ޚަބަރު

އައިޔޫއެމްގެ 2024 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކޯސްތަކަށް ހުޅުވާލައިފި


  • ޖުމްލަ 57 ކޯހަކަށް ވަނީ ހުޅުވާލާފައި

  • މީގެ ތެރޭގައި މަސްޓަރސް ލެވެލްގެ 13 ކޯހެއް

  • މާލޭގެ އިތުރުން އަތޮޅުތަކުގެ 5 ލަރނިންގ ސެންޓަރެއްގައި ކޯސް ހިންގާނެ

  • ކިޔެވުން ފަށާނީ 28 ޖެނުއަރީ 2024 ގައި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރއަށް ޖުމްލަ 57 ކޯހަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ވަނީ ހުޅުވާލައިފިއެވެ.

2024 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރއަށް އައި.ޔޫ.އެމްއިން އިޢުލާންކޮށްފައިވާ ކޯސްތަކުގެ ތެރޭގައި މާސްޓަރސް ލެވެލްގެ 13 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް 1 ކޯހާއި، ބެޗްލަރސް ލެވެލްގެ 13 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ / އެޑްވާންސްޑް ޑިޕްލޮމާގެ 2 ކޯހެއް އަދި ޑިޕްލޮމާގެ 10 ކޯހެއްގެ އިތުރުން ސެޓްފިކެޓް ލެވެލްގެ ޖުމްލަ 17 ކޯހެއް ހިމެނެއެވެ.

މި ކޯސްތައް ބެހިފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އެޑިޔުކޭޝަން، ޝަރީޢާ އެންޑް ލޯ، ފައިނޭންސް، އެކައުންޓިންގ، ފިޤްހް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ޖަރނަލިޒަމް، އިސްލާމިކް ސްޓަޑީޒް، ޤުރްއާން އަދި ލޭންގްއޭޖްގެ އެކި ކޯސްތައް ހިމެނެއެވެ.

2024 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އައި.ޔޫ.އެމްގެ ކޯސްތައް، މާލޭ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީއާއި، ލ. ފޮނަދޫއާއި، ހދ. ހަނިމާދޫ، ޅ. ނައިފަރުގެ އިތުރުން އައްޑޫ ސިޓީ މީދޫގައި ޤާއިމުކޮށްފައިވާ އައި.ޔޫ.އެމްގެ ލާރނިންގ ސެންޓަރުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި އެ ޔުނިވަރސިޓީގެ ލާރނިންގ ސެންޓަރތަކުގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީވެސް ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ތެރެއިން ޓިއުޝަން ފީ ހިލޭ ކޯސްތަކެކެވެ.

އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކޯސްތަކަށް ޝަޢުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 އެވެ.

އައި.ޔޫ.އެމްއިން ވިދާޅުވީ، މިއިން ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެ ކޯހެއްގައި ބައިވެރިވުމުންނެވެ. އެ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 28 ޖެނުއަރީ 2024 ގައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެކި ދާއިރާތަކުގައި މިވަގުތުވެސް 1310 ދަރިވަރަކު އަންނަނީ ތަޢުލީމު ޙާޞިލުކުރަމުންނެވެ.