ޚަބަރު

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތް: ދާއިމީ ޖާގައަކާއެކު ކުރިމަގަށް ކުރެވޭ އުއްމީދު ބޮޑު


  • މިއީ 42 ކްލާސް ރޫމާއެކު 10 ފަންގިފިލާއަށް އިމާރާތްކުރާ ސްކޫލެއް

  • އަންޑަރ ގްރައުންޑް ޕާކިންގއަކާއެކު ތަރައްޤީކުރާ ފުރަތަމަ ސުކޫލް

  • އަމާޒަކީ 2 އަހަރުން މަސައްކަތް ނިންމުން

  • އައު އިމާރާތާއެކު ބެލެނިވެރިންނާއި މުދައްރިސުންގެ ކަންބޮޑުވުންތައް ހައްލުވާނެ

ޢަރަބިއްޔާ ސުކޫލްގެ އައު އިމާރާތާއެކު އެ ސުކޫލްގެ ދަރިވަރުންނާއި މުދައްރިސުން އުފުލަމުން ދިޔަ ތަކުލީފުތަކަށް ނިމުމެއް އަންނާނެކަަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޢަރަބިއްޔާގެ ދާއިމީ އިމާރާތެއް ނުލިބި އެއްތަނުން އަނެއްތަނަށް ބަދަލުވަމުންދާތާ މިވަނީ ޒަމާންތަކެއްވެފައެވެ. ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، މިތަން ވެގެންދާނީ އެ ސުކޫލުގެ ދަރިވަރުންގެ މުސްތަޤުބަލަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައިކަމަށް ތަޢުލީމީ ވުޒާރާއިންވެސް ވިދާޅުވެއެވެ.

އަލް މަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަކީ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ. ޢަރަބިއްޔާ ސްކޫލްގެ ތާރީޚަށް ބަލާއިރު މިއީ އެކި ދުވަސްވަރު އެކި ތަންތަނަށް ބަދަލުކޮށްފައިވާ ސްކޫލެކެވެ. މިގޮތުން ކުރީގެ އީޕީއެސް ސްކޫލާއި މަޖީދީމަގުގައި މިހާރު ޓާޓާ ފްލެޓު ހުރިތަނުގައި ހުރި ސްކޫލެއްގެ އިތުރުން މަންދުކޮލެޖު ހިންގި ޢިމާރާތުގައިވެސް ހިންގާފައިވެއެވެ. އަދި އެއަށްފަހު ޗާންދަނީ މަގުގައި ހުރި އިމާރާތުގައިވެސް ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދީފައިވެއެވެ.

އެހެންނަމަވެސް އެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ވެފައި ހުރުމުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލްގެ ވަގުތީ އިމާރާތަކަށް ހަމަޖައްސައިދިނީ ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އިމާރާތެވެ.

އެކަމަކު، އެއީ ސްކޫލެއް ހިންގަން ޑިޒައިން ކޮށްފައިވާ އިމާރާތަކަށް ނުވުމުން ބެލެނިވެރިންގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ. އެ ތަނުގެ ޖާގައިގެ މައްސަލަވެސް ވެގެން ދިޔައީ ބެލެނިވެރިންގެ ބޮޑު ކަންބޮޑުވުމަކަށެވެ.

ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތުގައި އެއް އަހަރު ކިޔަވައި ދިނުމަށް ފަހު، މިދިޔަ އަހަރު ޢަރަބިއްޔާގެ ކުދިންނަށް ހަމަޖައްސައިދިނީ ދަރުމަވަންތަ ސްކޫލް ވަގުތީ ގޮތުން ހިންގި އިމާރާތެވެ. އެގޮތުން ޢަރަބިއްޔާ ސުކޫލް ކުދިން އައު އަހަރުގެ ކިޔެވުން ފެށީ ކުރީގެ ދަރަމަވަންތަ ސުކޫލް އިމާރާތުގައެވެ.

ޢަރަބިއްޔާ ސްކޫލްގެ ދާއިމީ އިމާރާތް ހަދަން އެންމެ ފުރަތަމަ ނިންމީ ބައު ޖަމާލުއްދީން ހުރި ބިމުގައެވެ. އެ މަސައްކަތަށް ބާ ޖަމާލުއްދީންގެ ޢިމާރާތް ތަޅާލައި ބިން ހުސްކުރުން ފިޔަަވާ މިދިޔަ ސަރުކާރުގައި އެތަނުގައި އިތުރު އެއްވެސް މަސައްކަތެއް ނުކުރެއެވެ.

