ޚަބަރު

ތެލަސީމިއާ ސެންޓަރުގެ އައު އިމާރާތުގައި ތެލަސީމިއާއަށް ޓެސްޓްކުރުމަށް ޑީއެންއޭ ލެެބެއް


  • މިހާރުގެ އިމާރާތުގައި ޑީއެންއޭ ލެބެއް ޤާއިމްކުރުމަށް ޖާގައެއް ނެތް

  • މިހާރު ޑީއެންއޭ ހެދެނީ ހަމައެކަނީ ޝީއިން

  • އައު އިމާރާތާއެކު ތެލަސީމިއާ ސެންޓަރާއި ބްލަޑް ބޭންކް ހިންގާނީ ދެ އިދާރާގެ ގޮތުގައި

ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ތެލަސީމިއާ ސެންޓަރުގެ އައު އިމާރާތުގައި ޑީއެންއޭ ޓެސްޓްކުރުމަށް ލެބެއް ޤާއިމްކުރުމަށް ޕްލޭނެއް އެބައޮތްކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތެލެސީމިއާއަށް ޓެސްޓުކުރުމަށްފަހު ނަތީޖާ ކަށަވަރުނުވުމުން ހަދަންޖެހޭ ޑީ.އެން.އޭ މިވަގުތު ހަމައެކަނި ހެދެންހުރީ ސޮސައިޓީ އޮފް ހެލްތް އެޑިއުކޭޝަނުން، ޝީންނެވެ. އަދި އެކަމަށް ހާހެއްހާ ރުފިޔާ ޚަރަދުކުރަން ޖެހުމަކީ ބައެއް މީހުންގެ ކަންބޮޑުވުމެކެވެ.

މާލޭގައި ހުންނަ ތެލަސީމިއަ ސެންޓަރަކީ ގިނަދުވަސްވެފައިވާ ތަނެއްގެ އިތުރަށް ލޭ އަޅާ ކުދިން ގިނަވުމާއެކު ޖާގައިގެ ގޮތުންވެސް މިހާރު ދަތި ތަނެކެވެ. އެ އިމާރާތުގައި ލޭ އެޅުމުގެ ޚިދުމަތާއެކު މޯލްޑިވިއަން ބްލަޑް ބޭންކު ޤާއިމްކޮށް، އެތަނުގެ ޚިދުމަތްވެސް ދެނީ ހަމަ އެއް އިމާރާތުގައެވެ.

ތެލަސީމިއާ ސެންޓަރު ބާވުމާއި ޖާގަ ނެތުމުގެ މައްސަލައަކީ ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެވެސް އޮތް ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން ސަރުކާރުން މިހާރު މިވަނީ ހުޅުމާލޭގައި ތެލަސީމިއާ ސެންޓަރުގެ އައު އިމާރާތެއް އަޅުއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މި އިމާރާތަކީ ޖާގަ ތަނަވަސް ޒަމާނީ ވަޞީލަތްތަކާއެކު އިމާރާތްކުރާނެ ތަނެއްކަމަށް ހެލްތް މިނިސްޓަރ އަޙްމަދު ނަޞީމް ވަނީ ވިދާޅުވެފައެވެ.

އަލަށް އަޅާ އިމާރާތުގެ ތަޞައްވުރާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ސްޕެޝަލިސްޓް ރަޖިސްޓްރަރ އިން ޕީޑިއަޓްރިކް ޑރ. އަޙްމަދު ޢުމަރު ވިދާޅުވީ، އައު އިމާރާތާއެކު ތެލަސީމިއާ ކުދިންނަށް ޚިދުމަތް ދިނުމާއި ބްލަޑް ބޭންކުގެ ޚިދުމަތް ދެމުން ގެންދާނީ ދެ އިދާރާއެއްގެ ގޮތުގައިކަމަށެވެ. އަދި މިހާރު 2 ވޯޑުގައި 26 އެނދު ބަހައްޓައިގެން ޚިދުމަތް ދެމުންދިޔަނަމަވެސް އައު އިމާރާތުގައި ބެޑް ކެޕޭސިޓީވެސް އިތުރުވެގެންދާނެކަމަށް ޑރ. ޢުމާރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ، ރާއްޖޭގައި ތެލަސީމިއާ ކޮންޓްރޯލް ކުރުމުގައި އެ ސެންޓަރުން ދެމުން އަންނަނީ ތެލަސީމިއާއަށް ތެސްޓުކުރުމާއި ލޭ އެޅުމުގެ ޚިދުމަތް ކަމަށެވެ.

