ޚަބަރު

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރަން ހާރޑް ރޮކްގެ "ޕިންކްޓޯބަރ" ދުވުން ބާއްވައިފި


  • މިފަހަރުގެ ދުވުމަށްވެސް ބޮޑު ތަރުޚީބެއް

  • މިއީ ކްރޮސްރޯޑްސްގައި މިދުވުން ބޭއްވި 4 ވަނަ ފަހަރު

  • މިދިޔަ އަހަރުވެސް ހާރޑް ރޮކްއިން އެއްލަކަ ރުފިޔާ ވަނީ ހަދިޔާކޮށްފައި

  • އަމާޒަކީ އެއްލައަށްވުރެ ގިނަ ރުފިޔާ މި ފަހަރު ހަދިޔާ ކުރުން

އަންހެނުންގެ އުރަމަތީގެ ކެންސަރަށް ހޭލުންތެރި ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ހާރޑް ރޮކް މޯލްޑިވްސްއިން ބާއްވަމުން އަންނަ ދުވުން "ޕިންކްޓޯބަރ ފަން ރަން " ބާއްވައިފިއެވެ. މި ދުވުން ބާއްވާފައިވަނީ މިއަދު ހަވީރު ކްރޮސް ރޯޑް މޯލްޑިވްސްގައިއެވެ.

ކޮންމެ އަހަރަކުވެސް އޮކްޓޫބަރު މަހު ހާރޑް ރޮކް މޯލްޑިވްސް އިން ބާއްވާ މި ހަރަކާތަކީ އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކޮށް މިކަމަކީ ކިހާ މުހިންމުކަމެއްކަން އަންގައިދިނުމަށް ބާއްވާ ހަރަކާތަކެވެ. އަދި މިކަން ތަޙައްމަލުކުރަމުންދާ ފަރާތްތަކުގެ ފަރުވާގެ ކަންކަމަށް ފަންޑު ހޯދައިދިނުމަކީވެސް މި ހަރަކާތުގެ މުހިންމު ބޭނުމެކެވެ.

"ޕިންކްޓޯބަރ" ހަރަކާތާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ހާރޑް ރޮކް މޯލްޑިވްސްގެ ހޮޓެލް މެނޭޖަރ ޢަބްދުﷲ މުފީދު ވިދާޅުވީ، މި ހަރަކާތަކީ ހާރޑް ރޮކް ފައުންޑޭޝަންއިން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ. އެގޮތުން ރާއްޖެވެސް ހިމެނޭހެން ދުނިޔޭގެ 70 ޤައުމުގެ 260 ސަރަޙައްދެއްގައި މި ހަރަކާތް ކުރިއަށްގެންދާކަމަށް މުފީދު ވިދާޅުވިއެވެ.

މުފީދު ވިދާޅުވީ، ހާރޑް ރޮކްއިން މި ހަރަކާތް ބާއްވަމުން އަންނަތާ މިހާރު 24 އަހަރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ކްރޮސްރޯޑްގައި ރިސޯޓް ހުޅުވާ މި ހަރަކާތް ބާއްވާތާ މިއީ 4 ވަނަ އަހަރެވެ.

"މި އިވެންޓް ހާރޑް ރޮކްގައި ބާއްވާތާ މިއީ ގާތްގަނޑަކަށް 24 ވަނަ އަހަރު. އަޅުގަނޑުމެން މި ރިސޯޓް ހުޅުވިފަހުން މިއީ 4 ވަނަ ފަހަރު. މި ކުރާ ކަމަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ފަންޑް ރައިސްކުރުން. ހުރިހާ ލާރިއެއްވެސް ޑޮނޭޓް ކުރާނީ ބްރެސްޓް ކެންސަރ ސޮސައިޓީތަކަށް. ރާއްޖޭގައި މިހުންނަނީ ކެންސަރ ސޮސައިޓީ އޮފް ދި މޯލްޑިވްސް. އަޅުގަނޑުމެންވެސް ކަލެކްޓް ކުރާ ހުރިހާ ފައިސާއެއް ޑޮނޭޓް ކުރާނީ ކެންސަރ ސޮސައިޓީއަށް." މުފީދު ވިދާޅުވިއެވެ.

