ޚަބަރު

"ބާރު އަޑުފަށްގަނޑަކާއެކު މަކުނުދޫއަށް ގެނުވި ހިމޭންކަން، ހީވީ ބޮމެއް ގޮވިހެން"


  • ގޮވީ ވެލްޑިން ކުރަން ބޭނުންކުރާ ގޭސް އަޅާފައިވާ ސިލިންޑަރެއް

  • މި ދެ މީހުންނަކީވެސް ވެލްޑިން ކުރަން ގެނެސްފައިވާ ބައެއް

  • ގޮވި ގަޑީ، ރަށަށް ހީވީ ބޮމެއް ގޮވިހެން

ރާއްޖޭގެ އެންމެ ހުޅަނގުގައި އޮންނަ، ހދ. މަކުނުދޫއަށް އިއްޔެ ވެގެންދިޔައީ ސިހުމާއި ބިރުވެރިކަން ގެނުވި ދުވަހަކަށެވެ. މަކުނުދޫގެ ތާރީޚުގައި އެއްޗެއް ގޮވާ، ދެ މީހަކު މަރުވި ހާދިސާ އެއް ހިނގި މިއީ ފުރަތަމަ ފަހަރެވެ.

ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިނގާދިޔަ މި ހިތާމަވެރި ޙާދިސާގެ މަންޒަރު ދުށް އަދި އަޑުއިވުނު ބައެއް މީހުން އެ މަންޒަރު ސިފަކުރީ ބޮމެއް ގޮވުންފަދަ މަންޒަރެއްގެ ގޮތުގައެވެ. މި ޙާދިސާގައި ގޮވާފައިވަނީ ރަށުގެ ބަނދަރުމަތީ ދެކުނު ފަރާތު މަސް މާރުކޭޓު ކައިރީ ބާއްވާފައި އޮތް ގޭސް ސިލިންޑަރެކެވެ.

އެ ރަށުން މަޢުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނި ގޮތުގައި އެއީ ވެލްޑިން ގޭސް ހިމެނޭ، ވެލްޑިން މަސައްކަތް ކުރުމަށް ރަށަށް ގެނައި ސިލިންޑަރެވެ. މިއީ އެރަށުގެ އެއަރޕޯޓު ހެދުމަށް ބިން ހިއްކާ ބިގް ފިޝް މޯލްޑިވްސް ކުންފުނީގެ އެއްޗެއް ކަމަށް، އެ ރަށުން މަޢުލޫމާތު ދިން ފަރާތަކުން ބުންޏެވެ. އެ ގޭސް ފުޅި މަސް މާރުކޭޓު ކައިރީގައި އޮންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެދާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ބުންޏެވެ.

މި ސިލިންޑަރު ގޮވުމާއެކު، ސިލިންޑަރުގެ އެތިއެތި ކޮޅު ވިއްސާގެން ގޮސް، އެކި ހިސާބުތަކަށް ވަނީ ބުރައިގެންގޮސްފައެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 4:15 ކަންހާއިރެވެ.

މަކުނުދޫގެ ދެކުނު ފަރާތު ބަނދަރު ކައިރީގައި، އަލިބެ ގާޑިޔާ ކިޔާ، ލުއިކާނާއާއި، ކޮފީގެ ޚިދުމަތް ދޭ ގާޑިޔަލެއް ހުރެއެވެ. ގިނަ ބަޔަކު، އަބަދުވެސް ކޮފީ ބުއިމާއި، ފިނިކޮށްލަން، ގާޑިޔާ ކައިރީ، ހިޔާކޮށް ބަހައްޓާފައި ހުންނަ ޖޯލިފަތިތަކުގައި ތިބެއެވެ.

މި ޙާދިސާ ހިނގި ވަގުތު ޖޯލީގައި ތިބި ބައެއް މީހުންގެ އަތަށް، ދަގަނޑު އެތިކޮޅު ވަދެ، ގެއްލުންތަކެއް ވެފައިވާކަމަށް، ރަށުން މަޢުލޫމާތު ދިން ފަރާތަކު ބުންޏެވެ. އަދި ވިއްސާގެން އައި ސިލިންޑަރުގެ ދަގަނޑު ކޮޅެއް ޖެހި ގާޑިޔާ ކައިރީ ބަހައްޓާފައި ހުރި އެއް ޖޯލިފަތީގެ ފައިވެސް ނައްޓާލާފައިވާކަމަށް މަޢުލޫމާތު ދިން މީހާ ބުންޏެވެ.

