ޚަބަރު

ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި


  • މި މަޝްރޫއުގެ ދަށުން 26 ހެކްޓަރުގެ ބިން ހިއްކާނެ

  • މިމަޝްރޫޢުގެ ސަބަބުން ދިއްދޫގެ ބިމުގެ ދަތިކަމަށް ހައްލެއް ލިބޭނެ

  • މީގެ ސަބަބުން ދިއްދޫ އިތުރަށް އާބާދުވެ ތަރައްޤީކުރުމުގެ ދޮރުތައް ހުޅުވިގެން ދާނެ

  • ދިއްދޫން އެންމެ ފަހުން ބިން ހިއްކާފައިވަނީ 2010 ވަނަ އަހަރު، އެއީ 31 ހެކްޓަރު

ހއ.ދިއްދޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ފަށައިފިއެވެ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައި ދެއްވީ މިކަމަށްޓަަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.

ހއ.ދިއްދުއަކީ ރާއްޖޭގެ އެންމެ އުތުރުން އެންމެ އާބާދީ ބޮޑު އެއްރަށެވެ. ދިއްދޫގައި 5000ހާހެއްހާ މީހުން ދަނީ ދިރިއުޅެމުންނެވެ.
ދިއްދުއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ބިމުގެ ޖާގައިގެ ދަތިކަމެއެވެ. ދިއްދޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 17 ޖުލައި 2023 ގައެވެ. މިމަޝްރޫއުގެ ދަށުން ޖުމްލަ 26 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

ބިއް ހިއްކުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހުމަދުދީދީ ވިދާޅުވީ މިމަޝްރޫއަކީ ދިއްދޫގެ ރައްޔިތުންނަށް ވަރަށް މުހިންމު މަޝްރޫއެއްކަމަށެވެ. އަދި މިމަޝްރޫއާއެކީ ދިއްދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެކަމަށެވެ. މިނިސްޓަރ މާރިޔާ ވިދާޅުވީ ކުރީ ސަރުކާރުން ރަށްރަށުގައި ތަރައޤީގެ މަޝްރޫޢުތައް ހިންގުމަށް ބަޖެޓު ކުރެއްވިއިރު ދިއްދޫގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ބަޖެޓުގައި ހިމަނުއްވާފައި ނުވާކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުން ދިއްދޫގައި ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ފައްޓަވައިގެން ހިންގަވަމުން ގެންދަވާކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

"ބައްލަވާ ރައީސުލްޖުމްހޫރިއްޔާ ތިޔަބޭފުޅުންނަށް ގެނެސްދެއްވަން އެއުޅުއްވަނީ 90 މިލިޔަން ރުފިޔާގެ އަގުހުރި ބިން ހިއްކުމުގެ މަޝްރޫއެއް. ދެންމެ އަޅުގަަނޑު ކާރީގައި ސީއީއޯ ވިދާޅުވީ އެއީ ރިވެޓްމަންޓްނުލައޭ. ހަމައެކަނި އެއްބައޭ އެމަޝްރޫއުގެ. މި ބިން ހިއްކުން އެބޭފުޅުން އެވިދާޅުވަނީ 26 ދުވަސްތެރޭގައި ނިމިގެން ދާނެ. 26 ހެކްޓަރު 26 ދުވަސްތެރޭގައި" މާރިޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކޮންމެ މަޝްރޫއެއްވެސް ފަށަނީ ކަނޑައެޅިފައިވާ ތާރީޚަށް ނިންމުމުގެ އުންމީދުގައިކަމަށެވެ. އެގޮތުން މިހާތަނަށް އެމްޓީސީސީން 157 މަޝްރޫއު ނިންމާ 90އަށް ވުރެ ގިނަ ރަށުގައި މިހާރުވެސް މަސައްކަތް ކުރިއަށްދާކަން އާޒިމް ފާހަގަކުރެއްވިއެވެ.

