ޚަބަރު

ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް މާލެ ސަރަހައްދުން ހިއްކެންހުރި ފަޅުތައް ހިއްކާނަން: މުޢިއްޒު


  • ބިން ހިއްކައިގެން ބޯހިޔާވަހިކަން ފޯރުކޮށްދޭނަން

  • ކުދި ބިންކޮޅުތައް ދޫކޮށްލަން ނުޖެހޭގޮތަށް ޤާނޫނު ބަދަލުކުރާނަން

  • ގާކޮށި އަރަބިއްޔާ ފްލެޓްތަކުގެ ރައްޔިތުންނަށް ލޯނުދެއްކޭނެ ފަސޭހަ ގޮތްތައް ހޯދައިދޭނަން

މާލެ ސަރަހައްދުގައި ހިއްކެން ހުރިހުރިހާ ފަޅެއް ހިއްކައިގެންވެސް ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނު އުތުރު ދާއިރާގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ އިޖްތިމާއީ މައްސަލަތަކާއި، ފުދުންތެރިކަމާ ގުޅުންހުރި އެންމެ މުހިންމު އެއް މައްސަލައަކަށް ވެފައި އޮތީ ގެދޮރުވެރިކަން ކަމަށެވެ. އަދި ޤައުމަށް ހަމަޖެހުމާއި ފުދުންތެރިކަން ލިބޭނީ އިންސާފުވެރިކަމާއެކު ގެދޮރުވެރިކަން ކަށަވަރުކޮށްދެވިގެންކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ގެދޮރުވެރިކަން ކަށަވަރުކޮށްދޭނީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތާވެސް އެކުގައިކަމަށެވެ. މިހާރު އިޤްތިޞާދު އޮތީ ނާޒުކު ހާލަތެއްގައިކަމަށާއި، އެކަމުން އަރައިގަތުމަށް އެތައް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ބޯހިޔާވަހިކަމީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު އިޖްތިމާއީ މައްސަލަ. އެ މައްސަލައަކީ މަދު ފްލެޓްކޮޅެއް އަޅައިގެން ކުރެވޭނެކަމެއް ނޫން. އަޅުގަނޑުގެ ވެރިކަމެއްގައި އެކަމަށް ދާއިމީ ހައްލެއް ހޯދައިދޭނަން. މާލެ ސަރަަހައްދުގައި ހިއްކެން ހުރި ހުރިހާ ބިމެއް ހިއްކައިވެސް އެކަން ކުރާނަން. އަދި އެކަން ކޮށް ގެދޮރު އެޅުމަށް ޚާއްސަ ލޯނުތަކެއްވެސް ހަމަޖައްސައި ދޭނަން." ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

600 އަކަފޫޓް ހަމަނުވާ ގޭގޭގައި ދިރިއުޅޭ ފަރާތްތަކުން ގެވަޅު ލިބިއްޖެނަމަ ދޫކޮށްލަން އޮންނަ ޝަރުތާއި ގުޅޭގޮތުން މުއިއްޒު ވިދާޅުވީ އެތަންތަން ދޫކޮށްލަން ނުޖެހޭގޮތަށް ޤާނޫނުތަކަށް އިސްލާޙު ގެންނަވާނެކަމަށެވެ.