ޚަބަރު

ގެވެށި އަނިޔާގެ މައްސަލަތަކުގައި ކައުންސިލުތަކުން އެހީވުމާބެހޭ ގަވާއިދެއް އެކުލަވާލައިފި


  • ގެވެށި އަނިޔާގެ މައްސަލަތަކުގައި ފުރަތަމަ އިޖާބަދޭ އިދާރާގެ ގޮތުގައި އެ ރަށެއްގެ ކައުންސިލްތައް

  • ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރުމަށް ކައުންސިލްތަކަށް މަގުފަހިކުރުން

  • މައުލޫމާތުގެ ސިއްރުކަން ކައުންސިލްތަކުން ހިފަހައްޓަންޖެހޭ

ރަށްތަކުގައި ހިނގާ ގެވެށި އަނިޔާގެ މައްސަލަތަކުގައި ފުރަތަމަ އިޖާބަދޭ އިދާރާގެ ގޮތުގައި އެ ރަށެއްގެ ކައުންސިލު ހަމަޖެއްސުމާ ބެހޭ އުސޫލުތައް ކަނޑައަޅައި ގަވައިދެއް އެކުލަވާލައްވައިފިއެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، އެފް.ޕީ.އޭއިން "ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކައުންސިލުތަކާ މަސްއޫލިއްޔަތު ހަވާލުކުރުމުގެ ގަވާއިދު" ގެ ނަމުގައި އާއްމުކުރެއްވި މި ގަވާއިދުގައިވާ ގޮތުން ފުލުހުންގެ މަރުކަޒެއް ނުވަތަ ޑެސްކެއް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރެއް ނުވަތަ ނުވަތަ ޑެސްކެއް ނެތް ރަށެއްގައި ގެވެށި އަނިޔާގެ މައްސަލަތަކަށް ފުރަތަމަ އިޖާބަދޭ ފަރާތްތެއްގެ ގޮތުގައި މަސައްކަތް ކުރާނީ ޖެންޑަރ މިނިސްޓްރީއާއި ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކައުންސިލްތަކުންނެވެ.

އެގޮތުން ކައުންސިލްތަކުން މަސައްކަތް ކުރަން ޖެހޭނީ ފުލުހުން ނުވަތަ ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރުން ނުވަތަ މިނިސްޓްރީ އިރުޝާދު ދޭ ގޮތެއްގެ މަތިން ކަމަށް ވެސް ގަވާއިދުގައިވެއެވެ.

އެފް.ޕީ.އޭއިން ވިދާޅުވީ، މި ގަވާއިދުގެ މައިގަނޑު ބޭނުމަކީ ކައުންސިލްތަކުގެ އިޙްތިސާސް ހިނގާ ސަރަޙައްދުތަކުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އުފުލުމަށް އެކައުންސިލަކަށް މަގުފަހި ކޮށްދިނުމެއެވެ. އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު ތަންފީޒު ކުރުމުގައި ކައުންސިލްތަކުގެ ބައިވެރިވުން ހޯދޭނެކަން ކަށަވަރު ކުރުންކަމަށެވެ.

މި ގަވައިދުގައިވާ ބަޔާންކޮށްފައިވާގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ރަށު ތެރޭގައި ހިނގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ ނުވަތަ ފާހަގަކުރެއްވިއްޖެނަމަ ވަގުތުން ފުލުހުންނަށް އަންގަން ޖެހޭނެއެވެ. އަދި އެ ރަށެއްގައި ހިނގާ ގެވެށި އަނިޔާގެ މައްސަލަތަކުގެ ތަފާސްހިސާބުތައް ބަލަހައްޓައި މިނިސްޓަރު އަންގަވާ ގޮތެއްގެ މަތިން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް އަންގަން ޖެހެއެވެ.

ކައުންސިލުތަކުން ގެވެށި އަނިޔާގެ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހެނީ ކައުންސިލުގައި އެކަމަށް ޚާއްސަކޮށްފައި ތިބޭ މުވައްޒަފުންނެވެ. އަދި އެފަދަ މައްސަލަތަކުގައި ކައުންސިލުން މަސްއޫލިއްޔަތު އަދާކުރުމުގައި ލިބޭ އެންމެހާ މައުލޫމާތުގެ ސިއްރު އެ ކައުންސިލަކުން ހިފަހައްޓަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގެވެށި އަނިޔާގެ މައްސަލައެއްގައި ފިޔަވަޅު އަޅަން ފުލުހުން ނުވަތަ މިނިސްޓްރީއަށް ދެވެންދެން ރަށު ކައުންސިލުތަކުން އަމަލުކުރަން ޖެހޭ ގޮތްވެސް މި ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ރައްކާތެރިކަން ބޭނުންވާ ފަރާތަށް ވަގުތުން ރައްކާތެރިކަން ފޯރުކޮށްދިނުން، މައްސަލައަކާ ގުޅޭ ފަރާތެއްގެ މައުލޫމާތެއް ބޭނުންވާނަމަ އެ މައުލޫމާތެއް ހޯދުން، ފުލުހުން ނުވަތަ މިނިސްޓްރީން ނުވަތަ ފެމިލީ އެންޑް ޗައިލްޑް ސަރވިސް ސެންޓަރަކުން އެދޭ އެހެން ކަންކަން ކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ހުށަހެޅިފައިވާ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ސާފުކޮށް ރެކޯޑުކުރުމަކީވެސް ކައުންސިލުތަކުން ކުރަން ޖެހޭނެކަމެކެއެވެ.

މީގެ އިތުރުން ގެވެށި އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގައި މަދަނީ ޖަމާއަތްތަކުގެ އެހީތެރިކަންވެސް ހޯދަން ގަވައިދުގައި ބުނެފައިވެއެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ރަށުގައު ނުވަތަ އަތޮޅުގައި އަދި ސިޓީގައި ހަރަކާތްތެރިވާ މުވައްސަސާތަކުން ކައުންސިލްތަކިގެ އެއްބާރުލުމާއި އެހީތެރިކަން އެދިއްޖެނަމަ އެ ކައުންސިލްތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭން ޖެހޭނެއެވެ.