ޚަބަރު

ޤައުމު ތަރައްޤީކުރާނީ ޑްރަގްގެ ވަބާއިން ޒުވާނުން ސަލާމަތްކޮށްގެން: ޑރ.މުއިއްޒު


  • ޒުވާނުން ޑްރަގުގެ ވަބާއިން ސަލާމަތްކުރާނެކަމަށް

  • ޤައުމު ތަރައްޤީކުރާނީ ޒުވާނުންގެ ދައުރާއެކުކަމަށް

  • ށ.އަތޮޅު ރައީސް ޕީޕީއެމަށް ސޮއިކުރެއްވި

ގައުމު ތަރައްޤީ ކުރެވޭނީ ޒުވާނުންގެ ދައުރު ފުޅާކޮށްގެންކަމަށާއި، އެހެންކަމުން ޑްރަގްގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން އެވަބާއިން ދުރުކުރުމަށް ޚާއްޞާ މަސައްކަތްތަކެއް ކުރައްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިހާރު ހއ، ހދ އަދި ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ ފުނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ، އަޚްލާގީގޮތުން ރަނގަޅު މުޖްތަމަޢުއެއް ބިނާކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ ރަނގަޅު ޒުވާން ޖީލެއް ބިނާކޮށް ތަރުބިއްޔަތުކުރުންކަމަށެވެ. ޢެކަމަށް ކުރައްވާނެ އެންމެ މުހިންމު އެއްކަމަކީ ޑްރަގްގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން ސަލާމަތްކުރެއްވުންކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ ޒުވާނުން ކުރިއަށްދެވޭނެ ފަހި މަގުތަކެއް އެމަނިކުފާނުގެ ވެރިކަމެއްގައި ހޯދަވައިދެއްވާނެކަމަށާ، ޒުވާނުން އަމިއްލަ ފައިމައްޗައް ތެދުވެ ޤައުމަށް އިޚްލާސްތެރި މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށެވެ.

"މަގުންކައްސާލާފައިވާ ބިކަވެފައި ތިބި ޒުވާނުންނަށް އުފާވެރި ދުވަސްތަކެއް ހޯދަން އެބަޖެހޭ. އަލަށް ކުއްތަކަށް އަރައިގަންނަ ޒުވާނުން ޖަލަށްލުމުގެ ބަދަލުގައި އެކުދިން އެކަމުން ދުރު ކުރުމަށް މަސައްކަތް ކުރާނީ އެކުދިންނަށް މަސައްކަތްތައް ދަސްކޮށްދޭނެ ޚާއްޞަ މަރުކަޒުތަކެއް ހަދާފައި." ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ށ ފުނަދޫގައި ބޭއްވި މިޖަލްސާގައި އެމްޑީޕީ ށ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ. މިޖަލްސާގައި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.