ޚަބަރު

ހދ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި


  • މަސައްކަތް ޙަވާލުކުރީ 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށް

  • މި މަޝްރޫޢަށް 12.4 މިލިއަން ރުފިޔާ ޚަރަދުވޭ

ހދ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ބަދަހި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

އެކަމަށްޓަކާ އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. އަދި ބަދަހި އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރ ޝިއުސް ފަރީދެވެ.

ހދ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލު ޢިމާރާތުގެ މަސައްކަތް ބަދަހި އިންވެސްޓްމަންޓާއި އެޑިޔުކޭޝަނުން ޙަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތަށް 12.4 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކޮށް ވަޞީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިތުރު ކްލާސްރޫމްތައް އެޅުމާއި މަލްޓިޕަރޕަސް ހޯލްތަކާއި ލައިބްރަރީއާއި އެނޫންވެސް ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމުގެ އެތައް މަޝްރޫޢެއް ޕީ.އެސް.އައި.ޕީގެ ތެރެއިން މިވަގުތުވެސް އެކި މަރުޙަލާތަކުގައި ކުރިއަށް އެބަދެއެވެ.