ޚަބަރު

އިހަވަންދޫގައި ޤާއިމުކުރާ މަސްކިރާ ފެކްޓްރީ ވެގެންދާނީ ސަރަޙައްދީ ފެންވަރުގެ ތަނަކަށް: ރައީސް


  • އިހަވަންދޫގައި ބޮޑެތި މަޝްރޫޢުތަކެއް ހިންގުމަށް ސަރުކާރުން ވަނީ ވިސްނާފައި

  • ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ޤާއިމުކޮށްދެއްވާނެކަމަށްވެސް ވިދާޅުވި

އިހަވަންދޫގައި ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ މަސްކިރާ ފެކްޓްރީ ވެގެންދާނީ ސަރަޙައްދީ ފެންވަރުގައި ހިންގޭ މަޝްރޫޢަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ އިހަވަންދޫއަށް ވަޑައިގެން އެެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިހަވަންދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީއާއި ބައްދަލުކުރައްވާފައެވެ. އަދި ރަށުގެ ރައްޔިތުންނާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.

ރައްޔިތުންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިހަވަންދޫއަށް ސަރުކާރުން ވިސްނާފައި އޮތީ މެގަ ޕްރޮޖެކްޓްތަކެއްކަމަށެވެ. އެގޮތުން އިހަވަންދޫއަކީ އެ ސަރަޙައްދުގައި މަސްވެރިކަމުގައި މައި ސިނާޢީ ރަށަށްވުމާއެކު، އެ ދާއިރާއިން ސަރަޙައްދީ ފެންވަރުގެ ޚިދުމަތްތައް އިހަވަންދޫގައި ޤާއިމުކުރައްވާނެކަމަށެވެ. ރައީސް ވިދާޅުވީ އިހަވަންދޫގައި މަސްކިރާ ފެންޓްރީއެއް ޤާއިމުކުރުމުގެ ހުވަފެން ޙަޤީގަތަކަށް ހައްދަވައިދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ ނިމުނު ސަރުކާރުގައި އިހަވަންދޫގައި މިފަދަ މަޝްރޫޢުއެ ހިންގާނެކަމަށް ވަޢުދުވިނަމަވެސް އެކަން ކުރުމަށް ޢަމަލީ އެއްވެސް ސިފައެއް ގެނެސްފައި ނުވާކަމަށެވެ. އަދި އެފަދަ ބިޔަ މަޝްރޫޢުއަކަށް ބަޖެޓުގައިވެސް ހިމެނީ 2 މިލިއަނެއްހާ ރުފިޔާކަމަށެވެ.

ރައީސް ވިދާޅުވީ، އުތުރުގެ މަސްވެރިކަން ފުޅަވެގެންދާ މިންވަރަށް ބަލާއިރު، މިހާ ކުޑަ ސްކޭލެއްގެ ޕްރޮޖެކްޓެއް ހިންގައިގެން ސަރުކާރުން ބޭނުންވާ އަމާޒާ ގާތައްވެސް ވާސިލްނުވާނެކަމަށެވެ. އެހެންކަމުން މި ސަރުކާރުގެ ތަޞައްވުރަކީ ކޮންޓްރެކްޓަރ އިންވެސްޓް އުޞޫލުން، 10 މިލިއަން ޑޮލަރުގެ މަޝްރޫޢުއެއް ގެނައުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"މި ސަރަޙައްދަށް ދެމެހެއްޓެނިވި ދާއިމީ ޙައްލެއް ގެނެވޭނީ ލާޖް ސްކޭލް ޕްރޮޖެކްޓަކުން. ސަރުކާރުގެ ވިސްނުންމަކީ 10 މިލިއަން ޑޮލަރު ނުވަތަ 150 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ގެނައުން. މަސްކިރާ ފެކްޓްރީއެއް ހެދުން. މި ޕްރޮޖެކްޓް ފުލް ސްކޭލްގައި މިއަހަރު ފަށާނަން." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އިހަވަންދޫގެ ތަރައްޤީއަށް ކުރައްވާނެ މަސައްކަތްތައް ރައީސްވަނީ ޙިއްސާކުރައްވާފައެވެ. އެގޮތުން ރަށުގައި ވީހާވެސް އަވަހަށް ޑައިލިސިސް ޚިދުމަތް ފެށުމާއި، ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ޤާއިމުކުރުމާއި، ޒަމާނީ ވަސީލަތްތަކާއެކު ކުނި މެނޭޖްކުރާނެ ފެސިލިޓީ ޤާއިމުކުރުން ހިމެނެއެވެ. އަދި އިހަވަންދޫގެ މަގުތައް ހެދުމާއި، މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖުމްލަކޮށް އެމަނިކުފާނު އެރަށަށް ވަޢުދުވެވަޑައިގެން މަސައްކަތްތައް އިސްކަންދޭ ތަރުތީބުން ކުރިއަށްގެންދަވާނެކަމަށެވެ.