ޚަބަރު

އީމާންތެރިކަމާއި ރިވެތި އަޙްލާޤުގައި މަސައްކަތް ކުރުމުން ކާމިޔާބުވާނެ: އުއްތަމަ ފަނޑިޔާރު


  • ކާމިޔާބުކަމާއެކު ތަޢުލީމު ފުރިހަމަކުރި ދަރިވަރުންނަށް މަރުޙަބާ ދެންނެވި

  • ތަޢުލީމީ ހަޔާތުގައި ކުރަންޖެހޭ ތަޖުރިބާ ތަފާތު

  • މި އަހަރު ޖުމްލަ 314 ކުދިން ވަނީ ދަސްވެނިވެފައި

ހިތްވަރާއިއެކު ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، އީމާންތެރިކަމާއި ރިވެތި އަޙްލާޤުގެ މަތީގައި މަސައްކަތް ކުރުމުން ކާމިޔާބު ލިބޭނެކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛު މުޢުތަސިމް އަދުނާނު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛު މުޢުތަސިމް އަދުނާނު ވަނީ ކާމިޔާބު ކަމާއެކު ކިޔެވުން ފުރިހަމަކުރެއްވި ހުރިހާ ދަރިވަރުންނަށް މަރުޙަބާކިޔާފައެވެ. އަދި ކުރިއަށް އޮތް މުސްތަޤުބަލު އިތުރަށް ފުރިހަމަކޮށް އުޖާލާކުރުމަށް އެ މަނިކުފާނު ވަނީ ދަސްވެނިންނަށް ހިތްވަރުދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ދަރިވަރުންނާއި މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އުއްތަމަ ފަނޑިޔާރު ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ދިރިއުޅުއްވުމުގެ ތަޖުރިބާ ހިއްސާކުރައްވާފައެވެ. އެގޮތުން ތަޢުލީމީ ހަޔާތް ނިންމެވުމަށްފަހު އެމަނިކުފާނު އެންމެ ބޮޑަށް ވިސްނެވީ ސާދާ ދިރިއުޅުމެއް އުޅުމަށާއި، ޤައުމެއް ކޮށްދެއްވޭނެ ކަމަކާމެދުގައިކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛު މުޢުތަސިމް އަދުނާނު ވިދާޅުވީ، ތަޢުލީމީ ހަޔާތުގައި އެކި ކުދިން ކަޑަތު ކުރަން ޖެހޭނީ އެކިވަރުގެ ކަންކަންކަމަށެވެ. އަދި ދިމާވާ ގޮންޖެހުންތަކާއި ހުރަސްތަކުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭނެކަމަށެވެ.

"އަދި ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ގޮންޖެހުންތަކަކާއި ކުރިމަތިލާނެ މީހެއް. މި ގޮންޖެހުންތަކާއި ކުރިމަތިލާ އެ ގޮންޖެހުންތަކުން އަރައިގައްނާނެ ގޮތް ދެނެގަނެ އެ އަރައިގައްނާނެ ގޮތް ޕްލޭންކޮށް އަރައިގައްނަން ޖެހޭނެ. އިހުލާސްތެރިކަމާއެކު އަދި ހިއްވަރާއެކު މަސައްކަތް ކުރާ ކޮންމެ މީހަކަށް މާތް ރަސްކަލާންގެ ތައުފީގު ދެއްވާނެކަން ޔަޤީން" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ހިތްވާރާއެކު މަސައްކަތްކޮށް އީމާންތެރިކަމާއި ރިވެތި އަޙްލާޤުގެ މަތީގައި މަސައްކަތް ކުރުމުން ކޮންމެ މީހަކަށްވެސް ކާމިޔާބު ލިބޭނެކަމަށެވެ. އަދި ކޮންމެ މީހަކުވެސް ހިތްވަރާއެކު ކާމިޔާބީ ހޯދަން މަސައްކަތް ކުރުމަށް އުއްތަމަ ފަނޑިޔާރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުން މި އަހަރު ޖުމްލަ 314 ކުދިން ވަނީ ދަސްވެނިވެފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ފާހަގަކޮށްލެވޭ މަތީ ތަޢުލީމުގެ މުއައްސަސާއެވެ.