ޚަބަރު

ވޯޓާސް ލިސްޓަށް 325 ޝަކުވާ، ގިނައީ އެޑްރެސް ބަދަލުވެގެން ހުށައަޅާފައިވާ ޝަކުވާ


  • އެޑްރެސް ބަދަލުވެގެން 185 ޝަކުވާ

  • މަރުވެފައި ތިބި މީހުންގެ ނަން ލިސްޓުގައި އޮވެގެން 131 ޝަކުވާ

  • ދާއިރާ ބަދަލުވެގެން 4 ޝަކުވާ

  • މާދަމާއަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހަމަވާނެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 325 ޝަކުވާ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. އަދި ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މާދަމާއަށް ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ވޯޓާސް ލިސްޓަށް 325 ޝަކުވާ ވަނީ ހުށައަޅާފައެވެ. އެގޮތުން އެންމެ ގިނައިން ޝަކުވާ ހުށައަޅާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގައާއި 18 ވަނަ ދުވަހުގައެވެ. އެގޮތުން 17 ވަނަ ދުވަހު 97 ޝަކުވާ ހުށައަޅާފައިވާއިރު، 18 ވަނަ ދުވަހު 90 ޝަކުވާ ވޯޓާސް ލިސްޓަަށް ވަނީ ހުށައަޅާފައެވެ.

މިހާތަނަށް ހުށައެޅި ޝަކުވާތަކުގެ ތެރެއިން އެންމެ ގިނައިން ޝަކުވާ ހުށައަޅާފައިވަނީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އެޑްރެސް ބަދަލުވެގެންނެވެ. އެގޮތުން އެޑްރެސް ބަދަލުވެގެން 185 ޝަކުވާ ވަނީ ހުށައަޅާފައެވެ. އަދި މަރުވެފައި ތިބި މީހުންގެ ނަން ލިސްޓުގައި އޮވެގެން 131 ޝަކުވާ ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މީގެ އިތުރުން ވޯޓުލާ ދާއިރާ ބަދަލުވެގެން 4 ޝަކުވާއެއް ހުށައަޅާފައިވާއިރު ވޯޓާސް ލިސްޓުގައި ނަން ނެތިގެން 2 ޝަކުވާއެއްވެސް ވަނީ ހުށައަޅާފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ. މިފަހަރުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 284،327 މީހުންނަށް ލިބިފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 139،165 އަންހެނުންނާއި، 145،162 ފިރިހެނުންނެވެ. މިއީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބުނު މީހުންނަށްވުރެ 1523 މީހުން އިތުރު އަދަދެކެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވަނީ 282,804 މީހުންނަށެވެ.