ޚަބަރު

ކުޅުދުއްފުށި ސިޓީ މަގުތައް ތަރައްޤީކުރުމުގެ 3ވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް އާރްޑީސީއަށް


  • މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 730 ދުވަހުން ނިންމުމަށް

  • މި މަޝްރޫޢުއަށް 100.4 މިލިޔަން ރުފިޔާ ޚަރަދުވޭ

ކުޅުދުއްފުށި ސިޓީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 100.4 މިލިޔަން ރުފިޔާއަށް 730 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށި ސީޓިގައި 3.4 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ދުވާރު ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރުން ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުމާއި ކުޅުދުއްފުށި ސިޓީގެ ނަހަދާހުރި ހުރިހާމަގެއް ޑިޒައިން ކުރުން ހިމެނެއެވެ.

ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މީގެ ކުރިން 2 ފިޔަވައްސަކަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށްގެންގޮސްފައިވެއެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ތާރު އަޅައިގެން 18 މަގެއް ތަރައްޤީކުރިއެވެ. އަދި 2022 ވަނަ އަހަރު ވަނީ އިތުރު 24 މަގު ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ފަށާފައެވެ. މި މަސައްކަތްތައްވެސް ކޮށްފައިވަނީ އާރްޑީސީންނެވެ.

ކުޅުދުއްފުއްޓަކީ އުތުރުގެ ރަށްތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު އަދި، އެކި ޚިދުމަތްތަކަށް އެންމެ ގިނަ ބަޔަކު އަރާ ފައިބާ ރަށެވެ. ރީޖަނަލް ހޮސްޕިޓަލާއި އެއަރޕޯޓާއި އަދި ސަރުކާރުގެ އޮފީސްތަކުގެ އެކި ޚިދުމަތްތަކަށް ގިނަ ބަޔަކު ދަތުރުކުރާ ރަށެކެވެ.

މަގުތައް އަޑިގުޑަންވުމުން ހިނގާބިނގާވެ އުޅުމާއި އަދި އުޅަނދުތައް ދުއްވުން އޮތީ އުނދަގުލަކަށް ވެފައެވެ. އެންމެ ބޮޑު ދަތިކަމަކީ މަގުތަކުގައި ފެން ބޮޑުވާ މައްސަލައެވެ.