ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމުގައި އިސްކަންދޭ ރަށަކަށް އުނގޫފާރު ހަދާނަން: ރައީސް


  • ރައީސް ވިދާޅުވީ ރަށުގެ ބިން ހިއްކަވައިދެއްވާނެކަމަށް

  • "އުނގުލު" ކިޔާ ފަޅު ރަށް ކައުންސިލަށް ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވި

  • ރައީސް ވިދާޅުވީ ރަށަށް ވީ ހުރިހާ ވަޢުދުރައް ފުއްދަވާނެކަމަށް

ސަރުކާރުން އަތޮޅުތަކުގައި ހިންގަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި، އެންމެ އިސްކަންދީގެން މަސައްކަތް ފަށާ އެއް ރަށެއްގެ ގޮތުގައި ރ. އުނގޫފާރު ހައްދަވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ އުނގޫފާރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކފުޅުގައެވެ. ރައީސްވަނީ އުނގޫފާރުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އުނގޫފާރަށް ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. ރައީސް ވިދާޅުވީ، ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކޮށްދިނުމަށް ކައުންސިލުން އެދިވަޑައިގެންފައިވާކަމަށެވެ.

ރައީސް ވިދާޅުވީ، ރަށްރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ރަށުގައި ބިން ހިއްކެން އޮތް އެންމެ ބޮޑުކޮށް ބިން ހިއްކަވައިދެއްވާނެކަމަށެވެ. އަދި ރަށުގައި ރޯހައުސް ނުވަތަ ފްލެޓް މަޝްރޫޢު ހިންގަވައިދެއްވާނެކަމަށެވެ. އުނގޫފާރު ވެގެންދާނީ އަތޮޅުތަކުގައި ހައުސިންގ މަޝްރޫޢު ހިންގުމުގައި އެންމެ އިސްކަން ދެއްވާނެ އެއް ރަށަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އުނގޫފާރަކީ ސަރުކާރުން އަރބަން ސެންޓަރު ތަރައްޤީކުރުމަށް ނިންމާފައިވާ 7 ސަރަޙައްދުން ރަށެއްގެ ގޮތުގައި ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ ރަށް ތަރައްޤީކުރައްވާނީ އެއްފަސްކުރުމުގެ ވިސްނުމާއެކުގައިކަމަށެވެ.

"ރާއްޖޭގައި ސަރަޙައްދީ ތަރައްޤީއާއި އާބަދީ އެއްފަސްކުރުމުގެ ސިޔާސަތުގައި އިސްކަންދޭ ރަށެއްގެ ގޮތުގައި އުނގޫފާރު ވާނެ. މިއާއެކު ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމުގައި އިސްކަންދޭ ރަށެއްގެ ގޮތުގައި މި ރަށް ވެގެންދޭ. ރަށުގެ ބިންވެސް ހިއްކައިދޭނަން." ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އުނގޫފާރުގައި އިޤްތިޞާދީ ފުރުޞަތުތައްވެސް އިތުރުކުރައްވާނެކަމަށެވެ. އެގޮތުން ރަށް ކައިރީ އޮތް ފަޅުރަށް "އުނގުލު"، އުނގޫފާރަށް ހޯއްދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

އެ ރަށަކީ އެއްވެސް މަސައްކަތަކަށް މީގެކުރިން ކުއްޔަށް ދީފައިވާ ރަށެތޯ ނުވަތަ ނޫންތޯ ބަލާ، ނޫން ނަމަ "އުނގުލު" އުނގޫފާރު ކައުންސިލަށް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ އެއްބަސްވުމެއް އޮތް ނަމަވެސް، އަނބުރާ ސަރުކާރަށް ނަގާ އުނގޫފާރަށް ރަށް ހަމަޖައްސަވައިދެއްވުމަށް މަސައްކަތް ކުރައްވަނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުނގޫފާރުގެ ތަރައްޤީއަށް ކުރެއްވުމަށް ނިންމަވާފައިވާ އިތުރު މަސައްކަތަކުގެ ތެރޭގައި ރަށުގެ ސްކޫލްގެ ޖާގައިތުރުކުރުމަށް 16 ކްލާސްރޫމްގެ އިމާރާތެއް އަޅައިދީ މަލްޓި ޕަރޕަސް ހޯލެއް ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. މިއާއެކު އުނގޫފާރު ސްކޫލްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރެވޭގޮތަށް ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުންވެސް ސަރުކާރުން ވަޢުދުވެވަޑައިގެންނެވި ގޮތަށް އުނގޫފާރުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހިންގަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.