ޚަބަރު

މޫދު ކުޅިވަރަށް ޚާއްސަކޮށްގެން ތުލުސްދޫގައި ތަރައްޤީކުރާ ޕޮލިޓެކްނިކްގެ ބިންގާއަޅައިފި


  • މިތަން ތަރައްޤީކުރަނީ ވިލާ އެޑިޔުކޭޝަނަލް ސަރވިސަސްއިން

  • މިއީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުޞޫލުން ހިންގާ މަޝްރޫޢެއް

  • ވޯޓަރ ސްޕޯޓްސްއާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ ކޯސްތައް ހިންގާނެ

މޫދު ކުޅިވަރަށް ޚާއްސަކޮށްގެން ކ. ތުލުސްދޫގައި ތަރައްޤީކުރާ ޕޮލިޓެކްނިކްގެ ބިންގާއަޅައިފިއެވެ.

އެކަމަށްޓަކާ ކ. ތުލުސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އި ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއާއި ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ. މިއީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ޤާއިމުކުރާ ތަނެކެވެ.

ކ. ތުލުސްދޫގައި ތަރައްޤީކުރާ މި ޕޮލިޓެކްނިކް ޚާއްޞަ ކޮށްފައިވަނީ ވޯޓަރ ސްޕޯޓްސްއާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އެހެންނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައްވެސް މި އިންސްޓިޓިއުޓުގައި ހިންގޭނެކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫޢަކީ، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުޞޫލުން ޢިމާރާތް ކުރުމުގެ މަސައްކަތާއި ހިންގުމުގެ މަސައްކަތް ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން ކުރާ އުސޫލުން (ބިލްޑް-ފައިނޭންސް-އޮޕަރޭޓް މޮޑެލްގައި) ކުރުމަށް ވިލާ އެޑިޔުކޭޝަނަލް ސަރވިސަސް ޕވޓ. ލޓޑ އާ ހަވާލުކޮށްގެން ކުރިއަށްދާ މަސައްކަތެކެވެ.

މި ޕޮލިޓެކްނިކް ޢިމާރާތް ކުރުމަށްޓަކައި ތުލުސްދޫއިން 32،581.25 އަކަފޫޓްގެ ބިމެއް ވަނީ ތުލުސްދޫ ކައުންސިލުން ހަމަޖައްސަވައިދެއްވައިފައެވެ. އަދި މި އިންސްޓިޓިއުޓުގައި ހިންގުމަށް ހަމަޖެހިފައިވާ ވޯޓަރ ސްޕޯޓްސް ދާއިރާގެ ތަމްރީނުތައް ހިންގުމަށްޓަކައި 1208.33 އަކަފޫޓުގެ ބިމެއް ބީޗް ފްރޮންޓުންވެސް ވަނީ ހަމަޖައްސަވައިދެއްވައިފައެވެ.

މި ޕްރޮޖެކްޓް ހުރިހާ ފޭސްއެއް ނިމޭއިރު ޕޮލިޓެކްނިކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓްގެ ބައިތަކުގެ އިތުރުން އެކޮމަޑޭޝަންގެ ޚިދުމަތާއި، އިންސްޓިޓިއުޓްގައި ޓޫރިޒަމްގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ދަރިވަރުންނަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްޤީކުރެވިގެން ދާނެކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން ކްލާސް ރޫމްތަކާއި، އައި.ސީ.ޓީ ލެބޯޓަރީއަކާއި، އޮޑިޓޯރިއަމްއެއްގެ އިތުރުން ލައިބްރަރީއެއްވެސް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި، ސްޓާފް ރޫމަކާއި، ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތައް ވެސް ހުންނާނެއެވެ. މި ޢިމާރާތުގައި ދަރިވަރުންގެ ޞިއްޙީ ދުޅަހެޔޮކަމަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓާއި ފަސްޓްއެއިޑްގެ ޚިދުމަތް ފަދަ އަސާސީ ކަންކަންވެސް ހިމެނިފައިވާނެކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވީ، މި އިންސްޓިޓިއުޓުގެ ސަބަބުން، ރަށުގެ ޒުވާނުންނަށް އަމިއްލަ ފަސްގަނޑުގައި އާއިލާއާއިއެކު ތިބެގެން، އެ ޒުވާނުންނާ އެކަށޭނަ، އެ ޒުވާނުންގެ ހުރި ހުނަރު އިތުރަށް ތަރައްޤީކޮށް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުޞަތުތައް ފަހިވެގެންދާނެކަމަށެވެ. އަދި މި ފުރުސަތުތަކުގެ ބޭނުން ހިފާ ޒުވާނުންނަށް އެކަށޭނެ އާމްދަނީއެއް ލިބޭ ވަޒީފާއެއް ހޯދުމަށް މަގުފަހިވެގެން ދާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.