ޤައުމީ ދުވަސް އުތީމުގައި މިއަހަރު ކުލަގަދަކޮށް ފާހަގަކުރަން ކުރިއަށްގެންދާ ހަރަކާތްތަކާއެކު ރަށުގެ ޢުމްރާނީ ތަރައްޤީއާ ގުޅިފަވާ ގިނަ ކަންތައްތަކެއް ފުރިހަމަވެގެންދާނެކަމަށް ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
އުތީމަކީ ހިތްފަސޭޙަ އަދި ރަށުގެ ތާރީޚީ ހައިބަތު ދެމެހެއްޓުމަށް މުހިންމު މަސައްކަތްތަކެއް ކައުންސިލާއި ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ.
ކޮންމެ އަހަރަކުވެސް ޤައުމީ ދުވަސް ފާހަގަކުރާ ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަސް، މީލާދޫގޮތުން މިއަހަރު ދިމާވަނީ އޮގަސްޓްމަހުގެ 24ވަނަ ދުވަހާއެވެ. މި ދުވަސް އުތީމުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ދިވެހިބަހާ ސަޤާފަތާ ތަރިކައާ ބެހޭ ވުޒާރާއާއި އުތީމު ކައުންސިލުން ގުޅިގެން އަންނަނީ ތަފާތު ގިނަ ތައްޔާރީތަކެއް ވަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ ކޮންމެ ދަޢުރެއްގައި 1 ފަހަރު އުތީމުގައި ބާއްވާ "ބޮޑު ޤައުމީ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދަޢުރުގައި ދެ ފަހަރު ބޭއްވުމަށް ނިންމި ނިންމުމަކީ އުތީމަށް ލިބޭ ބޮޑު ޝަރަފެއްކަމަށެވެ.
ރަޝީދު ވިދާޅުވީ އެކަމަށް ބޭނުންވާ ބަޖެޓު ސަރުކާރުން މިހާރު ހަމަޖައްސައިދީފަވާއިރު، ރަށަށް މުހިންމު ޢުމްރާނީ މަޝްރޫޢުތަކާއި އަދި ތަރިކައާ ގުޅޭ މުހިންމު މަސައްކަތްތައް ކުރުމަށް ހިމަނާފައިވާކަމަށެވެ.
"ޤައުމީ ދުވަސް ފާހަގަކުރެއްވިގެންދާއިރު އުތީމު ރައްޔިތުން އަބަދުވެސް އުއްމީދުކުރޭ ރަށަށް މުހިންމު ޢުމްރާނީ ތަރައްޤީގެ ކުރިއެރުންތަކެއް ލިބުމަށް. 2015ވަނަ އަހަރު އެންމެ ރަނގަޅު ބަޖެޓެއް ލިބިފައޮތީ. އެއަށްވުރެ މާ ރަނގަޅު ބަޖެޓެއް މިއަހަރު ހަމަޖައްސަވައިދެއްވައިފި. ކުޑަކުދިންނާ އަދި ރަށު ރައްޔިތުންނާ ރަށަށް އަރާފައިބާ މީހުންނަށް ތަފާތު ތަޖުރިބާއެއް ކުރެވޭގޮތަށް ބަނދަރު ސަރަޙައްދު ދަނީ ތަރައްޤީކުރަމުން. އަދި ތާރީޚާ ގުޅޭ ޢުމްރާނީ މަސައްކަތްތައް ހިމެނޭ" އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ތާރީޚު ދިރުވާ އާލާކުރުމުގެ މަސައްކަތްތަކުގެތެރެއިން ކަޅުއޮއްފުންމި މޮނިއުމަންޓަށް ތާރީޚީގޮތުން ފާހަގަވާ ބައެއް ބަދަލު ގެނައުމާއި، އުތީމުގެ ތާރީޚީ ވާހަކަ ކިޔައިދޭ ޚާއްސަ ސަރަޙައްދެއް ހެދުމުގެ އިތުރުން ރަށުގެ ހައިބަތު ފެންނާނެހެން ބަނދަރު މަތީގައި ޙާއްސަ ގޭޓަކާއެކު ރަށުގެ ނަން ޖަހާފަވާ މޮނިއުމަންޓެއް ހެދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.
އުތީމު ކައުންސިލްގެ އެގްޒެކެޓިވް އަލީ ސިފާމް ވިދާޅުވީ، މި މަސައްކަތްތަކަކީ ދިވެހިބަހާ ސަޤާފަތާ ތަރިކައާ ބެހޭ ވުޒާރާގެ ޚާއްސަ ލަފައާއި އުތީމުގައި ޤައުމީއަށް އެކުލަވާލާފަވާ ޚާއްސަ ޓާސްކްފޯހުގެ ލަފަޔާއެކު ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ. އަދި ޤައުމީ ފާހަގަކުރުމަށް އުތީމުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް، އަތޮޅުގެ ހުރިހާ ރަށްތަކަށް ދަޢުވަތުދީފަވާކަމަށް ސިފާމް ވިދާޅުވިއެވެ.
އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ކަންކަމުގައި ރަށުގެ ކުދިބޮޑު ހުރިހާ ރައްޔިތުން ދަނީ ބައިވެރިވަމުންނެވެ.
"އަޅުގަނޑުމެންގެ ޢަމާޒަކީ އަތޮޅުގެ ހުރިހާ ރަށްތަށް ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިކުރުން. އެގޮތުން ޤައުމީ ދުވަހުގެ ޖަލްސާގައި ބައިވެރިވުމާއި، ބާއްވާ އެކިއެކި ޕްރޮގްރާމްތަކާ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުމަށް ދަޢުވަތު ވަނީ ދީފަ. ސަޤާފީ ކުޅިވަރާ، ބޮޑުކޭމާ އަދި ބޮއްކުރާ ރޭހެއްވެސް ވަނީ އަތޮޅަށް ހުޅުވާލާފައި" އުތީމު ކައުންސިލް އެގްޒެކެޓިވް އަލީ ސިފާމު ވިދާޅުވިއެވެ.
އުތީމުގައި 1980އިން ފެށިގެން ކޮންމެ އަހަރަކު ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރަމުން އައިސްފަވެއެވެ. އަދި ކޮންމެ ރިޔާސީ ދަޢުރެއްގައި 1 ފަހަރު "ބޮޑު ޤައުމީ"ގެ ގޮތުގައި މި ދުވަސް ފާހަގަކުރަމުން އައިސްފަވެއެވެ.