ފެނުނީ ބިރުވެރި މަންޒަރެއް، ލިބުނީ ކުއްލި ސިހުމެއް

ސިލިންޑަރު ގޮވި ސަރަޙައްދުގައި ގާޑިޔާގައި ކޮފީ ގިރަން ހުރި، ގާޑިޔާގެ ވެރިޔާ، ޢަލީ ޝަރީފް، އަލިބެ ބުނި ގޮތުގައި މީހަކު ގާޑިޔަލަށް އައިސްގެން އޭނާއަށް ކޮފީއެއް ގިރަން ހުއްޓާ ކުއްލިއަކަށް އިވުނީ ބާރު އެއްޗެއް ގޮވި އަޑެވެ. ހީވީ ބޮމެއް ގޮވިހެންކަމަށް އަލިބެ ބުންޏެވެ. އަދި އެވަގުތު ގިރަން ހުރި ކޮފީ ތަށި، ނުވެއްޓުނީ ހަމަ ކިރިޔާ ކަމަށް އަލިބެ ބުންޏެވެ.

ސިލިންޑަރު ގޮވުމާއެކު، ނެއްޓިގެން އެލުމިނިއަމްގެ އެތިގަނޑެއް، އަލިބެ ހުރިތަނާ 8 ފޫޓު ދުރުން ގާޑިޔަލުގެ މަތީ ބަޔަށް ހެރުނު ކަމަށް، އަލިބެ ބުންޏެވެ. އެވަގުތު ޖޯލިފަތިތަކުގައި ކޮފީ ބޯން ތިބި މީހުންވެސް ތިބީ ދާނޭ ނުދާނޭ ތަނެއް ނޭނގި، ހުއްޓުމެއްގެ ތެރޭގައި ކަމަށް އެ މަންޒަަރު ސިފަކޮށްދެމުން އަލިބެ ކިޔައިދިނެވެ.

ހާދިސާ ހިނގާ ދިޔަ ގޮތް:

މި ޙާދިސާ ހިނގާ ދިޔަ ގޮތާއި ގުޅޭގޮތުން، ރަށު ތެރޭ މީހުން ދައްކާ ވާހަކައަށް ވެސް، އަލިބެ އަލިއަޅުވާލިއެވެ. އެގޮތުން އަލިބެ ބުނީ މަސް މާރުކޭޓު ކައިރީ ޖެޓީގައި އަޅާފައި އޮތް ސަޕްލައި ދޯންޏެއްގައި 2 މީހުން ތިބި ކަމަށެވެ.

އޭގެތެރެއިން އެކަކުން އިނީ އަޞުރު ނަމާދުކޮށް ނިންމާގެން އެ ސިލިންޑަރު ކައިރީ ތިބި މީހުން ކުރާ ކަމެއް ބަލަން ކަމަށެވެ. އަނެކަކު ހުރީ އެހެން ދިމާލަކަށް ބަލަހައްޓާގެން ކަމަށް އަލިބެ ބުންޏެވެ. އަދި އެ މީހުންނާއި ދިމާލަށް ބަލަން ހުރި މީހާ ކިޔާދިން ގޮތުގައި ވެލްޑިން ގޭސް ސިލިންޑަރުގެ ގޮބު އަބުރަން އެކަކު އިން ކަމަށާއި، އަނެކަކު އިނީ އެ ސިލިންޑަރު މަތީ އިށީންދެލައިގެން ކަމަށެވެ. އަދި އޭތި ގޮވީ އެ މީހުން އެކަމެއް ކުރަން ތިއްބާ ކަމަށެވެ.

އަލިބެ ބުނި ގޮތުގައި ސިލިންޑަރު ކައިރީ ތިބި 2 މީހުންނަކީ، އެއަރޕޯޓު ހެދުމަށް ބިން ހިއްކާ ކުންފުނިން ގެނެސްފައިވާ ވެލްޑިން ކުރާ 2 މީހުން ކަމަށެވެ.