އެހެންނަމަވެސް އެ ސަރަޙައްދަކީ މިހާރުވެސް ހުރި ތަނަކަށްވެފައި، އިތުރު ސްކޫލެއް އަނެއްކާވެސް އެ ސަރަޙައްދަށް އައުމަކީ އެންމެ ރަނގަޅުގޮތެއްތޯ މިއީ އޭރުވެސް ބައެއް ފަރާތްތަކުން އުފައްދަމުން ދިޔަ ސުވާލެކެވެ. ސަބަބަކީ ޖަމާލުއްްދީނަކީވެސް ޖާގައިގެ ދަތިކަން މިހާރު އޮތް ސްކޫލަކަށްވުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކެމްޕޭން ދުވަސްވަރު ޢަރަބިއްޔާގެ ބެލެނެވެރިންނަށް އުންމީދީ މެސެޖްތަކެއް ވަނީ ދެއްވާފައެވެ. އެއީ އެ ސްކޫލުގެ ދަރިވަރުން މަގުމަތިވިޔަނުދީ، ފެންވަރު ރަނގަޅު ވަސީލަތްތަކާއެކު އެނގުނުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެކަމެވެ.

ރައީސް ވިދާޅުވެފައިވަނީ އޭރުގެ ސަރުކާރުން ދާއިމީ ހައްލު ހޯދުމަށް ކަމަށްބުނެ ޢަރަބިއްޔާ ސްކޫލު އެޅުމަށް ނިންމި ސަރަހައްދަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު އަދި ޖާގައިގެ ގޮތުން މާބޮޑު ތަނަވަސްކަމެއް ނެތް ތަނެއްކަމަށެވެ. އަދި މާލޭގައި އެއަށްވުރެ މާޖާގަ ބޮޑުކޮށް މި އިމާރާތް އެޅޭނެ ބިންތައް އެބަހުރި ނަމަވެސް އެއިރު ސަރުކާރުގައި އެއިމާރާތް އަޅާނެ ޝައުވެރިކަމެއް ނެތްކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެއެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ-14ގައި ހިމަނުއްވާ ޢަރަބިއްޔާ ސުކޫލްގެ އައު އިމާރާތުގެ އެޅުމަށް ނިންމެވީ ކުރީގެ ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށިގައެވެ.

މިހާރު މިވަނީ އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށާފައެވެ. ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުންނާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ޢަރަބިއްޔާގެ އައު އިމާރާތް އެޅުމަށް ނިންމާފައިވަނީ 6 ފަންގިފިލާއަށެވެ. އެހެންނަމަވެސް މި ސަރުކާރުން ވަނީ މަޝްރޫޢުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް 10 ފަންގިފިލާއަށް އެޅުމަށް ނިންމާފައެވެ. މިތަނުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، ސަރުކާރުގެ އަމާޒަކީ 2 އަހަރު ދުވަހުން މި އިމާރާތުގެ މަސައްކަތް ނިންމާލުމެވެ.

ޢަރަބިއްޔާ ސުކޫލްގެ އައު އިމާރާތް ވެގެންދާނީ ރާއްޖޭގައި އެންމެ ފުރަތަމަ އަންޑަރ ގްރައުންޑް ޕާކިން އަކާއެކު ތަރައްޤީކުރާ ފުރަތަމަ ސުކޫލް އިމާރާތައްކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

"މި އިމާރާތަކީ އެންމެ ފުރަތަމަ އަންޑަރ ގްރައުންޑް ޕާކިންއެއް ލެވިފައި ދިވެހި ރާއްޖޭގައި ޤާއިމްކުރާ ސުކޫލް އިމާރާތައް ވެގެންދާނެ. 150އަށް ވުރެ ގިނަ ސައިކަލު އަދި ސުކޫލަށް ބޭނުންވާ މުހިންމު 4 ފުރުޅުލީ ވެހިކަލްތައްވެސް ޕާކިން އޭރިޔާ ތެރޭގައި ޕާކު ކުރެވޭ ގޮތައް ފަރުމާ ކުރެވިފައިވަނީ. 42 ކުލާސް ރޫމް، ސައިންސް ލެބް، ލެބޯޓްރީސްތަކާއި މަލްޓިޕާޕަސް ހޯލް އަދި ކުދިން ކުޅޭނެ ޓާރފެއްވެސް މި ގޯތި ތެރޭގައި ހިމެނޭނެ" ވަޒީރު ވިދާޅުވިއެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުވެސް ވަނީ ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތާއެކު ދަރިވަރުން އުފުލަމުންދިޔަ ތަކުލީފުތަކަށް ނިމުމެއް އަންނާނެކަމުގެ ޔަޤީންކަން އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ދެއްވާފައެވެ. އަދި ވަޒީރު ވިދާޅުވީ މި އިމާރާތާއެކު ޢަރަބިއްޔާ ސުކޫލްގެ އައު ޞަފްޙާއެއް ފެށި، ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންގެވެސް ހުރި ކަންބޮޑުވުންތައް ހައްލުވެގެން ދާނެކަމަށެވެ.