ޚަބަރު

އެއަރޕޯޓާއެކު އަލިފުށީގައި ސިނާޢީ ސަރަޙައްދެއް ޤާއިމުކުރާނަން: ރައީސް


  • އަލިފުށީގެ ތަރައްޤީއަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތްކަމަށް ވިދާޅުވި

  • އެއަރޕޯޓްގެ އިތުރުން ރަށުގައި ސިނާޢީ މަސައްކަތްތައް ފަހިކުރައްވާނެކަމަށް ވިދާޅުވި

  • އަލިފުށީގައި ޒަމާނީ ހޮސްޕިޓަލެއް ތަރައްޤީކުރައްވާނެކަމަށްވެސް ވިދާޅުވި

އަލިފުށީ އެއަރޕޯޓް މަޝްރޫޢާއެކު ރަށުގައި ސިނާޢީ ސަރަޙައްދެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ރ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން އަލިފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އަލިފުށީގެ ތަރައްޤީން މިހާތަނަށް ދޫވެފައިހުރި ހުރިހާ މަސައްކަތްތައް މިސަރުކާރުގައި ޙަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށެވެ. އަދި އަލިފުއްޓަށް ސަރުކާރުން ވީ ކޮންމެ ވަޢުދެއް، އަވަސްމިނުގައި ޙާސިލްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށެވެ.

ރަށުގެ ތަރައްޤީއަށް އެކި ސަރުކާރުތަކުގައި ބޮޑެތި ވަޢުދުތައް ވީ ނަމަވެސް މިހާތަނަށް ރަށަށް އަންނަންޖެހޭ ތަރައްޤީ އައިސްފައި ނުވާކަން ރަށު ކައުންސިލުން ފާހަގަކުރިއެވެ. މިކަމަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ، އަލިފުށީ އެއަރޕޯޓްގެ މަސައްކަތް އަވަސްކޮށްދެއްވާނެކަމަށެވެ. އަދި ރައްޔިތުން އެދޭ ބާރު ސްޕީޑްގައި މި މަސައްކަތް ގެންގޮސް، ރައްޔިތުންގެ އުއްމީދުތައް ޙާސިލްވާ މަޝްރޫޢަކަށް އެއަރޕޯޓް މަޝްރޫޢު ހައްދަވައިދެއްވާނެކަމަށެވެ.

މި ޕްރޮޖެކްޓާ އެކީގައި ރަށުގެ އިޤްތިޞާދީ ފުރުޞަތު އިތުރުކުރުމަށް ބިން އިތުރަށް ހިއްކާ ރަށުގައި ސިނާޢީ މަސައްކަތްތައް އިތުކުރެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށެވެ.

"އެއަރޕޯޓާއެކު ރަށުގައި ސިނާޢީ މަސައްކަތްތައް އިތުރުވާންޖެހޭ. އެއީ ވަޢުދެއް. އެއަރޕޯޓް މަޝްރޫޢާ އެކުއެކީގައި އިތުރަށް ބިން ހިއްކާ ރަށުގައި ސިނާޢީ ސަރަޙައްދެއް ޤާއިމުކޮށްދޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިނާޢީ ސަރަޙައްދާއެކު ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ފުރުޞަތު އިތުރުވެގެންދާނެކަމަށެވެ. މީގެ އިތުރުންވެސް ރަށުގައި ޒަމާނީ ވަސީލަތްތަކާއެކު ހޮސްޕިޓަލެއް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ސްޕޯޓް ކޮމްޕްލެކްސް އާއި ކުނި މެނޭޖުކުރާ ފެސިލިޓީއެއްގެ އިތުރުން ރަށުގައި ބޭންކިން ޚިދުމަތް ފުޅާކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާވެސް ބައްދަލުކުރައްވާފައެވެ.

ރ.އަލިފުއްޓަކީ ވަޑާމުގެ މަސައްކަތަށް ރާއްޖޭގައި މަޝްހޫރު ރަށެކެވެ. 58 ހެކްޓަރުގެ އަލިފުށީގެ އާބާދީ އުޅެނީ 1500އިން މަތީގައެވެ.