިލާފަށް ޑެންމާކަކީ ދޭތެރެދޭތެރެއިން އަޑުގަދަ ގައުމެކެވެ. ހާއްސަކޮށް ޔޫރަޕުދުށް ވަރުގަދަ ޓީމެއް ދެއްކި ބައެކެވެ. 1992 ވަނަ އަހަރުގެ ޔޫރަޕުގެ ޗެމްޕިއަނުންނަކީ ޑެންމާކެވެ. އެ ޓީމުގައި ކުޅުނު ކޮންމެ ކުޅުންތެރިއަކީ ދުނިޔޭގެ ތަރިއެކެވެ. ނަމަވެސް އެ ޒަމާން ފާއިތުވެ، ޑެންމާކަކީ މިއަދު އާދައިގެ ޓީމެކެވެ.
އެންމެ ފަހުގެ ޔޫރޯއިން ޑެންމާކް ކެޓީ ރެފްރީ ހެދި ބޮޑެތި ގޯސްތަކަކުން ކަމަށް މުޅި ދުނިޔެ އޮތީ ގަބޫލުކޮށްގެންނެވެ. މި ގަބޫލުކުރުމާއެކު ހަމްދަރުދީ އެމީހުންނަށް ބަންޑުންވީ ޓީވީން މެޗު ބަލަމުންދިޔަ އެތައް ބައެއްގެ ކުރިމަތީގައި ކްރިސްޓިއަން އެރިކްސަނަށް ހާޓް އެޓޭކެއް ޖެހި ދަނޑުމައްޗަށް ވެއްޓުނު ހާދިސާ ހިނގުމާއެކުގަ އެވެ.
މި ހާދިސާއަށް ތިން އަހަރު ފަހުން ޔޫރޯ އަށް ޑެންމާކް ކުރިމަތިލާއިރު އެރިކްސަން މިހާރު އެހުރީ މި އަޑިގަނޑުން އަރައިގެންފަ އެވެ. އޭނާ މިހާރު ކުޅެނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށެވެ. ނަމަވެސް ޑެންމާކުގެ ފޯމު ދިޔައީ ދުވަހެއް ދުވަހަކަށް ދަށަށް ކަމަށް ގަބޫލުކުރާ މީހުން މަދެއްނޫނެވެ. ސަބަބަކީ އެންމެ ފަހުގެ ވޯލްޑްކަޕާއި ޔޫރޯ ކޮލިފައިންގައި ވެސް ދެއްކި ކުޅުން ފީކަޅާކަމުންނެވެ.
ކޯޗު ކަސްޕާ ހުސްމުންޑް މިވަގުތު ވިސްނައި ފިކުރުކުރަމުންދަނީ ޓީމު ނަގާނެ ގޮތަކާމެދުގަ އެވެ. އޭނާގެ ކަންފަތުގައި މިހާރު އެންމެގިނައިން ޖެހޭ އެއް އަޑަކީ ކްރިސްޓިއަން އެރިކްސަން ފުރަތަމަ 11ގައި ކުޅެންޖެހޭނެ ކަމަށް ބުނެ ފާޑުކިޔާ މީހުން ދައްކަމުން އަންނަ ވާހަކަތަކެވެ. ޒުވާން ކީޕަރު ފެރެޑިކް ރޮނޯ ވަނީ ޔޫނިއަން ބާލިންގައި މޮޅަށް ކުޅެފަ އެވެ. މިހެންވެ ކީޕަރު އަންގި ތަޖުރިބާކާރު ކީޕަރު އުމުރުން 35 އަހަރުގެ ކެސްޕާ ޝުމައިކަލްގެ އަތުގައި އަންގި ބާއްވާނެތޯ އުފެދިފައިވާ ސުވާލަކީ ވެސް ކޯޗަށް ގޮތެއް ނިންމަންޖެހިފައިވާ ކަމެކެވެ. ކެޕްޓަން ސިމޯން ކިޔާގެ އުމުރުން މިހާރު 37 އަހަރުވެއްޖެ އެވެ. މިއުމުރަކީ ގިނަ ފަހަރު ޒުވާން ފޯވަޑުން ހުއްޓުވުމުގައި ގިނަ ކުޅުންތެރިންގެ ކިބާގައި ކޮށި ކަމެއް ހުންނަ އުމުރަކަށްވުމުން 350 މެޗު ކުޅެދީފައިވާ ތަޖުރިބާކާރު ޑިފެންޑަރު ފަހަތުގައި އިސްކޮށް ބަހައްޓާނެތޯ ނިންމަން ޖެހިފައިވަނީ ވެސް ކޯޗު ހުލްމުންޑަށެވެ.
މިހުރިހާ ކަމަކާއެކު ކޯޗުގެ ކުރުމަތީގައި އޮތީ ދެ ގޮތެވެ. ތަޖުރިބާކާރު ކުޅުންތެރިންނަށް އިސްކަންދީގެން ޓީމު އެތުރުން ނުވަތަ މުޅި ޓީމު ޒުވާންކޮށް ރިސްކު ނެގުމެވެ. ހުލްމުންޑް ދެކޭ ގޮތުގައި ފުޓްބޯޅަ ޓީމެއްގައި ކުޅޭ 11 ކުޅުންތެރިން ނެގުމަކީ ރޮކެޓް ސައިންސެއްނޫނެވެ. މިހެންވެ އޭނާ ގަބޫލުކުރަނީ ދެގޮތުންކުރެ އެއްވެސް ގޮތެއް ގޯހެއްނުވާނެ ކަމަށެވެ. ބުނަނީ ރިސްކު ނަގަން ފަސް ނުޖެހޭނެ ކަމަށެވެ.
މިއާ ހިލާފަށް ސްލޮވީނިއާ ޓީމު ނަގަން ތިޔަބޭފުޅުންނަށް ވެސް ފަސޭހަވާނެ އެވެ. ގޯލްކީޕަރު އޮބްލަކް އަކީ ޔޫރަޕުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކީޕަރެވެ. ކުރިން ބެންޖަމިން ސެސްކޯ އަކީ މިހާރު އެންމެ ގިނަ ކުލަބުތަކުން ބޭނުންވާ އެއް ކުޅުންތެރިޔާ އެވެ. ފޯވަޑް ލައިނުގެ އަރަނި ރަނގަޅެވެ.
ސްލޮވީނިއާ އަކީ އަބަދުވެސް 4-4-2 އަށް ކުޅޭ ޓީމެކެވެ. މައިގަނޑު ގޮތެއްގައި އިސްކަންދެނީ ދިފާއަށެވެ. މަތިން ދިގު ބޯޅަ ކުޅެ ދެ އަރިމަތިން، ފަހަތާއި ކުރިއަށް ވެސް އެއްވަރަކަށް ކުޅޭ ކުޅުންތެރިންނަށް އިސްކަންދޭ ޓީމެކެވެ. ކޯޗު މެޖާޒް ކެކް ބުނީ ސްލޮވީނިއާ އަކީ މީސްކޮޅު މަދު އަދި މާވަރުގަދަ ފުޓްބޯޅަ ކުލަބުތަކަކާއި ލީގެއް ނެތް ބަޔަކަށް ވިޔަސް ޔޫރޯ ފަދަ މުބާރާތެއްގައި އެހެން ޓީމުތައް ސިހުން ގެނުވިދާނެ ޓީމެއް ކަމަށެވެ.