ޚަބަރު

އުރީދޫ ނޭޝަން ގޭމާސް ލޭންޑުގެ ހަރަކާތްތައް އިފްތިތާހުކޮށްފި


  • މިއީ ގޭމް ކުޅޭ ހުރިހާ މީހުންނަށް ބައިވެރިވެވޭ ގޮތަށް ރާވާފައިވާ ހަރަކާތެއް

  • އީ.އޭ.އެފް.ސީ 24، މޮބައިލް ލެޖެންޑްސް އަދި ޕަބްޖީ ޓޯނަމަންޓްތައް ބާއްވާނެ

  • ޖުމްލް ޕްރައިޒް ޕޫލްއަކީ 700000 ރުފިޔާ

މިއަހަރުގެ އުރީދޫ ނޭޝަން ގޭމާސް ލޭންޑުގެ ހަރަކާތްތައް އިފްތިތާހުކޮށްފިއެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑަކީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް އަދި ގޭމް ކުޅޭ ހުރިހާ މީހުންނަށް ބައިވެރިވެވޭ ގޮތަށް ރާވާފައިވާ ހަރަކާތެކެވެ. މުޅި އަހަރަށް ބަހާލައިގެން ބާއްވާ އީ.އޭ.އެފް.ސީ 24، މޮބައިލް ލެޖެންޑްސް އަދި ޕަބްޖީ ޓޯނަމަންޓްތަކުގެ ޖުމްލަ ޕްރައިޒް ޕޫލްއަކީ 700000 ރުރިޔާއެވެ.

މިއަހަރުގެ އުރީދޫ ނޭޝަން ގޭމްސްގައި އިންޓަރ ސްކޫލް، އިންޓަރ ޔުނިވަރސިޓީ، ކޮލެޖު، އިންޓަރ އޮފިސް، އިންޓަރ ރިސޯޓު މުބާރާތްތައް ހިމެނެއެވެ.

އުރީދޫ ނޭޝަން ގޭމާސްގެ ހަރަކާތްތައް އިފްތިތާހުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަހީދެވެ. އެކަމަށްޓަކާ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ މުބާރާތްތަކަކީ ހަމައެކަނި ކުޅިވަރުކުޅުމުގެ ބަދަލުގައި، ކުޅިވަރާއެކުވެސް އާމްދަނީއެއް ހޯދުމަށް ލިބޭ ފުރުޞަތެއް ކަމަށެވެ.

"އުރިދޫއަކީ ރާއްޖޭގެ މުވާސަލާތީ ޚިދުމަތަށް އިންގިލާބެއް ގެނެސްދީފައިވާ ކުންފުންޏެއް. އަދި ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ މުބާރާތްތަކުގައި އާމްދަނީ ލިބޭނެ ގޮތްތައް ވެސް ދަނީ ފަހިކޮށްދެމުން. ޒުވާނުންނަށްވެސް އަދި ގޭމު ކުޅޭ ހުރިހާ ފަރާތްތަކަށްވެސް ޔަގީންވާނެ ކަމަކީ އުރީދޫއިން ރާވާ މުބާރާތްތަކަކީ ފެންވަރު ރަގަޅު މުބާރާތްތަކެއްކަން. އަދި މި ފެންވަރުގައި އީ ސްޕޯޓްސްއަށް އުރީދޫއިން ދޭ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

މި ހަފްލާގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހަމާދީ ކުރިމަގުގައި މި މުބާރާތް އިތުރަށް ފުޅާކޮށް، ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ހުޅުވާލުމަށް ވިސްނާފައިވާ ކަމަށް ވިދާޅުވެފައެވެ.

"އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024 މި ލޯންޗު ކުރެވުނީ ދިވެހިރާއްޖޭގައި ގޭމު ކުޅުމަށް ޝައުގުވެރިވާ ހުރިހާ އެންމެނަށް ބައިވެރިވެވޭ ގޮތަށް. އުރީދޫއިން އަބަދުވެސް ބަލަމުން މިދަނީ އީޖާދީ އަދި ކަސްމަރުންނާއި ގުޅުގެން ކުރެވޭ ކަންތައްތައް އިތުރުކުރުމަށް. މިއަހަރު އަޅުގަނޑުމެން މި މުބާރާތް ރާއްޖެއިން ބޭރަށް ގެންދިއުމަށްވެސް މަސައްކަތް މިދަނީ ކުރަމުން.' ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ރާވައިފައިވާ މުބާރާތުގައި، "އަލްޓިމޭޓް ޕްލޭޔަރ" ޓްރޮފީ އަށް ވާދަކުރުމުގެ ފުރުޞަތު ހުރިހާ ބައިވެރިންނަށްވެސް ހުޅުވާލާނެއެވެ. "އަލްޓިމޭޓް ޕްލޭޔަރ" އަކީ ގޭމަރުންގެ ތެރެއިން ހޮވާލެވޭ މޮޅު ފަންނާނެކެވެ. އަދި އެހެން ކުޅުންތެރިންނަށް ނަމޫނާ ފަރާތަކަށް ވެގެންދާނެއެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނާނެއް ހޮވާ ފުރަތަމަ ފަހަރެވެ.