ޚަބަރު

ކުޑަހުވަދޫ ތަރައްޤީކުރާނީ އަރބަން ސެންޓަރެއްގެ ގޮތުގައި: ރައީސް


  • އަރބަން ސެންޓަރުތައް ތަރައްޤީކުރަނީ އެއްފަކުރުމުގެ ވިސްނުމުގައި

  • ރައީސް ވިދާޅުވީ ރަށުގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރައްވާނެކަމަށް

  • ކުޑަހުވަދޫގައި ހޮސްޕިޓަލް އިމާރާތެއް އަޅުއްވާނެކަމަށް ވިދާޅިވި

ސަރުކާރުން ރާއްޖޭގެ 7 ސަރަޙައްދު އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރަން ނިންމާފައިވާއިރު އޭގެތެރެއިން އެއް ރަށަކަށް ދ. ކުޑަހުވަދޫ ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދ. ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަހުވަދޫގެ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޑަހުވަދޫއަކީ ދެމެހެއްޓެނިވި ތަރައްޤީ އެންމެ ފުރިހަމައަށް ގެނެވޭނެ ރަށެއްކަމަށެވެ. އަދި ޚިދުމަތްތައްވެސް ޤާއިމުކުރާނީ އެންމެ މަތީ ފަންތީގައިކަމަށެވެ. އެގޮތުން ސަރުކާރުގެ ވިސްނުން ހުރީ ކުޑަހުވަދޫ ތަރައްޤީކުރުމުގައި އެހެން ރަށްތަކުން އަމިއްލަ ޝައުގުވެރިކަމުގައި މީހުންނަށް ހިޖުރަކޮށް ދިރިއުޅެވޭނެ ރަށެއްގެ ގޮތުގައި މިރަށް ތަރައްޤީކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ވިސްނުމުގައި ރަށުގެ ސިއްޙީ ޚިދުމަތާއި ތަޢުލީމީ ޚިދުމަތް އަދި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރައްވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައްވެސް ހިންގަވައިދެއްވާނެކަމަށެވެ.

"ކުޑަހުދޫ ވާނީ އެއް އަރބަން ސެންޓަރަށް. ރަށުގައި ގެދޮރާ ވަޒީފާ، ސިއްޙީ އަދި ތަޢުލީމީ ޚިދުމަތްތައް ފުޅާކުރާނަން. އެއީ ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކީ. މަތީ ފެންވަރުގެ ޚިދުމަތްތައް ރަށަށް އަންނާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު ރަށުގެ ބަނދަރު ބޮޑުކޮށް ތަރައްޤީކޮށްދެއްވާނެކަމަށެވެ. އަދި ރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށް ރަށުގައި ވިޔަފާރި ބަނދަރެއް ތަރައްޤީކޮށްދެއްވާނެކަމަށެވެ.

މީގެއިތުރުން ހޮސްޕިޓަލްގެ އައު އިމާރާތާއި ޑައިލަސިސް ފަރުވާއާއި، ރަށުގައި ތިބެގެން ކުޅިވަރު ކުޅެވޭގޮތަށް ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއަރޕޯޓް ޚިދުމަތް އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުން ކައުންސިލުން ހުށައެޅި ޚިޔާލުތަކަށް ބަލާ، އެ ޚިދުމަތްވެސް އިތުރަށްވެސް ރަނގަޅުކޮށްދެއްވާނެކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ކުޑަހުވަދޫއަށް އާމްދަނީ އިތުރުކުރެވޭނެ ވަސީލަތްތައް ޤާއިމުކުރުމަށް، ރަށް ކައިރިން ފަޅު ރަށެއް ހަމަޖައްސައިދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.