ޚަބަރު

އަމިއްލަގޮތުން ވާދަކޮށް ގޮނޑި ކާމިޔާބުކުރެއްވި ބައެއް ކެންޑިޑޭޓުން ޕީއެންސީއަށް ސޮއިކުރައްވައިފި


  • މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރުން ވަނީ ކަށަވަރުކުރައްވާފައި

  • އަމިއްލަގޮތުން ވާދަކުރެއްވި 6 މެންބަރަކު ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައި

  • މިއާއެކު 20 ވަނަ މަޖިލީހުގައި ޕީއެންސީ ތަމްޞީލުކުރާނެ މެންބަރުންގެ އަދަދު 72 އަކަށް

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ، ގޮނޑި ކާމިޔާބުކުރެއްވި ބައެއް ކެންޑިޑޭޓުން ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީ.އެން.ސީއަށް ސޮއިކުރައްވައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ގޮނޑި ކާމިޔާބުކުރެއްވި 6 ކެންޑިޑޭޓަކު ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ.

މި މެންބަރުންގެ ފޯމާއި ޙަވާލުވެވަޑައިގަތީ އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޕީއެންސީއާ އަލަށް ގުޅިވަޑައިގެންނެވި މެންބަރުން:

• ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
• ޙަސަން ޒަރީރު – މަތިވެރި ދާއިރާ
• އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
• އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
• ޔާސީން ޢަބްދުﷲ - ނައިފަރު ދާއިރާ
• ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ


20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީ.އެން.ސީގެ ފަރާތުން 90 ދާއިރާއަކަށް ވާދަކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާދައްކާގޮތުން މީގެ ތެރެއިން 66 ކެންޑިޑޭޓުން ވަނީ އިންތިޚާބު ކާމިޔާބުކުރައްވާ ދާއިރާގެ ގޮނޑި ކަށަވަރުކުރައްވާފައެވެ. މިއީ މިހާތަނަށް ނަތީޖާ ދައްކާގޮތުން 20 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީއެވެ. ސުޕަރ މެޖޯރިޓީއަށް ބޭނުންވާނީ 63 ގޮނޑިއެވެ.

ޕީ.އެން.ސީއާ އަލަށް ގުޅުނު މި 6 މެންބަރުންނާއެކު، ކުރިއަށްއޮތް 20 ވަނަ މަޖިލީހުގައި އެޕާޓީ ތަމްޞީލުކުރާނެ މެންބަރުގެ އަދަދު މިހާރު މިވަނީ 72 އަކަށް އަރާފައެވެ. މީގެ އިތުރުން ސަރުކާރާއެކު މަސައްކަތް ކުރާ ޕާޓީތަކުގެ ލީޑަރުން ކާމިޔާބު ކުރެއްވި ގޮނޑިތައް ހިމެނޭހެން ޖުމްލަ 75 ގޮނޑި މި އިންތިޚާބުގައި ސަރުކާރަށް ވަނީ ކަށަވަރުކުރެވިފައެވެ. މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތެވެ.