ޚަބަރު

"އެސްއީޒެޑްގެ ފުރަތަމަ ޕްރޮޕޯސަލް، 110 މެގަވޮޓްގެ ޢިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢެއް"


  • އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަގަށް ސަރުކާރުން ވަނީ ބަދަލުގެންނަވާފައި

  • އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމުގައި ދިވެހި ކުންފުނިތަކުގެ ދައުރު މުހިންމު

  • އެސްއީޒެޑް އިންވެސްޓްމަންޓްތައް ރާއްޖެގެނައުމަށް މަސައްކަތްކުރުމަށް ރައީސް ގޮވާލެއްވި

ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގައި އިންވެސްޓްކުރުމަށް ސަރުކާރުން ހުޅުވާލި ފުރުޞަތުގައި ފުރަތަމަ ޕްރޮޕޯސަލް މިހާރު ލިބިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ދޭ "ބިލްޑަރ އެވޯޑްސް 2023" ދިނުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި އެވޯޑަކީ ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް މުޅިން އަލަށް ދޭން ފެށި އެވޯޑެކެވެ.

"ބިލްޑަރ އެވޯޑްސް" ޙަފްލާގައި ވާހަކަފުޅުދައްކަވަމުން މިހާރު ދުނިޔޭގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ މޫސުމީ ބަދަލުތަކާ ގުޅުންހުރި ވާހަކަތައްކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެސްއީޒެޑްގެ ދަށުން އިންވެސްޓްމަންޓްތަކަށް ހުޅުވާލި ފުރުޞަތުގައި ލިބުނު ފުރަތަމަ ޕްރޮޕޯސަލަކީވެސް އިއާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫޢެއްކަމަށެވެ.

އެގޮތުން 110 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢެއް ހިންގުމުގެ ޕްރޮޕޯސަލް ލިބިފައިވާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

"އަޅުގަނޑު އުފަލާއެކު ދަންނަވާލަން ފުރަތަމަ ޕްރޮޕޯސަލް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެ ޕްރޮޕޯސަލަކީވެސް ރިނިއުބަލް އެނަރޖީގެ ދާއިރާއިން 110 މެގަވޮޓް ޙާޞިލުވެގެންދާ އެސްއީޒެޑް ޕްރޮޕޯސަލެއް. އެ ޕްރޮޕޯސަލް އަޅުގަނޑުމެންނަށް ލިބިފައިވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. މިއީ ކޮޕް-28 އަށްފަހު، އަޅުގަނޑުގެ މަޢުލޫމާތު ކުށްކަމުގައިނުވާނަމަ އެއްވެސް ޤައުމަކުން ފުރަތަމަ އެ މަޤްޞަދު ޙާޞިލުކުރުމަށްޓަކާ ފަށާ އިންވެސްޓްމަންޓް." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ރާއްޖެއަށް ކުރިއެރުން ގެނައުމުގައި ޢިމާރާތްކުރުމުގެ ސިނާޢަތަކީވެސް މުހިންމު ދައުރެއް އަދާކުރެވޭނެ ސިނާޢަތެއްކަމަށެވެ. އެހެންކަމުން ސަރުކާރުން ހުޅުވާލާފައިވާ އެސްއީޒެޑްގެ ފުރުޞަތުތަކުގެ ދަށުން ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް ދިވެހި ކުންފުނިތަކުންވެސް ގަދައަޅާ މަސައްކަތްކޮށްދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

"ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ ސާމާނު ބަލްކުކޮށް ގެނެސް، އެސްއީޒެޑް ސްޓޭޓަސް ދޭން އަޅުގަނޑުމެން މިތިބީ ތައްޔާރަށް، ބަލްކް ސްޓްރޯރޭޖް ބިޒްނަސްއެއް ފަށާއި، ރާއްޖޭގައި ސްޓޯރކޮށްގެން، ރީ-އެކްސްޕޯޓްވެސް ކުރަންވީ. ރާއްޖެއަށް ބޭނުންވާ ވަރުވެސް ގެނެސް ރާއްޖޭގެ ކޮންސްޓްރަކްޝަން އޭރުން އެ ލިބުނީ ޖުމްލަކޮށް މުޅި ރާއްޖެއަށް ވަރަށް ބޮޑު ކުރިއެރުމެއް. އެހެން ޤައުމުތަކަށްވެސް ރީ-އެކްސްޕޯޓްކުރަންވީ، މިކަހަލަ އެތައް ފުރުޞަތެއް އަޅުގަނޑުމެން މިވަނީ މިހާރު ހުޅުވާލާފައި" ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެސް.އީ.ޒެޑްގައި އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަގަކީ 100 މިލިއަން ޑޮލަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ ކަނޑައަޅުއްވައިފިއެވެ. މީގެކުރިން އެސް.އީ.ޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ދަށް އަގަކީ 150 މިލިއަން ޑޮލަރެވެ.

އެސް.އީ.ޒެޑްގައި އިންވެސްޓް ކުރުމުގެ ހުއްދަ ދެވޭ އިންވެސްޓުމަންޓުގެ އަގަށް ބަދަލު ގެންނެވި ނަމަވެސް، އެސް.އީ.ޒެޑްގައި އިންވެސްޓް ކުރެވޭނެ ވިޔަފާރިތަކަށް މާ ބޮޑެތި ބަދަލުތަކެއް ސަރުކާރުން ގެންނަވާފައެއްނުވެއެވެ. އެގޮތުން މައިގަނޑު 9 ބާވަތެއްގެ ވިޔަފާރި މީގެ ތެރޭގައި ހިމަނުއްވާފައިވާއިރު، އިއާދަކުރަނިވި ހަކަތައިގެ ދާއިރާވެސް މީގެ ތެރޭގައި ވަނީ ހިމަނުއްވާފައެވެ.