ޚަބަރު

މާލެހިޔާއާއި ސިނަމާލެ ފުލެޓުތައް އަލުން ބިނާކުރުމުގެ މަސައްކަތް އަންނަ ފެބްރުއަރީގައި ފެށޭނެ: ރައީސް


  • މާލެހިޔާއާއި ސިނަމާލެ ފްލެޓްތައް ވަނީ ވަރަށް ބޮޑަށް ބައުވެ، ޙަލާކުވެފައި

  • މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތްވެސް ފަށާނެ

  • މާލޭ މަސް މާރުކޭޓުވެސް އަލުން ތަރައްޤީކުރާނެ

މާލެއާއި ވިލިމާލޭގައި ހުރި މާލެހިޔާއާއި ސިނަމާލެ ފްލެޓްތައް އަލުން ބިނާކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީމަހު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކަންގަތި އެވޯޑް 2023 ދިނުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު މާލޭ މޭޔަރުކަމުގައި ހުރެގެން ރައްޔިތުންނަށް ކޮށްދޭން ބޭނުންވި މުހިންމު ބޮޑެތި ހުރިހާ ކަމެއް އޭރުގެ ސަރުކާރުން އޮތީ ހުއްޓުވާފަކަމަށެވެ.

އެގޮތުން މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ލޯކަލް މާރުކޭޓާއި މަސް މާރުކޭޓު އެއް ފުރާޅެއްގެ ދަށަށް ގެނެސް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއްވިކަމަށާއި، މާލޭގެ ޓްރެފިކް މައްސަލަ ޙައްލުކުރަން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ހޯދާފައިވާ ޙައްލުތައް މާލެއާއި ގުޅޭގޮތަށް ތަޢާރަފުކުރަން މަސައްކަތް ކުރެއްވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މާލެހިޔާއާއި ސިނަމާލެ ފުލެޓުތައް ބާވެ ރޫޅެމުން ދާދިޔުމަކީ އެމަނިކުފާނު ވަރަށް ކަންބޮޑުވާ މައްސަލައެއްކަމަށެވެ. އެހެންކަމުން އެކަމުގެ ޙައްލުވެސް އޭރު ހޯއްދެވިކަމަށެވެ. ދިމާވި އެކި ގޮންޖެހުންތަކާހުރެ މޭޔަރުކަމުގައި އެކަމަށް މަސައްކަތް ނުކުރެވުނު ނަމަވެސް، އަންނަ ފެބްރުއަރީމަހު އެ ޢިމާރާތްތައް އަލުން ބިނާކުރުމުގެ މަސައްކަތް ފެށިގެންދާނެކަމުގެ ޔަޤީންކަން މި ރަސްމިއްޔާތުގެ ތެރެއިން ރައީސް ޑރ. މުޢިއްޒު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

"މާލެއާއި ވިލިމާލޭގައި ހުރި މާލެހިޔާއާއި ސިނަމާލެ ފުލެޓުތައް ބާވެ ރޫޅެމުން ދާދިޔުމަކީ އަޅުގަނޑު ވަރަށް ކަންބޮޑުވާ މައްސަލައެއް. އެހެންވެގެން އެކަމުގެ ޙައްލުވެސް ހޯދިން. އެއީ ކަނޑައެޅިފައިވާ އުސޫލުތަކާއި ފަސޭހަތަކާއެކު އެ ތަންތާނގައި ދިރިއުޅޭ ރައްޔިތުންނަށް އެ އިމާރާތްތައް އަލުން ބިނާކޮށްދިނުން. އެއީ އެ ކަމުގައި މާލީ އެއްވެސް ތަކުލީފެއް އެއިން އެއްވެސް ރައްޔިތަކަށް އުފުލަން ނުޖެހޭ ގޮތަށް. މިއަދު އަޅުގަނޑު ލޮބުވެތި ރައްޔިތުންނަށް އަރުވާ ޔަޤީންކަމަކީ މި އިމާރާތްތަކުގެ މަސައްކަތް އަންނަ ފެބުރުވަރީ މަހު އިރާދަކުރެއްވިޔާ ފެށޭނެކަން." ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލް މެދުވެރިކޮށް އަންނަ އަހަރުތެރޭ ފުޅާ ދާއިރާއެއްގައި ފެށިގެންދާނެކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ މި ސަރުކާރު އައީ މިފަދަ އެތައް ފަސޭހަތަކެއް އެތައް ކުރިއެރުމެއް ރައްޔިތުންނަށް ގެނެސްދޭންކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޕްލޭނާއެކު، އެކަމުގެ ހެޔޮ ނިޔަތާއި ޢަޒުމާއެކުކަމަށެވެ.

އެހެންކަމުން ރައްޔިތުން، އެ ރައްޔިތުންގެ ފާގަތިކަމަށްޓަކައި ހޮވައިފައިވާ ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ ކިބައިން އެމަނިކުފާނު ވަނީ ރައްޔިތުންގެ ހެވާއި ލާބައަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި ތަޞައްވުރުތައް ޙަޤީޤަތަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކަށް ތަރުޙީބުދީ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.