ޚަބަރު

އާރްޑީސީގެ ދަރަނި 300 މިލިއަނާ ގާތަށް، މިކަމުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރެވޭ: ޒުހައިރު


  • 17 ރަށެއްގައި އެކުންފުނިން މަސައްކަތް ދަނީ ކުރަމުން

  • 15 ރަށެއްގެ މަސައްކަތް އިތުރަށް ކުރީ ސަރުކާރުން އޮތީ ޙަވާލުކޮށްފައި

  • ކޭސް ފްލޯ މެނޭޖް ކުރާނެ ރަނގަޅު ނިޒާމެއް ޤާއިމްކުރުމަކީ މިހާރުގެ އެންމެ ބޮޑު އަމާޒު

ރޯޑް ޑިވަލަޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީގެ ދަރަނި 300 މިލިއަން ރުފިޔާއާއި ގާތްކުރާކަމަށާ، އެ ދަރަނި ޙަލާސްކޮށް ރާއްޖޭގެ އެކި ރަށްރަށުގައި ފަށާފައި ހުރި މަސައްކަތްތައް އަލުން ފެށުމަށް ތައްޔާރީތައް ވަމުންދާކަމަށް އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ޢަލީ ޒުހައިރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނަސްދޭ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރު ވިދާޅުވީ، އެކުންފުނީގެ މާލީ ޙާލަތު އޮތީ ވަރަށް ގޯސްކޮށްކަމަށާ، އެކަމުން އަރައިގަތުމަށް މަސައްކަތަކެއް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން އެކުންފުންޏާ ޙަވާލުކޮށްފައި ހުރި މަސައްކަތްތައް ފެށުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވީ، ކުންފުނީގެ މާލީ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތްތައް ފެށުމަށް ތައްޔާރު ވަމުން ދިޔަނަމަވެސް، ކުންފުންޏަށް ކުރާ އިތުބާރު މިހާރު ގެއްލިފައިވާކަމަށެވެ. އަދި އިތުބާރު ގެއްލިފައި އޮތީ ކުންފުނީގެ މަސައްކަތްތައް ކުރާ ކުންފުނިތަކާ ސަޕްލަޔަރުންގެ މެދުގައި ކަމަށެވެ. އެއީ އެފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކަށް ދޭންޖެހޭ ފައިސާ ނުދެވި އޮތުމުންކަމަށް ޒުހައިރު ވިދާޅުވިއެވެ.

"އިންތިޤާލީ މަރުހަލާގައި 200 މިލިއަން ރުފިޔާގެ ދަރަނި އޮތްކަމަށް ލިޔެކިޔުންތަކުން އޭރު ފެނުނު ނަމަވެސް އެ އަދަދު މިހާރު 300 މިލިއަން ރުފިޔާއާ ގާތްކުރޭ. އަދި މީގެ ސަބަބުން ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި އޮތީ އަދި އެމީހުންގެ އިތުބާރުވެސް އޮތީ ގެއްލިފައި." ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވީ، ކުންފުނީގެ ކޭޝްފްލޯ އިންޖެކްޓް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކުރިއަށް މިއޮތް ދެމަހެއް ނުވަތަ ތިންމަހެއް ހާ ދުވަހުގެ ތެރޭގައި އެކަމަށް ޙައްލު ލިބިގެން ދާނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި އެކުންފުނިން ފަށާފައިވާ 17 މަޝްރޫޢެއްގެ މަސައްކަތުގެ ތެރެއިން 10 ރަށެއްގެ މަޝްރޫޢުތައް ފެށުމުން، ފައިސާ ހޯދުމަށް ފަސޭހަތަކެއް ވެގެންދާނެކަން ޒުހައިރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް އިތުރު 15 ރަށެއްގެ މަސައްކަތް އެކުންފުންޏާ އޮތީ ޙަވާލުކޮށްފައެވެ. އަދި މި ރަށްރަށުގައިވެސް މަސައްކަތްތައް ފެށުމަށް ސާރވޭ ކުރުމުގެ މަސައްކަތް ކުންފުނީގެ މާލީ ޙާލަތު ރަނގަޅުވުމުން ފެށިގެންދާނެކަމަށް ޒުހައިރު ވިދާޅުވިއެވެ.

އާރް.ޑީ.ސީގެ އެމްޑީ ޒުހައިރު އިތުރަށް ވިދާޅުވީ، ކުންފުނީގެ މާލީ ޙާލަތު ރަނގަޅުކޮށް އެންމެ ޚާއްސަ އިސްކަމެއްދޭނީ ކޭޝްފްލޯ މެނޭޖްކުރާނެ ރަނގަޅު ނިޒާމެއް ޤާއިމުކުރުމަށް ކަމަށެވެ. އަދި މިހާތަނަށް އެކަން ނުވެ އޮތީ ފުލުހުން ތަޙްޤީގު ކުރަމުންދާ އެކުންފުނީގެ މައްސަލައަކަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ގެންގޮސްފައިވުމުން ކަމަށެވެ.

"ކުންފުނި ބައްޓަން ވެފައި އޮންނަގޮތުން ވަރަށް ބޮޑަށް ރައްޔިތުންނާ ގުޅިގެން އަދި ސަޕްލަރުންނާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކުންފުންޏެއްމީ، އެހެންކަމުން ކުންފުނީގެ ސަޕްލަރުންގެ އިތުބާރު މިހާރަކު ނެތް އަދި މަސައްކަތްތައް ފެށުމަށް ދިމާވާ އެންމެބޮޑު ދައްޗަކީވެސްމީ، ސަޕްލަރުންނަށް ކުރީ ސަރުކާރުން ފައިސާ ނުދީވާ އެތައް ބިލްތަކެއް އެބަހުރި އެ ބިލްތަކުގެ ތެރެއިން ކޮންމެވެސް ވަރެއް ދައްކައިގެން ނޫންގޮތަކަށް މަސްރޫއުތައް ކުރިއަށް ގެންދިއުމަކީ އުނދަގޫކަމަކަށް ވެފައި އޮތީ" ޒުހައިރު ވިދާޅުވިއެވެ.

އަތޮޅުތަކުގެ އިތުރުން މާލޭގައި މަސައްކަތް ކުރުމަށް ސަރުކާރުން އެކުންފުންޏާ ޙަވާލުކޮށްފައިވާ އަމީނީ މަގުގެ މަސައްކަތް ނިންމުމަށް އެކުންފުނިން އަންނަނީ ބާރު ސްޕީޑެއްގައި މަސައްކަތް ކުރަމުންނެވެ. އަދި އަމާޒު ހިފާފައި ހުރީ މި މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާލުމަށެވެ.

އެއީ ކުރީ ސަރުކާރުން އާރް.ޑީސީއާ ޙަވާލުކޮށްފައި އޮތް މަސައްކަތެކެވެ. މުއްދަތު ފަހަނަ އަޅާގޮސް ސަރުކާރު ބަދަލު ވިއިރުވެސް އެ މަސައްކަތް ނުނިންމުމާއި، އަތޮޅުތަކުގެ މަސައްކަތް ނުފަށާ ހުރި ރަށްރަށުގައި އެ މަސައްކަތައް ބޭނުންވާ މުވައްޒަފުން ނެގުމަކީ އެކުންފުނީގެ މާލީ ޙާލަތު ދަށްވާން ދިމާވި އެއް ސަބަބެވެ.