އެހެންނަމަވެސް ބައެއް ޙާލަތްތަކުގައި ތެލެސީމިއާއަށް ކުރާ ޓެސްޓް ޔަޤީން ނުވުމުން ޑީ.އެން.އޭ ހަދަން ޖެހޭކަމަށާއި، މިވަގުތު ޑީ.އެން.އޭ ހެދެނީ ހަމައެކަނި ސޮސައިޓީ އޮފް ހެލްތް އެޑިއުކޭޝަނުންކަމަށެވެ. ނަމަވެސް އައު އިމާރާތުގައި ޑީ.އެން.އޭ ހެދުމަށް ޚާއްސަ ލެބެއް ޤާއިމްކުރުމުގެ ޕްލޭން އެބައޮތްކަމަށް ޑރ. ޢުމަރު ވިދާޅުވިއެވެ.

"ބައެއް މީހުންގެ ނަތީޖާ ޔަޤީން ނުވެފަ ތިބެންޖެހެ. އެއާއެކު އެކަން ދެނެގަތުމަށްޓަކައި މި ޖެހެނީ ޑީއެންއޭ ހަދަން. ސަރުކާރުގެ ތެރެއިން ޑީއެންއޭ ހެދޭކަށް ނެތް. ރާއްޖެއިން ޑީއެންއޭ މި ހެދެނީ ހަމައެކަނި ސޮސައިޓީ އޮފް ހެލްތް އެޑިއުކޭޝަނުން.މިހާރު ޚިދުމަތް ދެމުންދާ އިމާރަތުގައި ޑީއެންއޭ ލެބެއް ހެދޭނެ ޖާގައެއް ނުވެއް ނެތް. އައު އިމާރާތުގައި ޑީއެންއޭ ލެބެއް ހެދުމުގެ ޕްލޭން އެބައޮތް." ޑރ. އަޙްމަދު ޢުމަރު ވިދާޅުވިއެވެ.

ރާއްޖޭގައި ތެލަސީމިއާއަށް ފަރުވާހޯދާ 650 އެއްހާ ކުދިން އެބަތިއްބެވެ. އޭގެތެރެއިން 300 ކުދިންނަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ކުދިންނެވެ.

އަތޮޅުތަކުގައި ލޭ އަޅާ ކުދިން އެންމެ ގިނައީ، ހއ. އަތޮޅާއި ހދ. އަތޮޅާއި، ނ. އަތޮޅާއި ށ. އަތޮޅާއި، ރ. އަތޮޅާއި ތ. އަތޮޅު އަދި ލ. އަތޮޅުގެ ރަށްތަކުގައެވެ. އަދި ޅ. ނައިފަރާއި ކުޅުދުއްފުށްޓާއި ފުވައްމުލައް ސިޓީއަކީވެސް ތެލަސީމިއާ ކުދިން ގިނަ ސަރަޙައްދުތަކެކެވެ.

ރާއްޖޭގައި މިހާރު ތެލެސީމިއާ ކުދިން ދުނިޔޭގައި ތިބޭ ނިސްބަތް މައްޗެވެ. އެގޮތުން 30 އަހަރުން މަތީގެ ލޭއަޅަމުންދާ ބައެއް މީހުން ޒަވާޖީ ހަޔާތެއްފަށައި، ދަރިންވެސް ލިބިފައިވެއެވެ.