މުފީދު ވިދާޅުވީ، މިދިޔަ އަހަރު ބޭއްވި ހަރަކާތުންވެސް ކެންސަރ ސޮސައިޓީއަށް އެއްލައްކަ ރުފިޔާ ހަދިޔާކޮށްފައިވާކަމަށެވެ. އަދި މި އަހަރުގެ އަމާޒަކީ އެއަށްވުރެ ބޮޑު ޑޮނޭޝަނެއް ކެންސަރ ސޮސައިޓީއަށް ހަދިޔާކުރުންކަމަށެވެ. ފަންޑު ހޯދުމަށް މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ގެސްޓުންގެ މެދުގައި ތަފާތު އެކި ހަރަކާތްތައް ހާރޑް ރޮކް އިން އަންނަނީ ހިންގަމުންނެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ އޯގަނައިޒީން ސެކެޓްރީ ރަޒާން މުޙައްމަދު ވިދާޅުވީ، ހާރޑް ރޮކް މޯލްޑިވްސް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ހަރަކާތުގެ ސަބަބުން އެޖަމްޢިއްޔާގެ މަސައްކަތްތަކަށް ވަރަށް ބޮޑުތަނުން ފަސޭހަވެގެން ދާކަމަށެވެ. އަދި މިކަން ވެގެން ދަނީ ލިބޭ އިތުރު ހިތްވަރަކަށް ކަމަށް ރަޒާން ވިދާޅުވިއެވެ.

"މިއީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް. އެއީ އަޅުގަނޑުމެންނަށް އެ ލިބޭ ފަންޑުން ޔޫޓިލައިޒް މި ކުރަނީ ރާއްޖޭގެ އެކި އެކި އަތޮޅުތަކުގައި އަޅުގަނޑުމެން ބާއްވާ ކެންސަރ އެވެއާނެސް އަދި ސްކްރީއިން ޕްރޮގްރާމްތަކަށް. އެ ހަރަކާތްތައް ހިންގުމުގައި އަޅުގަނޑުމެންނަށް އެންމެ ބޮޑު ހިތްވަރެއް މި ލިބެނީ މި ގޮތަށް ފަންޑުރައިޒް ކޮށްގެން އެހީ ފޯރުކޮށްދޭ ފަރާތްތަކުން" ރަޒާން ވިދާޅުވިއެވެ.

ފާއިތުވި 3 އަހަރުވެސް ހާރޑް ރޮކް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ފަންޑް ރައިސިންގ ހަރަކާތްތަކުން ލިބުނު ފައިސާ ކެންސަރ ސޮސައިޓީއަށް ވަނީ ހަދިޔާކޮށްފައެވެ. ކްރޮސް ރޯޑް މޯލްޑިވްސްގައި ބޭއްވި މި ދުވުމުގައި ގާތްގަނޑަކަށް 200 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

ކޮންމެ އަހަރެއްގެވެސް އޮކޮޓޯބަރު މަހަކީ އުރަމަތީގެ ކެންސަރަށް ހޭކުންތެރިކަން އިތުރުކުރުކޮށް އުރަމަތީގެ ކެންސަރުގެ ހަޤީޤަތްތައް ދަސްކޮށްދިނުމަށް ވަކާލާތުކޮށް ބާރުއެޅުމުގެ މަހެވެ. މިމަހު އާންމުންނާއި މުއައްސަސާތަކާއި ޖަމިއްޔާޖަމާއަތްތަކާއި ކުންފުނިތަކުން ފިޔާތޮށި ކުލަ ބޭނުންކޮށްގެން އުރަމަތީގެ ކެންސަރަށް އަހުލުވެރިކުރުވުމަށް ވަކާލުތުކުރަމުންދެއެވެ.