ޚަބަރު

ތިލަފުށި ބިން ހިއްކުން: "އޭރިއާ އީ" 25 ދުވަހުން ހިއްކާ ނިންމަނީ


  • އޭރިއާ އީ ގައި ހިމެނެނީ 5.9 ހެކްޓަރުގެ ސަރަޙައްދެއް

  • 25 ދުވަހުން ހިއްކާ ނިންމާނެ

  • ޖުމްލަ 150 ހެކްޓަރުގެ ބިން ހިއްކާނެ

ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން "އޭރިއާ އީ" ހިއްކަން ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީއިން ބުނީ ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް 25 ދުވަސް ތެރޭގައި ނިންމާލެވޭނެއެވެ. އަދި އޭރިއާ އީ ގެ ދަށުން 5.9 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށް ހަމަޖެހިފައިވާކަމަށް އެ ކޮޕަރޭޝަންއިން ބުނެއެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް އެރިއާ އޭ، ބީ، އީ ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ އެޗްޑީސީއާއި ޗައިނާ ހާރބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ވިޔަފާރީގެ މައި ހަބުގެ ގޮތުގައި ތިލަފުށި ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.

އެޗްޑީސީން ބުނީ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން އޭރިއާ "ބީ"ގައި ހިމެނޭ 39.6 ހެކްޓަރު ހިއްކާ ނިންމާފައިވާކަމަށެވެ. އަދި މިހާރު އޭރިއާ "އޭ" ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ. އެގޮތުން އޭރިއާ "އޭ" ގައި ހިމެނޭ 71.5 ހެކްޓަރު އަންނަ އަހަރުގެ ފެބްރުއަރީ މަހު ނިންމާލެވޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެގޮތުން އެޗްޑީސީން އެކުލަވާލާފައިވާ ތިލަފުށީގެ މާސްޓަރ ޕްލޭންގެ ދަށުން ތިލަފަޅުން 150 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފައެވެ. ތިލަފުށިން އަލަށް ހިއްކާ 150 ހެކްޓަރުގެ %60 ބޭނުންކުރާނީ ވިޔަފާރިތަކަށް ބިން ދޫކުރުމަށް ކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ. އަދި ބާކީ ބަޔަކީ މަގުތަކާއި އާއްމު އެކިއެކި ޚިދުމަތްތަކާއި ގުޅޭ އިންފްރާސްޓްރަކްޗަރއެވެ.

ތިލަފުށީގެ ބިންހިއްކައި ތަރައްޤީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުޞަތުތައް ހޯދައިދިނުމެވެ.

އެޗް.ޑީ.ސީއިން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ސަރުކާރުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މުހިއްމު މަޝްރޫޢުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށްކަމަށެވެ.

ތިލަފުއްޓަކީ ޒަމާނީ ވަޞީލަތްތަކާއެކު އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ބޭނުމަކީ ސިނާޢީ މަސައްކަތްތަކަށް ހުރި ދަތިތަކަށް ބޮޑު ލުޔެއް ހޯދައިދިނުމާއި، ދިވެހި ވިޔަފާރިތަކަށް ހުރި ފުރުޞަތުތައް އިތުރުކުރުންކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ. އަދި މިކަމުގެ ސަބަބުން މުދަލުގެ އަގުހެޔޮވެ، ދިވެހިންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.

މި މަޝްރޫއުގެ ދަށުން އަލަށް ހިއްކާ ސަރަޙައްދުތައް އެޗް.ޑީ.ސީއިން ތަރައްޤީކުރަނީ ޖުމްލަ 6 ސަރަޙައްދަކަށް ބަހާލައިގެންނެއެވެ. އެގޮތުން އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ވަކި ސަރަހައްދެއް ޚާއްސަކޮށްފައިވާއިރު، ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް އެޅުމަށްވެސް އަލަށް ބިން ހިއްކާ ސަރަޙައްދުން ބޮޑު ބައެއް ޚާއްސަކުރާނެއެވެ. އޭގެ އިތުރުން ލުއި ސިނާއީ މަސައްކަތް ކުރިއަށް ގެންދިއުމަށާއި، މިކްސްޑް-އޮފީސް އަދި ކުދި ވިޔަފާރިތަކަށްވެސް ސަރަޙައްދުތަކެއް ކަނޑައަޅާފައިވެއެވެ.