ޚަބަރު

މެޑިކަލް ދާއިރާއިން އެމްއެންޔޫގެ ދަރިވަރުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް އެއްބަސްވުމެއް


  • އެއްބަސްވުން އެކުލަވާލާފައިވަނީ ތައިލޭންޑުގެ ސަމިޓިވެޖް ކުންފުންޏާއެކު

  • މި އެއްބަސްވުމުގެ މުއްދަތަކީ 5 އަހަރު

  • މެޑިކަލް ދަރިވަރުންނަށް ތަމްރީނު ދެވިގެންދާނެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ މެޑިކަލް ދާއިރާގެ ދަރިވަރުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ތައިލެންޑްގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއެންޔޫއިން މި އެއްބަސްވުން އެކުލަވާލާފައިވަނީ ތައިލެންޑުގެ ކުންފުންޏެއްކަމަށްވާ ސަމިޓިވެޖް ޕަބްލިކް ކޮމްޕެނީއާއެކުގައެވެ. މިއީ 5 އަހަރު ދުވަހުގެ މުއްދަތަކަށް ވެވުނު އެއްބަސްވުމެއްކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ވިދާޅުވީ، މި އެއްބަސްވުމުގެ މަޤްޞަދަކީ ދެ މުއައްސަސާގެ މެދުގައި ރިސާރޗް ކުރިއަރުވާ އަދި ދަރިވަރުންނާއި މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އެ ކުންފުނީގެ ލަފަޔާއި އިރުޝާދު ހޯދުންކަމަށެވެ. އަދި އެތަންތަނަށް ދަރިވަރުންނާއި މުވައްޒަފުން ފޮނުވާ ފަންނީ ޤާބިލުކަން އިތުރު ކުރުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމްތައް ހިނގުން ހިމެނޭކަމަށް އެންއެންޔޫއިން ވިދާޅުވިއެވެ.

އެމްއެންޔޫއިން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އެންމެ ބޮޑު އިސްކަމެއްދޭނީ މެޑިލް ދާއިރާއަށް ކަމަށާއި މީގެ ތެރެއިން ނާރސިންއާއި އެލައިޑް ހެލްތު ދާއިރާވެސް ހިމެނޭކަމަށެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސަލަރ ޑރ. ޢައިޝަތު ޝެހެނާޒެވެ. އަދި ސަމިޓިވެޖްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ ސުރަންގަކަނާ ޓެޗަޕައިތޫނެވެ.

މި ކުންފުންޏަކީ ތައިލެންޑްގެ އަމިއްލަ ހޮސްޕިޓަލް ބްރޭންޑެކެވެ. އެ ކުންފުނިން ބެންކޮކާއި، ޗޮންބުރީ ޕްރޮވިންސްގައި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް އަންނަނީ ހިންގަމުންނެވެ. މިއީ ތައިލެންޑްގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް ކުންފުނި ބެންކޮކް ދުސިތު މެޑިކަލް ސަރވިސަސްއަށް ނިސްބަތްވާ ކުންފުންޏެކެވެ.