ޚަބަރު

ޑޭޓާ ބޭސްއަށް އެކްސެސް ނުވެވޭނެ، ފޯމުތަކުގެ ޞައްހަކަން ކަށަވަރުކުރާނަން: އީސީ


  • - މިހާތަނަށް 25000 އަށްވުރެ ގިނަ ފޯމު ވަނީ ހުށައަޅާފައި

  • - މިހާތަނަށް ބެލި ފޯމުތަކުގެ ތެރެއިން 10،000 ފޯމު ޞައްހަ

  • - 1500 ފޯމު ރިޖެކްޓްކޮށްފައިވޭ

ރަށްވެހިވެފައިވާ ތަންނޫން އެހންތަނަކަށް ރަޖިސްޓްރީވުމަށް ހުށައަޅަ ހުރިހާ ފޯމެއްވެސް ވެރިފައިކުރާނެކަމަށާއި، މިހާތަނަށް އެކަމުގައި ސުވާލު އުފެދޭކަމެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނަކަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި ދެ ދުވަހުގެތެރޭގައި ފަންސަވީސް ހާހަށްވުރެ ގިނަ މީހުން ވަނީ ފޯމު ހުށައަޅާފައެވެ. މިއާއެކު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުއާއި، ޕީޕީއެމް ޕީއެންސީގެ ލީޑާރޝިޕުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ އެކަން ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުޞަތުގައި ދެ ދުވަހުގެތެރޭ ފަންސަވީސް ހާހަށްވުރެ ގިނަ ފޯމް އެކޮމިޝަނަށް ލިބިފައިވާކަމަށެވެ. އެ ފޯމުތަކުގެތެރެއިން ދިހަ ހާހަސްވުރެ ގިނަ ފޯމުގެ ޞައްޙަކަން ކަށަވަރުވެފައިވާކަމަށް ހަބީބު ވިދާޅުވިއެވެ. އަދި މަޢޫލޫމާތު ޞައްޙަކަން ކަށަވަރު ނުވާ 1500 ފޯމު މިހާތަނަށް ރިޖެކްޓް ނުވަތަ ބަލައިނުގަތުމަށް ނިންމާފައިވާކަމަށް ޙަބީބު ވިދާޅުވިއެވެ.


އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރީ ރަޖިސްޓަރވުމަށް ހުށައަޅާ ފޯމުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާކަމަށެވެ. އެގޮތުން އޮންލައިންކޮށް ހުށައަޅާ ފޯމުވެސް ހުށައެޅެނީ ފޯމު ފުރަމުންދާއިރު "ލައިވް ފޮޓޯ" ނުވަތަ ވަގުތުން ފޯނުން ފޮޓޯއެއް ނަގަންޖެހޭގޮތަށެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ކަރުދާސް ފޯމުގެ ގޮތުގައި ހުށައަޅާ ލިޔެކިޔުންތަކުގެ ސައްޙަކަންވެސް ކަށަވަރުކުރާނެކަމަށެވެ. ޙަބީބު ވިދާޅުވީ ދެވަނަބުރުގައި ރީ-ރެޖިސްޓަރ ކުރުމަށް، އެއްފަހަރާ ގިނަ ފޯމު ނުވަތަ ފޯމު ސެޓު ގެންނަ ފަރާތްތަކުން ހުށައަޅާ ލިޔުންތަކުގެ ސައްޙަކަން ދެނެގަންނާނެކަމަށެވެ.

އަދި ސައްހަނޫން ފޯމެއް ހުށަހަޅައިފިނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަމަށްވެސް ޙަބީބު ވިދާޅުވިއެވެ. އެ ކޮމިޝަނުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅޭނެގޮތަށް މަސައްކަތްތައް ގެންދިއުމަށްކަމަށް ޙަބީބް ވިދާޅުވިއެވެ. ޙަބީބް ވިދާޅުވީ މީހެއްގެ ވޯޓުލުމުގެ ޙައްޤު ގެއްލޭގޮތަށް ޢަމަލުކުރުމަކީ ޤާނޫނީ ކުށެއްކަމަށާއި، މިގޮތަށް ޢަމަލުކުރާ ފަރާތްތަކާމެދު ޤާނޫން ކަނޑައަޅާފައިވާގޮތަށް ފިޔަވަޅު އަލުއްވާނެކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ފޯމުތަކުގެ ޞައްޙަކަން ކަށަވަރު ކުރުމަށް އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެމީހެއް ވޯޓްލުމަށް ރަޖިސްޓްރީ ވެފައި އޮތް ތަން ބަލާ ޗެކްކުރުމަށް އިލްތިމާސްކުރައްވައެވެ.

އިލެކްޝަންސް ކޮމިޝަންގެ ޑޭޓާ ބޭސްއަށް އެކޮމިޝަންގެ ބޭރުން އެހެން ބަޔަކު އެކްސެސްވަމުން އަންނަ ވާހަކަތައް އެކޮމިޝަނުން ވަނީ ދޮގުކުރައްވާފައެވެ. އެކޮމިޝަނުން ދެއްވި ޔަޤީންކަމަކީ އެކޮމިޝަންގެ ޑޭޓާ ބޭސްއަށް އެހެން ބަޔަކަށް އެކްސެސް ނުވެވޭނެކަމެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 60000 ފަސްދޮޅަސް ހާހެއްހާ މީހުން ވަނީ ރީ ރެޖިސްޓްރީކޮށްފައެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މިހަމަހުގެ ތިރީސް ވަނަ ދުވަހުއެވެ.