ޚަބަރު

"ރަސްމާލެ" މަޝްރޫޢު ކުރިއަށްދަނީ ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭގޮތަށް: ރައީސް


  • ރަސްމާލެ ވެގެންދާނީ ނިކަން ވިންދުހުރި ސިޓީއަކަށްކަމަށް ރައީސް ވިދާޅުވި

  • މިތަން ތަރައްޤީކުރާނީ ތިމާވެއްޓާއި ރައްޓެހި ފެހިކަން ގަދަ ސިޓީއެއްގެ ގޮތުގައި

  • މިއީ މިހާތަނަށް ހިންގާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫޢު

ރަސްމާލެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދަނީ ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ކަންގަތި އެވޯޑް 2023" ދިނުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރަސްމާލެ ވެގެންދާނީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ޚާއްސަ ޝަހަރަކަށްކަމަށެވެ.

ރާއްޖޭގެ ތާރީޚުން މިސާލު ނަންގަވަމުން ރައީސް ވިދާޅުވީ، ތާރީޚު އަޅުގަނޑުމެންގެ ގާތުގައި ބުނަނީ އެއްވާހަކައެއްކަމަށެވެ. އެ ވާހަކައަކީ ދިވެހީންނާ އެއްކޮޅަށް ކަންކަން ނިންމުންކަމަށާއި ދިވެހި ޤައުމާ އެއްކޮޅަށް ކަންކަން ނިންމުމުގެ ތަހުޒީބު ސިފަ ދިވެހީންގައި ހަރުލެއްވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސިޔާސަތަކަށްވާނީ ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމާ އެއްކޮޅަށް ކަންކަން ނިންމުންކަން ފާހަގަކުރެއްވިއެވެ.

"ދިވެހި ތާރީޚު އަޅުގަނޑުމެންގެ ގާތުގައި ނުވަތަ, އަދުގެ ދިވެހީންގެ ކަންފަތްދޮށުގައި މަޑުމަޑުން ވިޔަސް ބާރަށް ވިޔަސް މި ބުނަނީ އެއްވާހަކައެއް. އެ ވާހަކައަކީ ދިވެހީންނާ އެއްކޮޅަށް ކަންކަން ނިންމާށޭ! ދިވެހި ޤައުމާ އެއްކޮޅަށް ކަންކަން ނިންމުމުގެ ތަހުޒީބު ސިފަ ދިވެހީންގައި ހަރުލައްވާށޭ! ދިވެހި ރައްޔިތުންނަށް ފައިދާހުރި ކޮންމެ ކަމަކަށް އާނއެކޭ ބުނުމުގެ ހުޝިޔާރުކަން އަދި ސިކުނޑީގައި އެ ފަދަ ތެތްކަމެއް ތޫނުކަމެއް ހަމަ ކޮންމެ ދިވެއްސަކުމެ ބަހައްޓާށޭ! އަޅުގަނޑުގެ ސިޔާސަތަކީ މިއީ. ދިވެހި ރައްޔިތުންނާ އެއްކޮޅަށް ކަންކަން ނިންމުން. ދިވެހި ޤައުމާ އެއް ކޮޅަށް ކަންކަން ނިންމުން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރިޔާސީ ކެމްޕޭންގެ ތެރެއިން އެންމެ ގިނަ ބަޔަކު ފާހަގަކުރި އެއްކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ މަޤުޞަދަކީ ގެދޮރުގެ ދަތިކަމުން އެންމެ ދިވެއްސަކުވެސް ކަރުނައެއް އަޅަން ނުޖެހޭނެ ޒަމާނެއް ދިވެހީންނަށް ގެނެސްދިނުންކަމަށެވެ. އަދި ދާދިފަހުން ޢަމަލީ މަސައްކަތް ފެށިގެން ދިޔަ ފުށިދިއްގަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢަކީ މި މަޤްޞަދުގައި ތަރައްޤީކުރެވޭ ޒަމާނީ އައު ޝަހަރެއްކަމަށެވެ.