މަންޒަރު ދުއް މީހަކު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ބުނީ، މަސް މާރުކޭޓުގެ ފާރަށް ވަރަށް ބޮޑަށް ލޭތައް ބުރާގެން ގޮސްފައިވާ ކަމަށެވެ. އަދި މާރުކޭޓުގެ ޖާލިދޮރުތަކުގައި ޖަހާފައިހުރި ބިއްލޫރިތައް، މުޅިންހެން އެއްކޮށް ފުޑުފުޑުވެގެން ވެއްޓިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެތާގެ ކައިރީ ހުރި ބައެއް ގޭގޭގެ ބޮކިތައް ވެސް ތަޅާއިގެން ގޮސްފައިވާކަމަށް ބުންޏެވެ.

ފުލުހުންގެ ފޮރެންސިކް ޓީމެއް ހަރަކާތްތެރިވަނީ

މި ޙާދިސާ ހިނގުމާއެކު، ގިނަ ބަޔަކު މަސް މާރުކޭޓު ސަރަޙައްދަށް އެއްވިއެވެ. ފުލުހުން ވަނީ މާރުކޭޓުގެ ކޮންމެވެސް ވަރަކަށް ދުރުން ޓޭޕު ދަމާ، އެ ސަރަހައްދު ބަންދުވެސްކޮށްފައެވެ. މި ގޮވުމާއެކު، މީހުންގެ ހަށިގަނޑުގެ ބައިތައް ވަނީ އެކި ދިމަދިމާލަށް ބުރައިގެން ގޮސްފައެވެ.

ފުލުހުންނާއި، ރަށުގެ ބައެއް ފިރިހެނުން ގުޅިގެން އެގޮތަށް ބުރުއްސާގެން ގޮސްފައިވާ ބައިތައް ނަގާ، އެއްކުރުމުގެ މަަސައްކަތް ވަނީ ކޮށްފައެވެ. އަލިބެ ބުނިގޮތުގައި މަސް މާރުކޭޓު ކައިރީގައި ހުރި އެސްޓީއޯ ކާޑު ގުދަނުގެ ފުރާޅުމައްޗަށް ހަށިގަނޑުގެ އެކި ބައިބައި ބުރައިގެންގޮސްފައިވެއެވެ.

އެ މީހުންގެ ހަށިގަނޑުގެ ބައިތައް އެއް ކުރުމަށްފަހު އައިސް ފޮށްޓަކަށް ލައިގެން، މިއަދު ހެނދުނު 8 ޖެހިއިރު، ކުޅުދުއްފުއްޓަށް ގެންގޮސްފައިވާކަމަށްވެސް އަލިބެ ބުންޏެވެ. އަދި ކުޅުދުއްފުށިން ފުލުހުންގެ ދިރާސާ ކުރާ ޓީމަކާއި ފޮރެންސިކް ޓީމެއް އެރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

މިފަދަ ބޮޑު ހާދިސާއެއް މަކުނުދޫގައި ހިނގާދިޔަ މިއީ ފުރަތަމަ ފަހަރެވެ. އެވަގުތު އިވުނީ އެހާވެސް ބިރުވެރި އަޑުފަށްގަނޑެއްކަމަށް ރަށުގެ ރައްޔިތުން ބުނެއެވެ. ކޮންމެ މީހަކަށް ވެސް ހީވީ އެ މީހާގެ ވަރަށް ގާތުން އެއްޗެއް ގޮވިހެން ކަމަށް، ޕީއެސްއެމް އަށް މަޢުލޫމާތު ދިން މީހުން ބުންޏެވެ.

ބައެއް މީހުންނަށް ހިވީ ގޭގެ ފުރާޅު މައްޗަށް އެއްޗެއް ވެއްޓުނު ހެންނެވެ. އަނެއްބައި މީހުންނަށް ހީވީ ގެއެއްގައި ގޭސް ފުޅިއެއް ގޮވީ ހެންނެވެ. ކޮންމެއަކަސް، އެންމެން ވެސް އިއްތިފާޤު ވާ ކަމަކީ، އިވުނީ ބޮމެއް ގޮވި އަޑުކަމަށެވެ. ބާރު އަޑުފަށްގަނޑެއް ކަމަށެވެ.