ޚަބަރު

ރައީސް ނަޝީދަށް އިންސާފު ހޯދައިދޭނީ އަޅުގަނޑުގެ ވެރިކަމެއްގައި: މުޢިއްޒު


  • ރައީސް ނަޝީދަށް އިންސާފު ލިބިވަޑައިގެންފައިނުވާކަމަށް ވިދާޅުވި

  • ރައީސް ނަޝީދަށް ހަމަލާދިނީ 2021 މެއި 6ގައި

  • ރައީސް ނަޝީދަށް އިންސާފު ހޯދައިދެއްވާނެކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް ދިން ހަމަލާގެ އިންސާފު ހޯއްދަވައިދެއްވާނީ އެމަނކކުފާނުގެ ސަރުކާރެއްގައިކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި މާލޭ މާފަންނު އުތުރު ދާއިރާގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަށްފަހު އަދިވެސް އެމަނިކަށް އިންސާފު ލިބިވަޑައިގެންފައިނުވާކަމަށެވެ. މުޢިއްޒު ވިދާޅުވީ، ޕީއެންސީގެ ސަރުކާރެއް ވާނީ އިންސާފަށް މަސައްކަތްކުރާ ސަރުކާރަކަށްކަމަށެވެ. އަދި ޝަރުޢީ ދާއިރާ މިނިވަންކޮށް، ވަކި މީހަކަށް ބެލުމެއްނެތި ހަމަހަމަކަމާއެކު އެންމެނަށް އިންސާފު ޤާއިމްކޮށްދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"އެހެންވީމާ އިންސާފުވެރި ސަރުކާރެއް ގާއިމްކުރަން އަޅުގަނޑުމެން މި އަންނަނީ،. އަޅުގަނޑުގެ ވެރިކަމެއް ޤާއިމްވެއްޖެ ނަމަ ހަމަހަމަ ކަމާއެކު ހުރިހާ ރައްޔިތުންނަށް އިންސާފު ޤާއިމްކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެން. ވެރިކަން ލިބިޖެނަމަ ރައީސް ނަޝީދަށް އިންސާފު ހޯއްދަވައިދެއްވާނަން" ޑރ.މުޙައްމަދު މުޢިއްޒު ވިދާލުވިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން 2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަދުވަހު ދިން ހަމަލާއާއި ގުޅިގެން 8 މީހެއްގެ މައްޗަށް ދައުވާ އުފުލިއެވެ. އޭގެތެރެއިން ރައީސް ނަޝިދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލި އަޙްމަދު އަދުހަމްގެ މައްޗަށް ވަނީ ކުށް ސާބިތުވެ 23 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފައެވެ. އަދި ބާކީ ތިބި މީހުންގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީއަތް އަދި ނުނިމެއެވެ.