ޚަބަރު

އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި


  • މިއީ ރައީސްގެ ވަޢުދުފުޅެއް

  • މި މަސައްކަތް ޙަވާލުކޮށްފައިވަނީ ސިނޯހައިޑްރޯ ކޯޕަރޭޝަނާއި

ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރުމަށް ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރަގައި ބޭއްވި ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި އެ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި ރަސްމިއްޔާތުގައި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ބައިވެރިވިއެވެ.

އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ. އެމަނިކުފާނު އެކަން ހާމަކުރެއްވީ މިދިޔަމަހު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ދިމާވެފައިވާ އޭދަފުށީގައި 1000 ހައުސިން ޔުނިޓް އެޅުމަށް ބަޔަކާ ހަވާލުކޮށްފައިވާއިރު އެރަށުން 183 ގޯޗަށް އެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އޭދަފުށީގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެރަށުގެ ބިންފުރިފައި އޮތުމުން 2014 ވަނަ އަހަރު ސަރުކާރުންވަނީ އެރަށު ބިމަށް 26 ހެކްޓަރުގެ ބިން ހިއްކައިގެން އިތުރުކޮށްދީފައެވެ. ބޯހިޔާވަހިކަމުގެ އެއްވެސް ކަމެއް އެބިމުގައި ނުފެށި އޮތުމަކީ އެރަށުގެ ރައްޔިތުންގެ ކަންބޮޑުވާއެއްކަމެވެ.

އޭދަފުށިން އެންމެ ފަހުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރުގައެވެ. މިހާރު އެރަށުން ގޯތި ދޫނުކުރާތާ 34 އަހަރު ވަނީ ވެފައެވެ.