ރައީސް ވަނީ ރައްޔިތުންގެ މަސްލަޙަތާގުޅުން ހުރި މިފަދަ މުހިންމު މައްސަލައަކަށް ހިމެނިފައިވާ ބަޖެޓު މަޖިލީހުން އޮތްގޮތަށް އުނިކޮށްލާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންނަމަވެސް ރައްޔިތުންގެ ލާބައަށްޓަކާ ހިންގޭ މިފަދަ ބޮޑެތި މަޝްރޫޢުތައް ހުއްޓުވާން ކުރާ މަސައްކަތްތަކާމެދު ކަންބޮޑުވެވަޑައިނުގަތުމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ "ރަސްމާލޭ"ގެ ގޮތުގައި ފުށިދިއްގަރުފަޅު ތަރައްޤީކުރެވިގެންދާނީ ނިކަން ވިންދުހުރި ސިޓީއެއްގެ ގޮތުގައިކަމަށެވެ. އަދި މިއީ ދުނިޔޭގައިވެސް ނަން ވިދާލާ ނަމޫނާ ސިޓީއަކަށް ވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރަސްމާލެ މި ބިނާކުރަނީ ތިމާވެއްޓާ ރައްޓެހި، ޒަމާނީ ޑިޖިޓަލް ސްމާޓް ސިޓީއެއްގެގޮތުގައި. އެހެންވީމަ މި ފެށެނީ ދިވެހީންގެ ރަންވެހިކަމުގެ މުޅިން އައު ރަން ޒަމާނެއް. މިއީ މުޅިން އެހެން ފެންވަރެއް. ރަސްމާލެއާއި ގުޅީފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި، ގިރާވަރުފަޅުން އިތުރަށް ހިއްކާ އިތުރުކުރެވޭ ބޮޑު ބިމާއި، މިހާރު މިއޮތް ހުޅުމާލެއާއެކު ދިވެހިންގެ ގެދޮރުވެރިކަމުގެ ޒަމާންވީ ހިތްދަތިކަމަށް ދާއިމީ ޙައްލެ ގެނެސްދެވޭނެ. ހަމަ މި 5 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގޭ އެކި މަޝްރޫޢުތަކުން އިރާދަކުރެއްވިއްޔާ މުޅި ރާއްޖެއަށް ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް އަޅުގަނޑުމެން ގެނެސްދޭނަން" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރަސްމާލެ ތަރައްޤީކުރުމަށްޓަކާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާއިރު، އެ މަޝްރޫޢު ކުރިއަށްދަނީ ދިވެހި ދަޢުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭގޮތަށްކަމަށެވެ. އަދި އެ މަޝްރޫޢު އެގޮތުގައި ކުރިއަށްގެންގޮސް ނިންމާލައްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"ޤަބޫލު ކުރައްވާ މި 5 އަހަރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު ގެދޮރުވެރިކަން ނެތިގެން ހިތާމައާއި ދެރަކަން އުފުލާކަށް ދެނެއް ނުޖެހޭނެ. ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާންޖަހާން ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބައިފައި މި ތިބި ތިބުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާއިމަށް ނިމުމެއް ގެނެސްދޭނަން" ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް ހުންނާނީ ރައްޔިތުންނާ އެއްކޮޅަށް، ރައްޔިތުންގެ ފަޅީގާ ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރާނީ ރައްޔިތުންގެ ވިންދުތަކާ އިޙްސާސްތައް ރަނގަޅަ އެނގި، ރައްޔިތުންގެ އަޑު އަހައިގެންކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކައުންސިލްތަކަށް މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ބުރަކޮށް މަސައްކަތްކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި އަބަދުވެސް ގޮތް ނިންމާއިރު ދިވެހި ޤައުމަށް އެންމެ ފައިދާ ހުރި، ދިވެހި ރައްޔިތުންނަށް އެންމެ ލާބަ ހުރި ގޮތަށް ކަންކަން ކުރުމަށަށާއި، ދިވެހި ޤައުމާ ދިވެހި ރައްޔިތުންނާ އެއްކޮޅަށް ކަންކަން ހިންގަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.