" މީ ދުވަހަކުވެސް ރާއްޖޭގެ ތާރީޚުގައިވެސް އެއްފަހަރާ މަސައްކަތް ހިނގަމުން ނުދާ އަދަދެއް. ގައިމުވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންދެކެ ލޯބިވާތީ ރައްޔިތުން ބޭނުންވާ މުހިންމު ކަންކަން އަވަހަށް ނިންމަން ބޭނުންވާތީ ތަންތަނުން ފައިސާ ހޯދައިގެން ރައްޔިތުންނަށް އެކަން އެގޮތަށް އެކޮއްދެނީ. ކޮންމެ ރަށަކަށް ބަލާލިޔަސް ތުރާކުނުން ފެށިގެން އައްޑޫ ސިޓީއަށް ބަލާލިޔަސް ޕްރޮޖެކްޓެއް ނުހިނގާ ޕްރޮޖެކްޓެއް ނުނިންމާ ރަށެއް މިގައުމަކު ނޯންނާނެ މިހާރަކު. ދުވަހަކުވެސް ރާއްޖޭގެ ތާރީޚުގައި މިގޮތަށް މިކަން ހިނގާފައެއް ނެތް" އާޒިމް ވިދާޅުވިއެވެ.

ދިއްދޫ ކައުންސިލުން ވިދާޅުވީ މިމަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ދިއްދޫ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ލިބ،ި މުސްތަޤުބަލުގައި ދިއްދޫ އިތުރަށް އާބާދުވެ ތަރައްޤީކުރުމުގެ ދޮރުތައް ހުޅުވިގެން ދާނެކަމަށެވެ. އެގޮތުން މިފަހަރު އިތުރުކުރެވޭ 26 ހެކްޓަރާއެކު ގެސްޓް ހައުސް ވިޔަފާރިޔާއި އެހެނިހެން ސިނާއަތްތަކަަށް ބިން ދެވިގެން ދާނެކަމަށް ދިއްދޫގެ ކައުންސިލުން ފާހަގަކުރެއެވެ.

މި މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި 1,150 މީޓަރުގެ ސޭންޑް ބަންޑުވޯލްއެއް ހެދުމާއ،ި 623,968 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއ،ި 10,962 ކިއުބިކް މީޓަރުގެ ގޮނޑުދޮށް ސަރަޙައްދުގެ ބިން ހިއްކުމާއ،ި 916 މީޓަރުގެ ބަޔޮސްވޭލް ޓްރެންޗެއް ކޮނުމާއ،ި 916 މީޓަރުގެ ޖިއޯ ޓެކްސްޓައިލް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މިމަޝްރޫޢުގެ މަސައްކަތަށް 83.07 މިލިއަން ރުފިޔާގެ ޚަރަދުވެއެވެ.

ދިއްދޫގެ ބިންހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ދިޔުމުން އެކަމާ އުފާވެ ހިތްހަމަޖެހޭކަން ދިއްދޫގެ ރައްޔިތުން ފާހަގަކުރެއެވެ.

" އާދެ އަޅުގަނޑުމެން ވަރަށް އުފާވޭ، ވަރަށް ވަރަށް އުފާވޭ ދިއްދޫގައި މިކަހަލަ ދެވަނަ ފިޔަވަޅެއް އެޅިގެން ދިޔައީތީ. އަޅުގަނޑުމެންގެ ދަރީންގެ ދަރީންގެ މުސްތަޤުބަލަށްވެސް ލިބޭނީ އަދި ފްލެޓް އެޅުމާއި އެކި ކަންކަން ހިނގާނީވެސް މިކަހަލަ ބިމެއް އަޅުގަނޑުމެންނަށް ލިބިގެން. އަޅުގަނޑުމެން ވަރަށް އުފާވޭ ހަގީގަތުގަވެސް." ދިއްދޫ ރައްޔިތަކު ބުންޏެވެ.

ދިިއްދޫގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން 2010 ވަނަ އަހަރުވެސް އެމްޑީޕީ ސަރުކާރުން ވަނީ ދިއްދޫން 31 ހެކްޓަރުގެ ބިންހިއްކާ ހިއްކި ސަރައްދުގައި 250 ހައުސިންގ ޔުނިޓް އަޅާފައެވެ.