ޚަބަރު

މާއްޑޫގައި މީހުން އާބާދުކޮށް، އިޤްތިޞާދު ކުރިއެރުވުމަށް އޭދަފުށީ ކައުންސިލާއި ހަވާލުކުރަނީ


  • ރައީސް ވިދާޅުވީ އަރބަން ސެންޓަރެއްގެ ގޮތުގައި އޭދަފުށި ތަރައްޤީކުރައްވާނެކަމަށް

އޭދަފުށީގެ ރައްޔިތުން އާބާދުކުރުމާއި އަދި އިޤްތިޞާދީ މަސައްކަތްތައް ކުރިއަށްގެންދެވޭގޮތަށް އެ ރަށް ކައިރީ އޮތް ފަޅުރަށެއްކަމަށްވާ މާއްޑޫ ހަމަޖައްސަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އޭދަފުށީ ކައުންސިލާ މައްޑޫ ހަވާލުކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ.އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ 7 އަރބަން ސެންޓަރުގެ ތެރެއިން އެއް އަރބަން ސެންޓަރު ޤާއިމްކުރުމަށް ނިންމާފައިވަނީ 3000 އަށްވުރެ ބޮޑު އާބާދީއެއް އޮތް އޭދަފުށީގައިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ތަރައްޤީގައި މެދު ރާސްތާ އަދި ދިގު ރާސްތާގެ ޕްލޭންތައް އެބަހުރިކަމަށެވެ. އަދި އޭދަފުއްޓަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރަކީ އާބާދީ އެއްފަސްކުރެވޭގޮތަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގެ ތަސައްވުރެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 52 ހެކްޓަރުގެ އޭދަފުއްޓަކީ ހިއްކެން އޮތް އެންމެ ބޮޑަށް ބިން ހިއްކާފައިވާ ރަށަކަށްވާތީ، ރަށުގެ ތަރައްޤީއަށް އިތުރަށް ބިން ހޯދުމަށް ރަށް ކައިރީ އޮތް ފަޅު ރަށް "މާއްޑޫ" އޭދަފުށީގެ ބައެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. މިކަމާ ގުޅޭ ލިޔުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކައުންސިލާ ހަވާލުކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

"މާއްޑޫގައި އޭދަފުށީގެ ރައްޔިތުން ގެދޮރުވެރިކުރުމާއި އިޤްތިޞާދީ މަސައްކަތްތައް ކުރިއަށްގެންދާނަން. ރަށުގެ އުމްރާނީ ތަރައްޤީގެ ޕްލޭން ސަރުކާރާއި ކައުންސިލް ގުޅިގެ އެކުލަވާލާނަން. މިއީ އޭދަފުށީގެ ކުރިމަގަށް ވަރަށް މުހިންމު ރަށެށް." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޭދަފުށީގެ ތަރައްޤީއަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގެވުމާއި ރަށުގެ ސިއްޙީ އަދި ތަޢުލީމީ ނިޒާމު ކުރިއެރުވުމަށްވެސް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށެވެ. އަދި ރަށުގެ އިތުރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވުމާއެކު ޖުމްލަކޮށް ސަރުކާރުން ވަޢުދުވީ ހުރިހާ ކަންކަމެއް އެ ރަށަށް ފުއްދަވައިދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.